ބައްޕަ ކައިރީގަ ހުރިނަމަ ކުޑަކުދިން ބިރު ނުގަންނައިރު ﷲ ތަޢާލާ ވޮޑިގެންވާއިރު އަހަރެމެން ބިރުގަންނަނީ ކީއްވެ؟: ވައްހާޖް ޠަރިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 12ސ
ބައްޕަ ކައިރީގަ ހުރިނަމަ ކުޑަކުދިން ބިރު ނުގަންނައިރު ﷲ ތަޢާލާ ވޮޑިގެންވާއިރު އަހަރެމެން ބިރުގަންނަނީ ކީއްވެ؟: ވައްހާޖް ޠަރިން
"ވިސްނައިލާށެވެ! ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އެއްދުވަހަކު ގަހެއްގެދަށުގައި އަވަހާރަފުޅު ލެއްޕެވިއެވެ. ހޭފުޅު ލެއްވެވުނުއިރު މުޝްރިކަކު ހުރީ ކަރުފުޅަށް ކަނޑިކޮޅު އަމާޒުކޮށްގެންނެވެ. އެ ހާލަތުގައި ސުވާލުކުރިއެވެ. މިއަދު ތިމަންނާގެ ކިބައިން ކަލޭގެފާނު ސަލާމަތްކުރާނީ ކާކު ހެއްޔެވެ؟ ޖަވާބުގައި ވިދާޅުވީ ﷲ ކަމަށެވެ. އޭނާގެ އަތް ފިނިވެ ގަނޑުވެގެންދިއައެވެ. ކަނޑިކޮޅު ބިންމައްޗަށް ވެއްޓުނެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި ކަނޑިކޮޅު އޮތީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ އަތްޕުޅުގައެވެ."

ބައްޕަ ކައިރީގައި ހުރިނަމަ ކުޑަކުދިން ބިރެއް ނުގަނެއެވެ. ކޮންމެ ކަމެއް ކުރިމަތިވި ނަމަވެސް އެކަމަކުން ބައްޕަ ސަލާމަތްކުރާނެ ކަމުގެ ޔަޤީންކަން އޮންނާތީއެވެ. އަހަރެމެންނަކީ މުސްލިމުންނެވެ. ތަޤްވާވެރިން ހިމާޔަތްކުރައްވަވާނެ ކަމުގެ ޔަޤީންކަން ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ. އަދި އެކަމުގެ ހެކިތައްވެސް ގެންދަވަނީ ދައްކަވަމުންނެވެ. ވީއިރު އަހަރެމެން ކަންބޮޑުވެގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ އަދި އަހަރެމެންނަކީ ތަޤްވާވެރިން ކަމުގައިވާނަމަ އަހަރެމެންނަށް ހިތްހަމަޖެހުމާއި އުފާ ފާގަތިކަން ދެއްވަވާނެކަން ﷲ ތަޢާލާ އަންގަވާފައިވާއިރު އެންމެން މާޔޫސްވެގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟

އޮސްޓްރޭލިއާއަށް ބަލައިފިނަމަ އާބާދީއަކީ 63 މިލިއަނެވެ. އަހަރަކު 57 މިލިއަން ޑިޕްރެސަން ބޭސް ސިޓީ ދޫކުރެއެވެ. މިއެންމެން މާޔޫސްވަނީ ކީއްވެގެން ހެއްޔެވެ؟ ގިނަ ބައަކު މާލީ ދަތިކަން ކަމަށް ބުނެފާނެއެވެ. ހޮލީ ވުޑާއި ބޮލީ ވުޑާއި ޖޮލީ ވުޑުގެ ތަރިންނަކީ ގުނައި އަދަދު ނުކުރެވޭހައި ގިނަ އަދަދަކަށް ފައިސާ ގެންގުޅޭ ބައެކެވެ. އެމީހުން މާޔޫސްވެ ދަންޖެހިގެން މަރުވަނީ ކީއްވެގެން ހެއްޔެވެ؟ ޑްރަގް އޯވަރޑޯޒްކޮށް ބޭނުންކޮށްގެން މަރުވަނީ ކީއްވެގެން ހެއްޔެވެ؟ ހަމަ އަތުގައި ފައިސާ މަދުވެގެން ހެއްޔެވެ؟

