އައްރަޙްމާން ސޫރަތުގެ ކުރީކޮޅުގެ މި 3 އާޔަތަށް އެކަނި ބަލައިލި ނަމަވެސް ބުއްދި ސަލާމަތުން ހުރި މީހަކަށް ﷲ ތަޢާލާ ވޮޑިގެންވާ ކަމުގެ ހެކި ލިބި އިތުރުވާނެއެވެ.
ﷲ ތަޢާލާ އަންގަވަނީ އިންސާނުން ހެއްދެވީ އެކަލާނގެ ކަމަށެވެ. މާނައަކީ އިންސާނުން އުފައްދަވައި ދުނިޔެއަށް ފޮނުއްވަވަނީ ﷲ ތަޢާލާ ކަމެވެ. ވީއިރު ދުނިޔޭގައި ތިބި ހުރިހާ ސައިންސްވެރިން ގުޅިގެން ނަމަވެސް އަމިއްލައަށް ޖީން އެއް ނުވަތަ ފަންޏެއް އުފައްދައިގެން އިންސާނަކު އުފަންކުރުވަންވީ ނޫންހެއްޔެވެ؟
ﷲ ތަޢާލާ ވަހީ ކުރައްވަވާފައިވަނީ އިރާއި ހަނދާއި ތަރިތައް އުފައްދަވައި އެތަކެތީގެ މަޤާމުތަކުގައި ލައްވަވައި ދައުރުކުރާގޮތް ހައްދަވާފައިވަނީ އެކަލާނގެ ކަމަށެވެ. ހުރިހާ ސައިންސްވެރިން ގުޅިގެން އެ ނިޒާމު ބަދަލުކޮށްލަންވީ ނޫން ހެއްޔެވެ؟ ނޫނީ ނިޒާމަށް ކިތަންމެ ކުޑަ ނަމަވެސް ބަދަލެއް ގެންނަންވީ ނޫން ހެއްޔެވެ؟
"އަދި، އެކަލާނގެ އުޑުތައް އުފުއްލެވިއެވެ." މާނައަކީ އުޑުތައް އުފުއްލެވީ ތިމަން ﷲ އެވެ. ވީއިރު ހުރިހާ ސައިންސްވެރިން ގުޅިގެން އެންމެ އުޑެއް ނުވަތަ އުޑަކުން ތަންކޮޅެއް ނަމަވެސް ތިރިކޮށްލަންވީ ނޫންހެއްޔެވެ؟
ނިކަން މިފަދަ އެއްވެސް ކަމެއް ކޮށްބަލާށެވެ! ނުކުރެވޭނެކަން އެއީ އިރުގެ އަލިކަން ފަދައިން ޔަޤީން ކުރެވޭ ކަމެކެވެ. މުޅި ދުނިޔެ އާއި ދުނިޔޭގައި ވާހައި ތަކެއްޗެއް އެކަމަށް މަސައްކަތްކުރި ނަމަވެސް މެއެވެ.
ނުކުރެވޭނެ ވަރަށް ކުޑަކުޑަ ސަބަބެއްވެސް ބުނާނަމެވެ. ހަމަ އައްރަޙްމާން ސޫރަތުންނެވެ. 6 އާޔަތެވެ. "އަދި، ފަތްޕިލާވެއްޔާއި ގަސްގަހާގެހި، އެކަލާނގެއަށް ކިޔަމަންވެ ސަޖިދަ ކުރެއެވެ." މިއާޔަތުގައި މިމޭރުމުން އޮތް ނަމަވެސް ދުނިޔޭގައި ލައްވަވާފައިވާ ފަރުބަދަތަކާއި އެންމެހައި ތަކެތި އެކަލާނގެއަށް ކިޔަމަންވެ ސަޖިދަކުރާކަން އެނގެން އެބަ އޮތެވެ.
އެހެންކަމަށްވާއިރު ﷲ ތަޢާލާއަށް އުރެދިގެން މިއުޅޭ މީސްކޮޅަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ ހަމަ އެއް ކަމެއްވެސް ނުކުރެވޭނެއެވެ. ކުރެވޭނެ ނަމަ ނިކަން ކޮށްފައި ދައްކަބަލާށެވެ.
ކުރެވޭނެ އޮތީ ހަމަ އެންމެ ކަމެކެވެ. އެއީ އަމިއްލައަށް ހަލާކުގެތެރެއަށް ވެއްޓިގަތުމެވެ. ހައްޤުގެ މަގު ދޫކޮށް ބާޠިލު ޚިޔާރުކޮށް ނަރަކައިގެ ވޭންދެނިވި އަޒާބު ލިބިގަތުމެވެ. އެކަން ކުރަން ބޭނުން މީހަކަށް އެކަން ކުރެވިދާނެއެވެ.
ފަހަކަށް އައިސް ކޮންމެ ކަމެއް ވެސް ގުޅުވަނީ ސައިންސާއެވެ. ސައިންސްގެ ތިއަރީތަކުގެ ތެރޭގައި ފެންނަން ކޮންމެވެސް އެއްޗެއް ނެތްނަމަ އެކަމެއް ޤަބޫލުނުކުރާނެ ކަމަށް ބުނާ ބައަކު އެބައުޅެއެވެ. އެފަދަ މީހުން ބުނަނީ ކަލަކު ވޮޑިގެންވާކަމަށް ޤަބޫލުކުރާނީ ކަލާނގެ ފެނުމުން ކަމަށެވެ.
