އަހަރެމެން އުޑަށް ބަލައިލުމުން ދިއްލިފައިވާ ތަރިތައް އުޑުން ފެނެއެވެ. އަހަރެމެންނަށް އުޑުން ދިއްލިފައިވާ ތަރިތައް ފެންނަފަދައިން އުޑުގެ މަލާއިކަތުން މަތިން ބައްލަވާއިރު ތިބާގެ ގެ ދިއްލިފައިވަނިކޮށް މަލާއިކަތުންނަށް ދައްކަވަން ބޭނުން ހެއްޔެވެ؟
ފަށައިގަންނަމުން ނޫރު ސޫރަތުގެ 35 ވަނަ އާޔަތާއި 36 ވަނަ އާޔަތް ކިޔައިދޭނަމެވެ.
"35- ﷲ އީ، އުޑުތަކާއި، ބިމުގެ ނޫރެވެ. އެކަލާނގެ ނޫރުފުޅުގެ މީސާލީ، އެއްފަރާތުން އަނެއް ފަރާތަށް ފޫވެއްޓިފައިނުވާ، އާނގައެއްގެ މިސާލެވެ. އެ އާނަގަތެރޭގައި ބައްތިއެއް ވެއެވެ. އެބައްތި ވަނީ ބިއްލޫރިގަނޑެއްގެ ތެރޭގައެވެ. އެ ބިއްލޫރިގަނޑު، ރަންމުތުގެ ތަރިއެއް ފަދައެވެ.
އެ ބައްތި ދިއްލެނީ، ބަރަކާތްތެރި ޒައިތޫނި ގަހަކުންނެވެ. އިރުމަތީގެ ގަހެއް ނޫނެވެ. ހުޅަނގުގެ ގަހެއްވެސް ނުމެނޫންމެއެވެ. އެގަހުގެ ތެޔޮ، އެއިގައި އަލިފާން ނުބީހުނަސް އަލިކުރާން ގާތްވެފައިވެއެވެ. އަލިކަމެއްގެ މައްޗަށް ހުރި އަލިކަމެކެވެ. އަދި ﷲ، އެކަލާނގެ އިރާދަކުރެއްވި މީހަކަށް، އެކަލާނގެ ނޫރުފުޅަށް މަގުދައްކަވަތެވެ. އަދި ﷲ މީސްތަކުންނަށް މިސާލުތައް ޖައްސަވައި ދެއްވަވަތެވެ. މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
36- އެތަންތަނުގައި އެކަލާނގެ ނަންފުޅު ހަނދުމަކުރުމަށާއި އެތަންތަން މަތިވެރިކޮށް އުފުލުމަށް، ﷲ އިޛްނަ ދެއްވަވާފައިވާ ގެތަކެއްގައެވެ. (އެބަހީ މިސްކިތް ތަކެއްގައެވެ.) ހެނދުނާއި ހަވީރު، އެތާނގައި އެކަލާނގެއަށް ތަސްބީޙަ ކިޔައި އުޅެތެވެ."
މިދެ އާޔަތުގެ ތަފްޞީލަށް ބަލާއިރު މިސްކިތުގެ މާނަ އަހަރެމެން މިކިޔާ ބޮޑެތި މިސްކިތްތައް އެކަނި ކަމަށް ބަލައިގެން ނުވާނެއެވެ. ﷲ ތަޢާލާއަށް ނަމާދުކުރާ ކޮންމެ ތަނަކީ މިސްކިތެކެވެ. އެހެންކަމުން އެގެއެއްގައި ނަމާދު ކުރާ ކޮންމެ ގެއަކީވެސް މިސްކިތެކެވެ.
މިދައްކަނީ އަހަރަކު އެއްފަހަރު ނަމާދުކުރާ ގެތަކުގެ ވާހަކައެއް ނޫނެވެ. އެފަދަ ގެތައް ވާނީ ފަޅުވެފައިވާ މިސްކިތްތަކަށެވެ. ތަނެއް ފަޅުކޮށްފައި އެއްލައިލީމާ އެތަނަކުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ގޭގައި ކިތަންމެ ގިނަ ބައަކު ދިރިއުޅުނު ނަމަވެސް އެގެއެއްގައި ނަމާދުކޮށް ޛިކްރް ނުކުރާނަމަ އެއީ ހަޤީޤީ ދިރުމެއް ނެތް ފަޅުތަނެކެވެ. އެފަދަ ގެއެއްގައި ކިތަންމެ އަލިގަދަ، ކުލަކުލައިގެ ބޮކިތައް ދިއްލާފައި ހުރިނަމަވެސް އެފަދަ ގެތަކުގައި ޙަޤީޤީ އަލިކަމެއް ނުވާނެއެވެ.
