ދަރަޖަ މަތިވުމަށް އެދޭނަމަ އޮތީ ﷲ ތަޢާލާގެ އިންތަކުގައި ސާބިތުވުމެވެ. އެކަން ދުނިޔޭގެ ކަންކޮޅުތަކުން ދަނީ ފެންނަމުންނެވެ. ވަޒީފާ ތަކުގައިވެސް ވިޔަފާރީގައިވެސް އެންމެ ކާމިޔާބުކަމާއިއެކު ކުރިއަރާފައިވަނީ ﷲ ތަޢާލާގެ އިންތަކުގައި ސާބިތުވެތިބޭ މީހުންނެވެ. ޒަވާޖީ ހަޔާތުގައިވެސް މެއެވެ.
ލޯބީގެ މައްސަލަތަކަށް ބެލި ނަމަވެސް ކަންކަން ހިނގަނީ ހަމަ މިމޭރުމުންނެވެ. ހަޤީޤީ ލޯބި ޙާޞިލުކުރެވެނީ ﷲ ތަޢާލާގެ އިންތަކުގައި ސާބިތުވުމުންނެވެ. ފައިސާގެ ދަޅަ ދެއްކުމާއި މަޖުބޫރުކުރުވުމާއި ސިހުރުހާހޫރަ ހެދުން ފަދަ ކަންކަން ކޮށްގެން ހަޔާތުގެ ބައިވެރިއަކު ހޯދި ނަމަވެސް ހަމަ ވަރަށް މަދުން ނޫނީ އެފަދަ ކައިވެންޏެއްގައި އުފާވެރިކަން ލިބިފައެއް ނުވެއެވެ. ދިރިއުޅެންޖެހިފައި އޮންނަނީ ގަދަ ހަނގުރާމައެއް ކުރިއަށްދާ ހޫނުގަދަ މައިދާނެއްގައި އުޅޭ ފަދައިންނެވެ. ނުވަތަ ގަދަ ކަނޑެއްގައި ފަތާ އުޞޫލުންނެވެ.
ﷲ ތަޢާލާ ކޮންމެ މީހަކުވެސް އުފައްދަވާފައިވަނީ ތަފާތު މީހެއްގެ ގޮތުގައެވެ. އެހެންކަމުން ކޮންމެ ދެ މީހެއްގެ ެމެދުގައިވެސް ތަފާތުތަކެއް ހުންނާނެކަން ޤަބޫލުކުރަންވާނެއެވެ. އީމާންކަމުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ ހެޔޮ މިންވަރަށާއި ނުބައި މިންވަރަށް އީމާންވުމުގެ މާނައިގެ ތެރޭގައި މިކަންކަން ވަނީ ހިމެނިފައެވެ.
ބައެއް މީހުންނަށް ވައްކަން ކުރެވުން ފަދަ ކަންކަން ކުރެވެނީވެސް އަދި ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ކުރެވެނީވެސް އެމީހާ އަކީ ކާކުކަން އެމީހަކަށް ނުއެނގޭތީއެވެ. ﷲ ތަޢާލާ އެމީހަކަށް ދެއްވެވި މިންވަރަށްވުރެ އިތުރަށް ލިބިގަންނަން ބޭނުންވެގެންނެވެ. ﷲ ތަޢާލާ އެމީހަކަށް މިންވަރު ކުރެއްވެވި ދަރަޖައަށްވުރެ މަތީ ދަރަޖައަކަށް ދިއުމަށް ޝައުޤުވެރިވެވޭތީއެވެ.
އިތުރު ކަންކަމަށް އެދުމާއި ދަރަޖަ މަތިވެރިވުމަށް އެދެވުމަކީ އިންސާނީ ޠަބީއަތެވެ. ނަމަވެސް އަބަދުވެސް ވިސްނަން ޖެހޭނީ އިންތަކެއްގެ ތެރެއިން ކަންކަން ކުރުމަށެވެ. އަމިއްލަ ދަހިވެތިކަމުގައި ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ އިންތަކުން ބޭރަށް ނުގޮސް މަޤްޞަދުތައް ޙާޞިލުކުރަން މަސައްކަތް ކުރުމަށެވެ. މިދުނިޔެވެސް އަދި އާޚިރަތްވެސް ލިބޭނީ އެއިރުންނެވެ.
- ވައްހާޖް ޠަރިންގެ ދަރުސަކުން -