ޕީޕީއެމުން މިރޭ ދަރުބާރުގޭގައި ޕީޕީއެމުން ބޭއްވި ރަސްމިއްޔާތުގައި ޕީޕީއެމްގެ މެންބަރަކަށްވެވަޑައިގަތުމަށްފަހު އަދި ރަނިންމޭޓް ކަމުގެ ޓިކެޓާއި ހަވާލުވެވަޑައިގަތުމަށްފަހު ޑރ. ޝަހީމް ވިދާޅުވީ ޕީޕީއެމްއަށް ސޮއިކުރެއްވީ އެ ޕާޓީގެ ފިކުރު ފުރިހަމައަށް ޤަބޫލުފުޅު ކުރައްވާތީ ކަމަށެވެ. ޕާޓީގެ ޒަޢާމަތުގައި ރައީސް ޔާމީން ހުންނެވިހައި ދުވަހަކު ޕީޕީއެމްގެ މެންބަރަކަށް ދެމިހުންނަވާނެ ކަމަށެވެ.
ޑރ. ޝަހީމް މިރޭ ވެސް ވިދާޅުވީ ރަނިންމޭޓުކަން ޤަބޫލުފުޅުކުރެއްވެވީ ރައީސް ޔާމީނު ފޯނު ކުރައްވައި އެމަނިކުފާނު ޤައުމަށް ގެންނަވާ އުމްރާނީ އަދި އިޤްޠިޞާދީ ތަރައްޤީ އާއި އެއްވަރަށް ރާއްޖޭގައި އިސްލާމް ދީން ކުރިއަރުވަން ބޭނުންފުޅު ކަމަށް ވިދާޅުވުމުން އެމަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ ރަނިންމޭޓްކަން ޤަބޫލުފުޅު ކުރެއްވެވީ އެއްވެސް ޝަރުޠަކާއި ނުލައި ކަމަށާއި އިސްލާމް ދީން މަތިވެރިކުރަން ވަލިއްޔުލްއަމުރު އެދިވަޑައިގަތުމުން އެއްވެސް ޝަރުޠެއް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ އެއްވެސް ޓީމެއް ނުބާއްވަވާނެ ކަމަށާއި ދެމިހުންނަވާނީ ޓީމް މެންބަރެއްގެ ގޮތުގައި ކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ ރާއްޖެ ސަލާމަތްކުރެވިފައި މިވަނީ އިސްލާމީ ދުނިޔެއިން ރާއްޖެ ވަކިވެ އޮޔާދަނިކޮށް ކަމަށާއި ރާއްޖެ ބާއްވަންޖެހޭނީ އިސްލާމީ ދުނިޔެއާއިއެކުގައި ކަމަށެވެ.
ޤައުމުތަކުގެ ވެރިކަން ކުރުމަކީ މިހާރު އެހައި ފަސޭހަކަމެއް ނޫން ކަމަށާއި ޤައުމެއްގެ ވެރިކަން ކުރެވޭނީ ވަރަށް ވަރުގަދަ ޝަޚްޞިއްޔަތަކަށް ވެގެންކަމަށް ވިދާޅުވެ ޑރ. ޝަހީމް ވަނީ ރައީސް ޢަބްދުﷲ ޔާމީނަކީ އެފަދަ ޝަޚްޞިއްޔަތެއް ކަމަށް ވިދާޅުވެފައެވެ.