ވަރަށް ގިނަ ބައަކު ނިކަމެތިކަން ލިބިގެން އުޅެއެވެ. ތަފާތު ސަބަބުތައް މެދުވެރިވެގެން ނިކަމެތިކަން ލިބިގެން އުޅޭތަން ފެނެއެވެ. ކުރަން ބޭނުންވެގެން އުޅޭ ހަމަ އެއްވެސް ކަމެއް ކާމިޔާބު ނުވެގެން އުޅޭ ކަމަށްވެސް ބުނެއެވެ.
މިފަދަ މައްސަލަތަކަށް ބަލައިފިނަމަ އެންމެ ގިނަ ބައަކަށް މިފަދަ ގޮތްތައް މެދުވެރިވަނީ ﷲ ތަޢާލާ އެމީހަކު ދޫކޮށްލެއްވެވުމުން ކަމަށް ބުނެވިދާނެއެވެ. ﷲ ތަޢާލާ މީހަކު ދޫކޮށްލައްވަވާނީ ކީއްވެގެން ހެއްޔެވެ؟ މިއީ ވަރަށް މުހިންމު ސުވާލެކެވެ. މުހިންމު ވަނީ އިންސާނުންނަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިފުޅުވެވޮޑިގަންނަވާ އަދި މާތް ކުރައްވަވާފައިވާ މަޚްލޫޤް ކަމަށްވާތީއެވެ. ﷲ ތަޢާލާ އެންމެ ލޯބިފުލުވެވޮޑިގަންނަވާ އަދި އެންމެ މާތް މަޚްލޫޤް، ﷲ ތަޢާލާ ދޫކޮށް ލެއްވެވުމަކީ ކުޑަ ކަމެއް ނޫނެވެ.
ﷲ ތަޢާލާ ކޮންމެ މީހަކަށްވެސް ފުރުޞަތުތައް ދެއްވަވައެވެ. ތައުބާވުމަށެވެ. އެ ފުރުޞަތުތަކުގެ ބޭނުން ނުހިފައި މުންކަރާތްތަކަށް އަރައިގަތުން މަތީގައި ދެމި ހުންނަނަމަ އެމީހަކާއި ދުރަށް ﷲ ތަޢާލާ ޖެހިވޮޑިގަންނަވައެވެ.
މީހަކު ހެޔޮ އަމަލުކުރާނަމަ އެމީހަކަށް ރަޙްމަތް ލެއްވެވުން އެދި މަލާއިކަތުން ދުޢާ ކުރައްވަވަތެވެ. ހަމަ އެފަދައިން މީހަކު ކެނޑިނޭޅި މުންކަރާތްތަކަށް އަރައިގަންނަ ނަމަ މަލާއިކަތުންގެ ދުޢާ ބަދަލުވެގެންދެއެވެ. މާތް ﷲ ގެ ރަޙްމަތްފުޅުން ފުރިގެންވާ މަލާއިކަތުން މީހަކަށް ލަޢްނަތް ލެއްވެވުން އެދި ދުޢާކުރެއްވެވީމާ އެމީހަކަށް ދެން ކަންކަން ވާނެ ގޮތަށް ވިސްނައިލާށެވެ!
މާނައަކީ ތައުބާނުވެ ކުށްކުރުންމަތީގައި ދެމިހުންނަ ނަމަ އެމީހަކަށް ﷲ ތާޢާލާގެ ރަޙްމަތްފުޅު ނުލިބޭ ޙާލަތް ކުރިމަތިވެދާނެކަމެވެ. ދުނިޔަވީ ބަހުރުވައަކުން ބުނާނަމަ ރަޙްމަތުގެ ދަފްތަރުން އެމީހެއްގެ ނަން ފޮހެވިގެންދާ ޙާލަތާއި ކުރިމަތިލާންޖެހިދާނެ އެވެ. ގަދައަޅައި މަސައްކަތްކުރަންވީ އެހާލަތަށް ނުދިއުމަށެވެ.
ކުރާ ނުބައި ކޮންމެ ކަމަކާއިއެކު ހިތުގައި ކަޅު ތިއްކެއް ޖަހާކަން އެބައެނގޭ ނޫން ހެއްޔެވެ؟ ތައުބާ ނުވެ ކުށްކުރުންމަތީގައި ދެމިހުންނަނަމަ މުޅި ހިތުގައި ކަޅު ތިކި ޖަހައި ފުރޭނެކަން ވެސް އެބަ އެނގޭ ނޫން ހެއްޔެވެ؟ އެހިސާބުން އެ ދެވެނީ މިބުނި ހިސާބަށެވެ.
ލޮބުވެތި އަޚުންނާއި ޚުތުންނޭވެ! މިބުނި ހާލަތު ބަޔާންކޮށްދޭ މިސާލެއް ބުނެދޭނަމެވެ. ތިބާ ﷲ ތަޢާލާއަށް އަޅުކަންކުރުމާއި ޛިކުރު ކުރުމުގައި ދެމިހުރިނަމަ ތިބާއަށް ރަޙްމަތް ލެއްވެވުން އެދިވަޑައިގެން މަލާއިކަތުން ދުޢާކުރައްވަވަތެވެ. ނަމަވެސް ތިބާ ﷲ ގެ މަތިން ހަނދުމަކުރުން ހުއްޓާލުމުން މަލާއިކަތުން ތިބާ ދޫކޮށްލައްވަވަތެވެ. އެހިސާބުން ތިބާގެ ބައިވެރިންނަކީ ޝައިޠާނުން ކަމުގައި ވުމަށް ﷲ ތަޢާލާ ތިބާ ދޫކޮށްލައްވަވަތެވެ.
ރަނގަޅަށް ވިސްނައި ހަނދާން ކުރާށެވެ! މިއީ ތިބާ އަމިއްލައަށް ލިބިގަންނަ ޙާލަތެކެވެ. އެއްވެސް މީހަކު ނަރަކައަށް ދިއުމަށް ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގެނެއް ނުވެއެވެ. އެމީހަކު އެކަން އިޚްތިޔާރުކުރުމުން ﷲ ތަޢާލާ އެމީހަކަށް އެކަން މިންވަރު ކުރައްވަވަނީއެވެ. އެކަން ކީރިތި ޤްރްއާނުގެ އާޔަތްތަކުން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ.
ނަމާދުގެ އިތުރުން ހެނދުނާއި ހަވީރު ޛިކުރުކުރުންމަތީގައި ދެމިހުންނަންވީ މިހެންވެގެންނެވެ. މަލާއިކަތްބޭކަލުންދުޢާ އަބަދުވެސް ލިބިލިބިހުރުމަށެވެ.
- ލަވް އިސްލާމްގެ ދަރުސަކުން -