މިއީ އީމާންކަން ހިފެހެއްޓުމަކީ އަތަށް އަނގުރު އަލިފާން ލައިގެން އުޅުންފަދަ ކަމަކަށް ވާނެ ޒަމާނެއް އަންނާނެ ކަމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) މީގެ 1400 އަހަރު ކުރިން ބަޔާން ކުރެއްވެވި ޒަމާނެވެ. އެ ދުވަސް މިއަދު މިވަނީ އައިސް އަޅުގަނޑުމެންނާއި ބައްދަލުކޮށްފައެވެ.
މި ދުވަސްތަކުގައި އެކަމަށް ހޭލުންތެރިވެ ކެތްތެރިވެ އީމާންކަން ދިފާޢުކޮށް ތަޤްވާވެރިކަން މަތީގައި ހުރި މީހަކަށް ﷲ ދެއްވަވާނެ މަތިވެރިކަންވެސް ހަމަ އެހައި ބޮޑުކަން ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ވަނީ ބަޔާންކޮށްދެއްވަވައިފައެވެ. މި ދުވަސްވަރު ނުވަތަ މިޒަމާނުގައި ތަޤްވާވެރިކަން ހިމާޔަތްކޮށް ެހައްޤު ގޮތުގައި ހުރި މީހަކަށް 50 ޞަހާބީންގެ މަތިވެރި ދަރަޖަ ދެއްވަވާނެކަން ވަނީ ބަޔާންކުރައްވަވައިފައެވެ.
ރަނގަޅަށް ވިސްނާށެވެ! އެޒަމާނުގައި މީސްތަކުން ކޮށް އުޅުނީ ވަރަށް މަދު ފާފަތަކެކެވެ. އެ ޒަމާނުގައި ފާފަކުރަން އެހައި ފަސޭހައެއް ނޫނެވެ. ފާފަ ކުރެވޭނެ މަގުތައް އެހައި ގިނައެއް ނޫނެވެ. ނަމަވެސް މިއަދު މީސްތަކުން ވަށާލެވިފައި މިވަނީ ފާފަތައް ކުރެވޭނެ ވަސީލަތްތަކުންނެވެ. ބަލައިލި ކޮންމެ ދިމާއަކުން ފެންނަން ހުރީ ފާފަތައް ކުރެވޭނެ ވަސީލަތްތަކާއި ގޮތްތަކެވެ. އެކަން ކުރެވޭނެ މަގުތަކެވެ.
ފަސޭހަކަމާއިއެކު ލިބެން ވަށައިގެން މިހިރީ ބަނގުރަލާއި އެނޫންވެސް އެމީހަކު ބޭނުންވާ ބާވަތެއްގެ މަސްތުވާ ތަކެއްޗެވެ. ޕާޓީ ޑްރަގްސްތަކުން މިވަނީ ފުނިޖެހިފައެވެ. ޒިނޭކުރާނެ އަންހެނަކު ހޯދަން ތަނަކަށް ދާކަށް ނުޖެހެއެވެ. ފޯނުން ހުރިހާ ކަމެއް މިއޮތީ ހަމަޖެހޭށެވެ. ފޯނުކޯލަކުން ހަމަޖެހެން ނެތީ މިވެނި ފާފައެއްކަން ބަޔާން ކުރެވޭކަށް މިހާރަކު ނެތެވެ. އަދި ކީއްހެއްޔެވެ؟ ޒިނޭކުރަން ބޭނުންތޯ ބަލަން އަމިއްލައަށް ފޯނުކުރާ އަންހެނުންގެ އަދަދުވެސް ހަމަ އެހައިމެ ގިނައެވެ.
އެޒަމާނުގައި ޒިނޭކުރާ އަންހެނުން ތިބެނީ ވަކިން ފޭލިގެތައް ޖަހައިގެންނެވެ. އެއިން ފޭލިގެއަކަށް ވަދެއްޖެނަމަ އެކަން އެންމެންނަށް އެނގޭނެއެވެ. ނަމަވެސް މިއަދު އެކަން މިވަނީ ބަދަލުވެފައެވެ. އެމީހަކު ހުރި ކޮންމެ ތަނަކީ ޒިނޭކުރާ، މަސްތުވެވޭ ތަނަކަށް މިވަނީ ބަދަލުވެފައެވެ.
މީހަކު މަރަން ކަނޑި ހިފައިގެން މަގުމައްޗަށް ނުކުންނާކަށް ނުޖެހެއެވެ. ފޯނުކޯލެއް ކޮށްލުމުން އެކަން ކޮށްދޭނެ އެޖެންޓުންތައް ބައިވަރެވެ. ތަންތަން ލޫޓުވައިލުމާއި ބޮޑެތި ވައްކަންތައް ކުރުންވެސް ހަމަ އެހައިމެ ފަސޭހައެވެ.
މިފަދަ ހުރިހާ ކަމެއް މީސްތަކުންގެ ވަށާލާފައިވާއިރު ގިނަ މީހުންނަށް ކެތްތެރިވުން އެހައި ފަސޭހައެއް ނޫނެވެ. ﷲ ތަޢާލާއަށް ބިރުވެތިވެ ތަޤްވާވެރިވުން އެހައި ފަސޭހައެއް ނޫނެވެ. ނަތީޖާއަކަށް ވަމުން މިދަނީ މުންކަރާތްތައް ޢާންމުވުން ހައްދުފަހަނައަޅައި ދުވަހުން ދުވަހަށް އިތުރުވަމުން ދިއުމެވެ.
ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ބަޔާންކޮށްދެއްވެވި ދުވަސް އަޅުގަނޑުމެންނަށް ފެނިފައިވާއިރު އެކަންކަމަށް ހޭލުންތެރިވެ އަމިއްލަ ނަފްސް ދިފާއުކޮށް ނަރަކައިން ސަލާމަތްވުމަކީ ހަމަ އެމީހެއްގެ ކަމެކެވެ. ދީނީ އިލްމުވެރިންނަށް ކުރެވޭނެ ކަމަކީ މިވާހަކަތައް ދައްކައި ﷲ ތަޢާލާއަށް ބިރުވެތިވުން އެދި އާދޭސްކުރުމެވެ. ޤަބޫލުކުރުމާއި އަމަލުކުރުން އޮތީ މީސްތަކުންނަށެވެ. ޤިޔާމަތް ދުވަހު ސަލާމަތްކަމެއް ލިބޭނީ އެމީހަކު ހޭލުންތެރިވެ، ބަސް ޤަބޫލުކޮށް ކީރިތި ޤްރްއާނަށާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ)ގެ ސުންނަތަށް އަމަލުކުރި މީހަކަށް އެކަނިކަން އެއީ ޔަޤީން ކަމެކެވެ.!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން -