ﷲ ތަޢާލާ އިންސާނާ އުފެއްދެވުމަށްފަހު ވަނީ ވަރަށް ގިނަ ކަންތައްތަކެއް ކުރެވޭނެ މަގު ފަހިކޮށް ދެއްވަވައިފައެވެ. ވަރަށް ބައިވަރު ކަންތައްތަކެއް ކުރުމުގެ ކުޅަދާނަކަން ވަނީ އިންސާނާއަށް ދެއްވަވައިފައެވެ.
އެހެންކަމާއިއެކުވެސް ކޮންމެ މީހަކަށްވެސް ވަނީ ކަންތައްތަކެއް ފަރުޟު ކުރައްވަވައިފައެވެ. އެންމެހައި މީސްތަކުންނަށް ޢާންމުވާ ގޮތަކަށެވެ. އެއްވެސް މީހަކަށް ތަފާތުކުރެއްވެވުމެއް ނެތިއެވެ. މިކަމުން އެނގިގެންދަނީ ފަރުޟު ކުރެއްވެވި ކަންތައްތަކުގެ މުހިންމުކަން ބޮޑުކަމެވެ. އެކަންކަމަށް ﷲ ތަޢާލާ ލޯބިފުޅު ކުރައްވަވާ މިންވަރުވެސް ބޮޑުކަމެވެ.
ަﷲ ތަޢާލާއަށް އީމާންވުމާއި ކައު އިތުރު ރަސޫލާ (ޞޢވ) ގެ ރަސޫލުކަން ޤަބޫލުކުރުމާއި ނަމާދުކުރުމާއި ޒަކާތް ދިނުމާއި ހައްޖުވުމާއި މިފަދަ އެންމެހައި ކަންކަމަކީ ހުރިހާ އެންމެންގެ މައްޗަށް ފަރުޟު ކުރައްވަވާފައިވާ ކަންކަމެވެ. ފަރުޟު ކުރެއްވެވި ކަންކަން ކުރާނަމަ އެމީހަކުދެކެ ﷲ ތަޢާލާ އިންތިހާއަށް ލޯބިވެވޮޑިގަންނަވައެވެ.
ހަމަ އެއާއިއެކު ﷲ ތަޢާލާ ގެ ލޯބި އިތުރަށް ބޭނުންވާ މީހާއަށް އިތުރު ފުރުޞަތުތައްވެސް ވަނީ ހުޅުއްވަވައިލަ ދެއްވަވައިފައެވެ. އެއީ ސުންނަތް ކަންކަމެވެ. ﷲ ތަޢާލާ އާއި އިތުރަށް ގުޅުން ބަދަހިކުރުމަށާއި ﷲ ތަޢާލާގެ ޙަޟްރަތުން ލޯބި އިތުރަށް ބޭނުން މީހާ ހަމަ ވީހައި ގިނައިން ސުންނަތް ކަންކަން ކުރަންވީއެވެ.
އެހްނަކަމުން ﷲ ތާޢާލާ އާއި ކުއްތަންވާން ބޭނުން މީހާ ކުރިއަށް ދާން އޮތް މަގު ވަރަށް ސާފުކޮށް މިއޮތީ ފެންނާށެވެ. އެމަގުގައި ކުރިއަށް ދިއުމާއި ދާނެ ބާރު މިނަކާއި ދާނެ މިންވަރު އިޚްތިޔާރުކުރުމުގެ ބާރު ﷲ ތަޢާލާ ވަނީ މީސްތަކުންގެ އިޚްތިޔާރަށް ދޫކޮށްލައްވަވައިފައެވެ.
މިގޮތަށް ވިސްނާށެވެ. ﷲ ތަޢާލާ އެވަނީ ޚަޒާނާގެ ދޮރުކޮޅުތައް ހުޅުއްވަވައިލަ ދެއްވަވައިފައެވެ. ބޭނުން މީހަކު ޚަޒާނާއަށް ވަންނަންވީއެވެ. ގެންދެވުނުހައި ވަރަކަށް ގެންދަންވީއެވެ. ޖީބަށް އަޅައިގެން މަދު އެތިކޮޅެއްވެސް ގެންދެވިދާނެއެވެ. ބޮޑެތި ބަސްތާ ތަކުގައިވެސް ގެންދެވިދާނެއެވެ. ޚަޒާނާއަށް ނުވަދެ އެއްވެސް ޖަވާހިރެއް ނުގެންގޮސް ނިކަމެއްޗެއްގެ ގޮތުގައިވެސް ހުރެވިދާނެއެވެ. އެހުރިހާ އިޚްތިޔާރުތަކެއްވެސް ވަނީ ދެއްވަވައިފައެވެ.
ﷲ ތަޢާލާގެ ޚަޒާނާއިން ލިބިގަތުމަށް ދެއްވަވާފައިވާ ފުރުޞަތުގެ ބޭނުން މިކުރެވެނީ ވަރަށް ތަފާތުގޮތަކަށެވެ. އެހެނީ އަހަރެމެންނަށް މިޖެހެނީ މިދުނިޔޭގައި ތިބެގެން ޚަޒާނާއިން ލިބިގަންނާށެވެ. ލިބިގަތް ހުރިހާ ޖަވާހިރެއް އަތަށް އަރާނީ އާޚިރަތް ދުވަހުއެވެ. މަރުވުމުން ވެސް ލިބެން ފަށައެވެ.
ބުއްދިވެރިންނަކީ މިދުނިޔޭގައި އަތަށް އަރާ ޖަވާހިރުތައް އެއްކުރަން އަވަދި ނެތި މަސައްކަތްކުރާ މީހުންނެއް ނޫނެވެ. ހަޤީޤީ ވިސްނުންތެރިންނަކީ ދުނިޔޭގައި ހޭދަކުރާ މަދު ވަގުތުކޮޅަށްފަހު މަރުވުމުން ލިބިގަތުމަށް ވީހައި ގިނަ ޖަވާހިރުތައް އެއްކުރާ މީހުންނެވެ.
މާނައަކީ ހަޤީޤީ ފައިދާއެއް ލިބެން އޮތީ ވީހައި ގިނައިން ފަރުޟާއި ސުންނަތް ކުރުމުން ކަމެވެ. އެކަންކަންކޮށް ﷲ ތަޢާލާގެ ލޯބި ވީހައި ބޮޑަށް ހޯދުނު ވަރަކުން ކަމެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން -