ނުބައި އެކުވެރިން އިބިލީހަށްވުރެ މާނުބައި - ޢާއިލާތައް ރޫޅުވުމުގެ އެންމެ ކުރީގަ ތިބެނީ އެ ޝައިޠާނުން: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ނުބައި އެކުވެރިން އިބިލީހަށްވުރެ މާނުބައި - ޢާއިލާތައް ރޫޅުވުމުގެ އެންމެ ކުރީގަ ތިބެނީ އެ ޝައިޠާނުން: ބިލާލް އައްސަދު
އިބިލީހަކީ އެންމެ ބޮޑު އިބިލީހެވެ. ﷲ ތަޢާލާ އަމުރުފުޅު ކުރެއްވެވުމުންވެސް އާދަމްގެފާނަށް ސަޖިދަކުރަން ދެކޮޅުހެދި އިބިލީހެވެ. އެ ބޮޑު އިބިލީހަށްވުރެ އިންސާނުންގެ ސިފައިގައި އިންސާނުންގެ ތެރޭގައި ތިބޭ ޝައިޠާނުންގެ ނުބައިކަން މާބޮޑެވެ. އަދި އިންސާނުންގެ ތެރޭގައި ތިބޭ އެޝައިޠާނުންގެ ސަބަބުން އިންސާނުންނަށް ލިބޭ ގެއްލުންވެސް މާބޮޑެވެ.

ދީނީ ބައެއް އިސް އިލްމުވެރިން މިކަން ފާހަގަކުރައްވައި އެކަމުގެ ސަބަބުތައް ވެސް ދައްކަވައެވެ. އެގޮތުން ފާހަގަކުރައްވަވާ ކަންތައްތައްތަކެއް އެބަހުއްޓެވެ.

އިބިލީހަށް ކުރެވޭނެ ކަމަކީ އިންސާނުންނަށް ވަސްވާސް ދިނުމެވެ. އެ ވަސްވާސްތަކުން ސަލާމަތްވުމަށް ފުރުޞަތު ލިބޭނެއެވެ. ނަމަވެސް އިންސާނުންގެ ގޮތުގައި ތިބޭ ޝައިޠާނުންގެ ނުބައިކަން މީގެ އެތައް ގުނައަކަށް ބޮޑެވެ. ނުބައި ކަންކަން ކުރަން ވަސްވާސް ދިނުމުގެ އިތުރުން އެކަންކަން އަމަލުން ކުރާތަން ލޮލަށް ދައްކައެވެ.

މިސާލަކަށް އެކުވެރިން ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކުރާތަން ލޮލަށް ފެނުމުން އެކަންކަމާއި ދުރުގައި ހުރުން އެހައި ފަސޭހައެއް ނޫނެވެ. ފާހިޝް އަމަލުތައް ކުރާތަން ލޮލަށް ދެއްކުމުންވެސް އެކަންކަން ކުރަން ބޭނުންވުމަކީ އިންސާނީ ޠަބީއަތެވެ. ނުބައިކަން ބޮޑު މިފަދަ އެތައް ގޮތަކުން އިންސާނުންގެ ތެރޭގައި ތިބޭ އިބިލީހުން މީސްތަކުން މަގު ފުރައްދައެވެ.


މިފަދަ ކަންކަން ކުރަން ފެށުމުން ލިބޭ ފައިސާކޮޅު އިސްރާފްވެގެންދެއެވެ. ޢާއިލާއަށް ޚަރަދުކުރަން ހުންނަ ފައިސާ މަދުވެ ޢާއިލާ ނިކަމެތިވެއެވެ. އެކަމުގެ ދަތިކަން ޢާއިލާތަކަށް އިންތިހާއަށް ލިބެއެވެ. އަނބިދަރިންނަށް ނިކަމެތިކަން ލިބެއެވެ.


މިހައިތަނަށް ކުރެވިފައިވާ ދިރާސާތަކަށް ބަލާއިރު މުންކަރާތްތަކަށް އަރައިގަންނަމުންދާ މީހުންނަށް އެމީހުންގެ އަނބިން، ފިރިންގެ އެއްވެސް މުހިންމު ކަމެއް ނުއޮވެއެވެ. ކޮންމެ ދުވަހަކު ދެއިރު ހެދުން ބަދަލުކުރާ ފަދައިން އަނބިން ބަދަލުކުރުމަކީ އެފަދަ މީހުންނަށް އެއްވެސް މައްސަލައެއް ނޫނެވެ. ދަރިން ބިކަވެ ނިކަމެތިވުމަކީވެސް އެފަދަ މީހުންނަށް އެއްވެސް މައްސަލައެއް ނޫނެވެ. ދަރިން ކޮންމެ ގޮތަކަށް ތަރުބިއްޔަތުވުމަކީވެސް އެފަދަ މީހުންނަށް އެއްވެސް މައްސަލައެއް ނޫނެވެ.

މި ހަޤީޤަތްތަކަށް ބެލުމުން އެނގެނީ ނުބައި އެކުވެރިންގެ ނުބައިކަން އިބިލީހަށްވުރެ މާބޮޑުކަމެވެ. ޢާއިލާތައް ރޫޅުވުމުގެ އެންމެ ކުރީގައި ތިބެނީ އެ ޝައިޠާނުން ކަމެވެ. މިއީ ހަމަ ކޮންމެ މީހަކުވެސް ވިސްނައިލުން ރަނގަޅު ކަންކަމެވެ.

ނުބައި އެކުވެރިން ގެންގުޅޭ މީހަކަށް އިސްލާމީ އަޚްލާޤްގެ މަތީގައި ހުރުމަކީ ހަމަ އެއްގޮތަކަށްވެސް ފަސޭހަ ކަމަކަށް ނުވާނެއެވެ. އިސްލާމީ އަޚްލާޤްގެ މަތީގައި ނުހުރެ އިސްލާމް ދީނަށް އަމަލުކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އިސްލާމް ދީނަށް އަމަލުނުކޮށް ނަރަކައިން ސަލާމަތްވެވޭނެކަމަށް އުންމީދު ކުރުމެއް ނެތެވެ.

ކަންކަން މިހެން ހުރުމުން އަމިއްލަ ޢާއިލާގެ ހިމާޔަތުގައާއި އަދި ނަރަކައިން ސަލާމަތްވުމަށްވެސް ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ ނުބައި އަމަލުތައްކުރާ މީހުންނާއި ދުރުހެލިވުމެވެ. އެކުވެރިންގެ ގޮތުގައި އެފަދަ މީހުން ނުގެންގުޅުމެވެ.

- ބިލާލް އައްސަދުގެ ދަރުސަކުން -
މިއަދު އޮންލައިން