މިޔުޒިކަށް ޝައުޤުވެރިވާ ކަންފަތަށް ކީރިތި ޤްރްއާން ފުރިހަމައަށް އަޑެއް ނީވޭނެ: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 53ސ
މިޔުޒިކަށް ޝައުޤުވެރިވާ ކަންފަތަށް ކީރިތި ޤްރްއާން ފުރިހަމައަށް އަޑެއް ނީވޭނެ: ބިލާލް އައްސަދު
މިޔުޒިކަށް ޝައުޤުވެރިވާ ކަންފަތަށް ކީރިތި ޤްރްއާން ފުރިހަމައަށް އަޑެއް ނުއިވޭނެއެވެ. މިޔުޒިކަށް ދެވި ހިފާފައި ހުންނަ ކަންފަތްތަކަށް އަދި ވަކިން ހާލު ބޮޑުވާނެއެވެ. މީގެ މާނައަކީ ކީރިތި ޤްރްއާނުގެ އަޑު ކަންފަތަށް ނުއިވުމެއް ނޫނެވެ. ކީރިތި ޤްރްއާނުގެ އަޑު އިވުމުން ތިމާއަށް ލިބެންޖެހޭ ހިތްހަމަޖެހުން ނުލިބޭނެ ކަމެވެ. ކީރިތި ޤްރްއާނުގެ އަޑު އަހަން ކަންފަތް ދޭ ޝައުޤުވެރިކަން ކުޑަވެގެންދާނެ ކަމެވެ.

އެއީ ކީއްވެގެން ހެއްޔެވެ؟ ﷲ ތަޢާލާ ތިބާއަށް ކަންފަތް ދެއްވެވީ ޝައިޠާނާގެ ބެރު ދުންމާރީގެ އަޑު އަހާކަށް ނޫނެވެ. ރަނގަޅު ފައިދާހުރި ތަކެތި އަޑުއެހުމަށެވެ. ނަމަވެސް ތިބާ އެކަން ބަދަލުކުރުވަނީ އެވެ. ކަންފަތުގެ މައްޗަށް ގަދަވެގަތުމުގެ ފުރުޞަތު ޝައިޠާނާއަށް ތިބާ ދެނީއެވެ.

މިޔުޒިކާ ދުރުހެލިވުމަށް ދީނީ އިލްމުވެރިން ވިދާޅުވަމުން ގެންދަވަނީ ވަރަށް މުހިންމު ސަބަބުތަކެއް ހުރުމުންނެވެ. މިޔުޒިކްގެ ސަބަބުން ތަޣައްޔަރުވެގެންދަނީ ހަމަ އެކަނި އެވަގުތު އިވޭ އަޑެއް ނޫނެވެ. ނުވަތަ ސިކުނޑިއަށް ގެއްލުން ލިބެނީ އެވަގުތު އިވޭ އަޑުގެ ސަބަބަކުން ނޫނެވެ. ކަންފަތަށާއި ސިކުނޑިއަށް ލިބޭ ގެއްލުން އެއަށްވުރެ މާބޮޑެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިކަންކަމަށް ވިސްނަނީ މަދު މީހެކެވެ. މިޔުޒިކާއި ދުރުހެލިވުމަށް ބުނެފިނަމަ ބައެއް މީހުންނަށް ހީވަނީ އެއުޅެނީ އެމީހުންނަށް ލިބެންއުޅޭ ހިތްހަމަޖެހުމަކަށް ހުރަސް އަޅަން ކަމަށެވެ. މިޔުޒިކުން ލިބޭ ވަގުތީ ހިތްހަމަޖެހުމަށްވުރެ ލިބޭނެ ދާއިމީ ގެއްލުން މާބޮޑުކަން ޤަބޫލުކުރެވެނީ މަދު މީހަކަށެވެ.

