ހިތުގައި ރުޅިވެރިކަން ބޭއްވުމަކީ ނަމާދުކުރަންވެސް އުނދަގޫވާނެ ކަމެކެވެ. ނަމާދުގައި ހުންނައިރުވެސް ޝައިޠާނާ އެންމެ ގިނައިން ހަނދާންކޮށްދޭނެ އެއްކަމަކީ ކޮންމެވެސް މީހެއްގެ މައްސަލަތަކެވެ. ތިބާ އެންމެ ރުޅި އަންނަ މީހާގެ ކޮންމެވެސް ކަމެކެވެ. އެކަމާއިމެދު ވިސްނަން ހަދައިގެން ނަމާދުގައި ކިޔޭ ނުކިޔޭ އެއްޗެއް ނުއެނގޭ ހިސާބަށް ގެންދުވާނެއެވެ. އެ ހިސާބަށް ގެންދެވުމުން ދެން މަސައްކަތްކުރާނީ ކުރެވޭ ނުކުރެވޭ ކަމެއް ނުއެނގޭ ހިސާބަށް ގެންދުވުމަށެވެ.
ނިކަން ބުނެބަލާށެވެ! މިކަންކަން މެދުވެރި ނުވޭހެއްޔެވެ؟ މިހިރީ އެންމެ ދެރަ ނިކަމެތި ކަންތައްތައް ނޫން ހެއްޔެވެ؟ ތިމާ އާއި ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވޭ ވަގުތަކީވެސް ނަމާދެވެ. ޚާއްޞަކޮށް ސަޖިދައެވެ. ސަޖިދައިގައި އޮވެ ހަސަދަވެރިޔާ ނުވަތަ ތިބާ ދެކެ ރުޅި އަންނަ މީހާ އާއިމެދު ވިސްނުމުން ސަޖިދައަށް ވާނީ ކިހިނެއްޔެވެ؟ ސަޖިދަ ފުރިހަމަވާނެ ހެއްޔެވެ؟ ނުވާނެކަން ކަށަވަރެވެ.
މީހަކު ތިބާ ދެކެ ކިތަންމެ ވަރަކަށް ރުޅި އައިނަމަވެސް ވާނީ ކީއްހެޔެވެ؟ ހަމަ އެއްކަމެއްވެސް ނުވާނެއެވެ. ތިބާ ހުރީ ހައްޤު ގޮތުގައި ކަމަށްވާނަމަ ﷲ ތަޢާލާ ވޮޑިގެންވަނީ ތިބާ އާއިއެކުގައެވެ. ވީއިރު މީހަކު ކިތަންމެ ވަރަކަށް ރުޅިއައުމުން ވާނީ ކީއްހެޔެވެ؟
މީހަކު ތިބާ ދެކެ ރުޅި އައުމަކީ ތިބާއަށް ލިބޭ ބޮޑު ނިިޢުމަތެކެވެ. އެ ނިޢްމަތަށް ޝުކުރުވެރިވެ އަވަހަށް އެމީހަކަށް މާފުކުރާށެވެ. ތިބާގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި އިތުރު އެއް ދަރަޖައަށް މަތިވެގެންދާނެއެވެ.
ތަޤްވާ ވެރި ނުވާ މީހާއަށް އެހެން މީހުން އެމީހަކު ދެކެ ރުޅިއައުން ވާނީ ވަރަށް ބޮޑު ކަމަކަށެވެ. މީހަކު ރުޅި އަންނައިރަށް އެމީހަކާއި ދިމާކޮށް ބަދަލު ހިފަން މަސައްކަތް ކުރެވެނީ ތަޤްވާވެރިކަން ކުޑަވުމުންނެވެ. ތަޤްވާވެރިން އަބަދުވެސް ވިސްނާނީ ﷲ ތަޢާލާގެ ނުރުއްސެވުމެއް ލިބިދާނެ ކަމަށެވެ. އެއްވެސް މީހަކު ރުޅި އަތުވެދާނެ ކަމަށް ކަންބޮޑެއް ނުވާނެއެވެ.
- އުސްތާޛް ވައްހާޖް ޠަރިން ގެ ދަރުސަކުން