އިންސާނުންގެ ޠަބީޢަތުގައި ހުންނަ ގޮތުން ހިތް ފުރުމަކީ ވާނެ ކަމެއް ނޫނެވެ. ހިނގަން އުނދަގޫވީމާ ޖަނަވާރުތަކުގެ ބުރަކަށިތަކަށް އަރައި އެތަކެއްޗަށް ތަދުކޮށްގެން ދުއްވީއެވެ. މިހާރު ކާރާއި ސައިކަލާއި އެފަދަ ތަކެތި ލިބުމުންވެސް ހިތެއް ނުފުރެއެވެ. ދުއްވޭވަރު އޮންނަނީ މަޑުވެފައެވެ. އުދުހެން އަޑަށްވުރެ ބާރަށް ދަތުރުކުރާ ކޮންކޯޑް ލިބުމުންވެސް ހިތްހަމައެއް ނުޖެހެއެވެ. ފިނި ހޫނުން ސަލާމަތްވާން އެއާކޮންޑިޝަނާއި ހީޓަރު ލިބުމުންވެސް ހިތް ހަމައެއް ނުޖެހުނެވެ. ހިތްހަމަ ޖެހޭ ހަމަ އެއްވެސް ގޮތެއް އޮންނަ ކަމަކަށް ނުވެއެވެ.

އަދި ކީއްހެއްޔެވެ؟ ވަރިކުރާ ނިސްބަތް 50 އިންސައްތައަށް އެރުމުން އެއޮތީ އެއްވެސް ކަމެއްގައި ހިތްހަމަ ޖެހުމެއް ނެތްކަން ވަރަށް ރަނގަޅަށް ހާމަވާށެވެ! މިއީ ދެން ބޮޑުވަރެވެ.

މިހުރިހާ ހިތްހަމަ ނުޖެހުންތަކެއްގެ އަސްލަކީވެސް ހަމަ އީމާންކަން ނެތުމެވެ. ﷲ ތަޢާލާ ދެއްވަވާ މިންވަރަށް ޝުކުރު ނުކުރެވުމެވެ. ހިތުގައި ތަޤްވާވެރިކަން ކުޑަވުމެވެ.

ވިސްނައިލާށެވެ! އިބްރާހީމްގެފާނު އަލިފާނަށް އެއްލަވައިލެއްވެވުނު ވަގުތު ޖިބްރީލްގެފާނު ވަޑައިގެން ބޭނުންފުޅުވަނީ ކޮންކަމެއްތޯ ސުވާލު ކުރެއްވެވުމުން ވިދާޅުވީ ﷲ ތަޢާލާ ނޫން ފަރާތަކުން އެއްވެސް ކަމަކަށް ބޭނުންފުޅު ނޫން ކަމަށެވެ.

އެ ވަރުގަ ބޮޑު އަލިފާންގަނޑުގައި 3 ދުވަހު ހުންނެވިއެވެ. ނުކުމެވަޑައިގެންނެވިއިރު އެންމެ އިސްތަށިފުޅެއްވެސް އަނދާފައެއް ނުވެއެވެ. އެންމެ މުސްކުޅިފުޅު ދުވަސްތަކުގައިވެސް ވިދާޅުވަމުން ގެންދެވީ ހަޔާތްޕުޅުގެ އެންމެ ކާމިޔާބު ދުވަސްތަކަކީ އަލިފާންގަނޑުގައި ހުންނެވި 3 ދުވަސް ކަމަށެވެ.

މިއީ މީސްތަކުންނަށް ނުއެނގޭ ކަންކަމެއް ނޫނެވެ. އެންމެން ދަންނަ ކަންކަމެވެ. އެހެންކަމާއިއެކުވެސް ގިނަބައަކު މިއުޅެނީ އިންތިހާއަށް ކަންބޮޑުވެގެންނެވެ. ގޮތް ހުސްވެގެންނެވެ. ހައްލު އަތުގައި އޮތްއިރުވެސް އަދި ހައްލަކީ ކޮބައިކަން އެނގޭއިރުވެސް ހައްލު ނުހޯދިގެން މިއުޅެނީ ހަމަ އީމާންކަން ކުޑަކަމުންނެވެ. ތަޤްވާވެރިކަން ނެތުމުންނެވެ. ނުވަތަ ތަޤްވާވެރިކަން ކުޑަކަމުންނެވެ. ތަޤްވާވެރިކަން އިތުރުކުރުމުން ހުރިހާ ކަމެއް ޙައްލުވެގެންދާނެއެވެ.

- އުސްތާޛް ވައްހާޖް ޠަރިންގެ ދަރުސަކުން
މިއަދު އޮންލައިން