ރަނގަޅަށް ކަނުލައި އަޑުއަހާށެވެ. ﷲ ތަޢާލާ ދެއްވެވި ކޮންމެ ނިއުމަތެއް އެމީހަކު ބޭނުންކުރި ގޮތާއިމެދު ސުވާލުކުރެވޭނެއެވެ. އެހެންކަމަށްވާއިރު ﷲ ތަޢާލާ އަޑުއެހުމުގެ ނިޢްމަތް ދެއްވެވި ސަބަބު ދޫކޮށްލައިގެން ޖަވާބުދާރީ ވެވޭނެ ހެއްޔެވެ؟

މިޔުޒިކަކީ ﷲ ތަޢާލާ ލަޢްނަތް ލައްވަވާފައިވާ އެއްޗެކެވެ. އެހެންކަމަށްވާއިރު މިޔުޒިކް އަޑު އަހަން ކަންފަތުގެ ބޭނުން ކުރުމަށްފަހު ތިބާ ދޭން އޮންނާނީ ކޮން ޖަވާބެއް ހެއްޔެވެ؟

ހަމަ އެފަދައިން ނެތި މޮށުމާއި ދެބައޮޑުވާ އަޑުވެސް އަހައިގެން ނުވާނެއެވެ. މީހަކު އެފަދަ ވާހަކައެއް ދައްކާނަމަ ވަގުތުން އަޑުއެހުން ހުއްޓާލާށެވެ! ތިއަބާވަތުގެ އަޑުތައް އަހަން ބޭނުން ނޫން ކަމަށް ބުނާށެވެ. އެފަދަ ހަޑިމުޑުދާރު އަޑުތަކުން ކަންފަތް ތަޣައްޔަރު ނުކުރާށެވެ.

ހަމައެފަދައިން ތިބާގެ ލޯ ވެސް ބޭނުންކުރަންވާނީ ﷲ ތަޢާލާ ހުއްދަކުރެއްވެވި ތަންތަން ބެލުމަށެވެ. ނޫންނަމަ ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީއެއް ނުވެވޭނެއެވެ.

އަތް ވެސް ބޭނުންކުރަންވާނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައެވެ. ﷲ ތަޢާލާ ޙަރާމް ކުރެއްވެވި އެއްވެސް އެއްޗެއްގައި އަތްލައިގެން ނުވާނެއެވެ. ވައްކަން ކުރުމާއި އަނިޔާވެރިވުން ފަދަ އެއްވެސް ކަމެއް އަތުން ކޮށްގެން ނުވާނެއެވެ. ނޫން ނަމަ ޖަވާބުދާރީއެއް ނުވެވޭނެއެވެ.

ދެފައަށްވެސް ވިސްނާށެވެ. ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ ކަމެއް ކުރަން ފައި ބޭނުންކޮށްގެން ނުވާނެއެވެ. މާނައަކީ ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަމެއް ކުރަން ހިނގާފައި ދިއުން ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. އެފަދަ އެއްވެސް ކަމެއް ކުރަން ކުރިއަށް އެންމެ ފިޔަވަޅެއްވެސް އަޅައިގެން ނުވާނެއެވެ. ނޫން ނަމަ ޖަވާބުދާރީއެއް ނުވެވޭނެއެވެ.

ޖުމުލަ ގޮތެއްގައި ބުނަން މި މަސައްކަތްކުރީ ﷲ ތަޢާލާ ދެއްވަވާފައިވާ ހުރިހާ ނިޢުމަތްތަކުގެ ބޭނުން ހިފަންވާނީ އެންމެ ހެޔޮ ގޮތުގައި ކަމަށެވެ. ދުލާއި އަނގަވެސް ހިމެނޭ ގޮތަށެވެ. އަދި ހުރިހާ ގުނަވަންތައްވެސް ހިމެނޭ ގޮތަށެވެ.

ބުނަން ބޭނުމީ އިންސާނާގެ ހުރިހާ ގުނަވަންތައްވެސް ބޭނުންކުރަންވާނީ ﷲ ތަޢާލާ ހުއްދަ ދެއްވަވާފައިވާ އިންތަކުގައި ކަމަށެވެ. ﷲ ތަޢާލާ ހުއްދަ ކުރައްވަވާފައިވާ ކަންކަން ކުރަން އެކަނި ކަމަށެވެ.

- ބިލާލް އައްސަދުގެ ދަރުސަކުން
މިއަދު އޮންލައިން