އަހަރެމެންނަށް ފައިދާހުރި ހަޤީޤީ ދިރުމާއި އަލިކަން ގެއަށް ލިބޭނީ ކުރިން ބުނި ފަދައިން އެ ގެއެއްގައި ނަމާދުކޮށް ޛިކުރުކުރާނަމައެވެ.
ފަށަމުން ބުނިފަދައިން އަހަރެމެން އިސް އުފުލައި އުޑަށް ބެލުމުން ދިއްލިފައިވާ ތަރިތައް ފެނެއެވެ. އެކި ތަރީގެ އަލިކަން ހުންނަނީ އެކި މިންވަރަށެވެ. ސައިޒުވެސް ތަފާތެވެ.
މިއީ ﷲ ތަޢާލާގެ ޙަޟްރަތުގައި ހަމަ އަހަރެމެންގެ ގެތަކުގެވެސް މިސާލެވެ. މަތިން މަލާއިކަތް ބޭކަލުން ތިރިއަށް ބެއްލެވުމުން ދިއްލިފައިވާ ގެތައް ފެނިވަޑައިގަންނަވާނެއެވެ. އެކިގެ ދިއްލޭނީ އެކިވަރަށެވެ. މިބުނީ ގެތަކުގެ އަލިކަން މަލާއިކަތް ބޭކަލުން ފެނިވަޑައިގަންނަވާ މިންވަރު ތަފާތުވާނެ ވާހަކައެވެ.
ތިބާ ދިރިއުޅޭ ގެއަކީ އަލިގަދަ ގެއަކަށް ހަދަން ބޭނުން ހެއްޔެވެ؟ އެހެންކަމަށްވާނަމަ ވީހައި ގިނައިން ގޭގައި ނަމާދުކުރާށެވެ. ފިރިހެނުންނަށް ސުންނަތް ނަމާދުތައްވެސް ގޭގައި ކުރެވޭނެއެވެ. ވީހައި ގިނައިން ގޭގައި ކީރިތި ޤްރްއާން ކިޔަވާށެވެ. ﷲ ތަޢާލާއަށް ޛިކްރް ކުރުން ގިނަކުރާށެވެ. ގޭގެ އަލިކަން ދާނީ ގަދަވަމުންނެވެ.
މިކަންކަން ނުކުރާ ގެތައް އެއީ ފަޅުގެތަކެވެ. އެފަދަ ގެއެއްގައި އެއްވެސް އަލިކަމެއް ނުހުންނާނެއެވެ. ފެންނާނީ އަނދިރި ގަނޑެއްފަދައިންނެވެ.
އަހުރެން މިބަސްތައް މިބުނަނީ ފަށައިގަންނަމުން ބަޔާންކުރި 2 އާޔަތުގެ ބަޔާންކުރައްވަވާފައިވާ ކަންކަމަށް ރިޢާޔަތްކޮށްގެންނެވެ. ދީނީ އިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅުތަކަށް ބަލައިގެންނެވެ. އެއްވެސް ޙާލެއްގައި އަހަރެންނަށް ފެންނަހައި ވާހަކައެއް ބުނަނީއެއް ނޫނެވެ.
އަހަރެމެންގެ ގެތަކުގެ އަލިކަން އުޑާއި ހަމައަށް ފޯރުވަން އަލިގަދަ ބޮކިތަކެއް ދިއްލާކަށް ނުޖެހެއެވެ. ދުނިޔޭގައި ހުރި ހުރިހާ ބޮކިތަކެއް އެއްކޮށްގެން ބޮތްކެއް ހެދި ނަމަވެސް އެކަމެއް ނުކުރެވޭނެއެވެ. އެކަން ކުރެވޭނީ ﷲ ތަޢާލާ އަންގަވާފައިވާ މަގުން އަމަލުކޮށްގެންނެވެ.
- ނުޢްމާން ޢަލީ ޚާންގެ ދަރުސަކުން -