މިފަދަ މީހުން އެދައްކަނީ ވަރަށް ދަށުދަރަޖައިގެ ވާހަކަތަކެކެވެ. އެމީހުންނަށް އަޑު ފެނޭ ހެއްޔެވެ؟ އަޑުގައި އަތްލެވޭ ހެއްޔެވެ؟ ނުފެންނާތީ، އަތް ނުލެވޭތީ އެމީހުންނަށް އަޑު ނުއިވެނީހެއްޔެވެ؟ ބީރީ ހެއްޔެވެ؟
އެމީހުންނަށް ވައި ފެނޭ ހެއްޔެވެ؟ ވައި ނުފެންނާތީ އެމީހުންގެ ގައިގައި ވައި ނުޖެހެނީހެއްޔެވެ؟ މިފަދަ ކިތަންމެ މިސާލުތަކެއް ދެއްކިދާނެއެވެ. ހަމައެއާއިއެކު އެމީހުންނަށް އިރުފެނެއެވެ. އިރު ފެންނާތީ އިރުގައި އަތްލެވިއްޖެހެއްޔެވެ؟ ނޫނީ އިރުގައި ފައިތިލަ ޖެއްސިއްޖެ ހެއްޔެވެ؟
ލޮބުވެތި މުސްލިމުންނޭވެ! ﷲ ވޮޑިގެންވާ ކަމުގެ އެތައް ބައިވަރު ހެކިތަކެއް ކީރިތި ޤްރްއާނުގައި ﷲ ތަޢާލާ ވަނީ ބަޔާން ކުރައްވަވައިފައެވެ. އެއީ މީގެ 1400 އަހަރު ކުރިން ބާވައިލައްވަވާފައިވާ އާޔަތްތަކެވެ. އެމީހުން އެބުނަނީ ތެދެއް ނަމަ ކީރިތި ޤްރްއާނުގެ އެންމެ ޢާޔަތަކުން ދޮގެއް ދައްކަންވީ ނޫން ހެއްޔެވެ؟ މިވެނި އެވެނި ނިއުމަތްތައް މިންވަރު ކުރައްވަވަނީ ތިމަން ﷲ ކަމަށް ބަޔާން ކުރައްވަވާފައިވާ އެންމެ ކަމެއްވެސް އެމީހުން އަމިއްލައަށް ކޮށްފައި ދައްކަންވީ ނޫން ހެއްޔެވެ؟
ވަރަށް ކުޑަކުޑަ މިސާލެކެވެ. ދިޔަވަރު އެންމެ ބޮޑުވަނީ ހަނދުމެދު ޖެހޭ ވަގުތުއެވެ. އެކަން އިރުމެދުޖެހޭ ވަގުތަށް ބަދަލުކުރެވިދާނެ ހެއްޔެވެ؟ އިރުމަތީފަރާތުން އިރުއެރުމާއި ހުޅަނގުފަރާތަށް އިރު އޮއްސުން މިންވަރު ކުރެއްވެވީ ﷲ ތަޢާލާއެވެ. އެކަން ބަދަލުކުރުވަންވީ ނޫންހެއްޔެވެ؟
ލޮބުވެތިއަޚުންނާ އުޚުތުންނޭވެ! ފަހުޒަމާން މިވަނީ ފެށިފައެވެ. ދުނިޔެ ނިމެން ކައިރިވަނީއެވެ. މިބާވަތުގެ ތަފާތު މައްސަލަތައް ދާނީ އިތުރުވަމުންނެވެ. އިސްލާމް ދީނަށް ކުރިމަތިކުރުވާ ގޮންޖެހުންތައްވެސް ދާނީ އިތުރުވަމުންނެވެ. މިހާލަތުން އަރައިގަންނަން މުސައްކަތްކުރުމަކީ ހަމަ ކޮންމެ މުސްލިމެއްގެ ވެސް ޒިންމާއެކެވެ. މުޅި އިސްލާމީ މުޖުތަމައުގެ ވެސް ޒިންމާއެކެވެ.
މިކަމަށް ކިރިޔާވެސް ހައްލެއް ލިބޭނީ މުސްލިމުންގެ ހޭލުންތެރިކަން އިތުރުކުރެވުނުވަރަކުންނެވެ. ހޭލުންތެރިވާނީ ދީނުގެ ފުރިހަމަ މައުލޫމާތު ހޯދިވަރަކުންނެވެ. ދީނީ ޢިލްމު ޙާޞިލުކުރި ވަރަކުންނެވެ. އެކަންކަމާއިއެކު ހަމަކޮންމެ މީހަކީވެސް އިސްލާމް ދީނުގެ ދިފާޢުގައި ކެރިގެން ސާބިތުކަމާއިއެކު މަސައްކަތްކުރާ މީހަކަށް ވެގެންނެވެ.
އަހުރެންގެ އާދޭހަކީ ކޮންމެ މުސްލިމަކުވެސް ފަރުދީ ވާޖިބު އަދާކުރުންމަތީގައި ދެމިތިބުމެވެ. އިސްލާމް ދީނަށް ކުރިމަތިކުރުވަމުން މިއަންނަ ގޮންޖެހުންތަކަށް ރައްދުދެވޭ ފެންވަރަށް ހޭލުންތިރިވުމެވެ. އަދި އެހެން މުސްލިމުން ހޭލުންތެރިކުރުވަން މަސައްކަތްކުރާ މީހަކަށްވުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން -