ރަސޫލާ (ﷺ) އަށް މިޢްރާޖް ދަތުރުފުޅުގައި ލިބިވަޑައިގެންނެވި އެންމެ އަގުބޮޑު 3 ހަދިޔާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ރަސޫލާ (ﷺ) އަށް މިޢްރާޖް ދަތުރުފުޅުގައި ލިބިވަޑައިގެންނެވި އެންމެ އަގުބޮޑު 3 ހަދިޔާ
އިސްރާ އާއި މިޢްރާޖްގެ ދަތުރުފުޅަށް ބަލައިފިނަމަ ހިނގައިދިއަ ކޮންމެ ކަމަކީވެސް ވަރަށް ޚާއްޞަ ކަމެކެވެ. އެހެން އެއްވެސް ރަސޫލު ބޭކަލަކަށް އަދި ނަބީބޭކަލަކަށް ލިބިވަޑައިގެންފައި ނުވާ އެތައް ގިނަ ނިޢްމަތްތަކެއް މި ދަތުރުފުޅުގެ ތެރެއިން ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) އަށް ލިބިވަޑައިގެންނެވިއެވެ.

އެއިގެ ތެރެއިން ވެސް އެންމެ ޚާއްޞަ 3 ކަމެއް ވެއެވެ. އެއީ ފަރުޟް 5 ނަމާދާއި ބަޤަރާސޫރަތުގެ ފަހު ދެ އާޔަތާއި އަދި ތައުހީދުގެމަތީގައި، ﷲ އަށް ޝަރީކު ނުކޮށް ހުއްޓައި މަރުވެއްޖެނަމަ ކޮންމެވެސް ދުވަހަކުން ނަމަވެސް އެމީހަކު ނަރަކައިން ސަލާމަތް ކުރެއްވެވުމެވެ.

މީގެ ތެރެއިން ބަޤަރާ ސޫރަތުގެ ފަހު 2 އާޔަތާއިމެދު ޢިލްމުވެރިން ގެންދަވަނީ ތަފާތު މޭރުމުން ބަޔާން ކުރައްވަވަމުންނެވެ. އެ 2 އާޔަތާއިމެދު ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ހަދީޘްފުޅު ކުރައްވަވާފައިވަނީ ރޭގަނޑު އެ ދެއާޔަތް ކިޔުމުން ފުދިއްޖެކަމަށެވެ.

"ފުދިއްޖެ" މި ބަސްފުޅުން ޢިލްމުވެރިން ދެ މާނަ ނެރުއްވަވައެވެ. ބައެއް އިލްމުވެރިން ވިދާޅުވަނީ އެ ބަސްފުޅުން އެނގެނީ ރޭ ގަނޑު އެ ދެއާޔަތް ކިޔުމުން ރޭއަޅުކަންކޮށް ނިމުން ފަދަ ކަމަށެވެ. އަނެއްބައި ބޭކަލުން ވިދާޅުވަނީ އެ 2 އާޔަތް ކިޔެވުމުން އެމީހަކަށް އެރެއަކު ހިމާޔަތާއި ރައްކައުތެރިކަން ލިބޭނެ ކަމަށެވެ.

ޢިލްމުވެރިން ކޮންމެ ގޮތަކަށް މާނަ ކުރެއްވި ނަމަވެސް އެނގޭ ކަމަކީ ނިދުމުގެ ކުރިން ކޮންމެ ގޮތަކުން ނަމަވެސް އެ 2 އާޔަތް ކިޔެވުން ވަރަށް މުހިންމު ކަމެވެ. އެ ދެ އާޔަތް ނުކިޔަވައި ނިދުމެއް ނެތް ކަމެވެ.

މުޅި ކީރިތި ޤްރްއާނުންވެސް ﷲ ތަޢާލާ ޖިބްރީލްގެފާނު މެދުވެރި ނުކުރައްވަވައި ސީދާ ވަހީ ކުރެއްވެވީ މި ދެ އާޔަތެވެ. އެހެންކަމުން މިދެ އާޔަތުގެ އަގު އިންތިހާއަށް އުފުލިގެންވާކަމަށް ޤަބޫލުކުރަމެވެ. މީގެ ކުރީގެ ދަރުސެއްގައިވެސް ބުނި ފަދައިން މި ދެ އާޔަތް ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) އަށް ލިބިވަޑައިގަތީ ސީދާ ﷲ ތަޢާލާ ވޮޑިގެންވާ ޢަރްޝީގެދަށުންނެވެ.

މިފަދައިން ކަންކަން ހުރިއިރުވެސް މި ދެ އާޔަތަށް އެއްވެސް ސަމާލުކަމެއް ނުދޭ ބައަކު އެބަ އުޅެއެވެ. އެހެން ނުހަދާށެވެ. މިއީ ހަމަ އެންމެ 3 މިނިޓް އިރުން ކިޔަވައިލެވޭނެ 2 އާޔަތެވެ. ނުކިޔައި ނުނިދާށެވެ. އާޚީރަތް ދުވަހު އަހަރެމެންނަށް ސަލާމަތްކަން ލިބުން އޮތީ ވީހައި ގިނަ ހެޔޮ އަމަލުތަކެއް ކުރުމުންނެވެ.

- ބިލާލް އައްސަދުގެ ދަރުސަކުން
މިއަދު އޮންލައިން