ދަރުސް: އާޚިރަތް އެދޭނަމަ ހިޔަނި ފަހަތުން ނުދުވެ ތިމާ ފަހާ ދުވަން ހިޔަންޏަށް ޖައްސުވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ދަރުސް: އާޚިރަތް އެދޭނަމަ ހިޔަނި ފަހަތުން ނުދުވެ ތިމާ ފަހާ ދުވަން ހިޔަންޏަށް ޖައްސުވާށެވެ!
ހިޔަނި ފަހަތުން ދުވާ މީހަކަށްވެގެން އެއްވެސް ކާމިޔާބެއް ނުލިބޭނެއެވެ. ހިޔަންޏާއި އެއްކޮޅަށް ދުވަމުން ހިޔަންޏަށްވުރެ ބާރަށް ދުވަން މަސައްކަތް ނުކުރާށެވެ. އެކަމެއް ނުކުރެވޭނެއެވެ. ދުވެލި ބާރުކުރާ ވަރަކަށް ހިޔަނީގެ ދުވެލިވެސް ބާރުވާނެއެވެ. އެކަން ޖެހޭނީ ބަދަލުކޮށްލާށެވެ. ހިޔަންޏާއި ދެކޮޅަށް އެނބުރި ދުވަން ފާށާށެވެ. އެއިރުން ހިޔަންޏަށް ޖެހޭނީ ތިބާ ފަހަތުން ދުވާށެވެ. މިދުނިޔެ ވެސް އާޚިރަތްވެސް ކާމިޔާބު ކުރެވޭނީ އެއިރުންނެވެ.

މާނައަކީ އެއްވެސް މީހަކަށް އެމީހަކު ހިތް އެދޭ ހުރިހާ ކަމެއް ނުލިބޭނެއެވެ. ލިބޭނީ ވަރަށް މަދު މިންވަރެކެވެ. އެހެނީ ހަމަ ލިބޭވަރަކަށް ބޭނުންތައް ދާނީ އިތުރުވަމުން ކަމަށްވާތީއެވެ. ދުނިޔެއިން ތިމާ ހިތް އެދޭ ހުރިހާ ކަމެއް ލިބިގަންނަން މަސައްކަތްކުރާ މީހަކަށް އެކަން ކޮށްފައި އެހެން ކަމެއް ކުރާނެ އެއްވެސް ވަގުތެއް ނުވާނެއެވެ.

މީހަކަށް ދަތިކަމެއް ކުރިމަތިވެދާނެއެވެ. އެހާލަތުގައި އެހީއަކަށް އެދިފާނެއެވެ. އެދުމުން އެމީހަކު ފައިސާގެ އެހީއެއް ވެދީފާނެއެވެ. އަވަހަށް އޭޓީއެމަށް ގޮސް ކާޑު ޖަހައި ފައިސާކޮޅު ނެގުމަށްފަހު އޭޓީއެމަށް ނުވަތަ މެޝިނަށް ޝުކުރު އަދާކޮށް ބޮސްދޭހައި ދުވަހަކު މައްސަލަތައް ޙައްލެއް ނުވާނެއެވެ!

ތިމާއަށް ކަންކަން ފުރިހަމަވަމުން މިދަނީ ވަޒީފާ ދިން މީހާގެ ސަބަބުން ކަމަށް ޤަބޫލުކުރާ ބައަކުވެސް އެބައުޅެއެވެ. ދިރިއުޅުން ފުރިހަމަކުރަމުން މިގެންދެވެނީ އެމީހާ ދޭ މުސާރައިން ކަމަށް ޤަބޫލުކުރާ ބައަކުވެސް އެބައުޅެއެވެ. މިފަދަ މީހުންގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ.

މީހުންގެ އެހީތެރިކަން މެދުވެރިކުރައްވައިގެންވެސް އަދި ވަޒީފާއަކުން ނަމަވެސް ތިބާއަށް ލިބޭ ކޮންމެ ނިޢްމަތެއް ލިބެނީ ﷲ ތަޢާލާގެ މިންވަރުފުޅުންނެވެ. ﷲ ތަޢާލާ އެކަމަކަށް މިންވަރުފުޅު ކުރެއްވެވުމުންނެވެ. އެންމެ ފަސޭހަ ބަހުރުވައިންނަމަ ﷲ ތަޢާލާ ދެއްވެވުމުންނެވެ.

ﷲގެ ނިޢްމަތްތަކަށް އެދޭނަމަ މިކަންކަމަށް ވިސްނާށެވެ! ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތަކަށް ޝުކުރުވެރިވެ މިދުނިޔޭގެ އެދުންތަކާއި ދުރުހެލިވާށެވެ! އާޚިރަތާއިމެދު ފުންކޮށް ވިސްނަން ފަށާށެވެ. އާޚިރަތާއިމެދު ފުންކޮށް ވިސްނާ މީހާއަށް މިދުނިޔެ އެހައި މުހިންމެއް ނުވާނެއެވެ. ދުނިޔެއިން އެދޭ ކަމެއް ޙާޞިލުނުވެގެން ހަމަ އެއްވެސް ވަރަކަށް ކަންބޮޑެއް ނުވާނެއެވެ.

- ލަވް އިސްލާމްގެ ދަރުސަކުން
މިއަދު އޮންލައިން