އެއްބައަކަށް މިދުނިޔެ ވެގެން އުޅެނީ އެމީހުންގެ ހުރިހާ އެއްޗަކަށެވެ. ﷲ ތަޢާލާ ނިޢްމަތްތައް މިންވަރުފުޅު ކުރެއްވެވުމުން އެމީހުންނަށް ހީވެގެން އުޅެނީ އެނިޢްމަތްތަކުގައި ދާއިމަށް ދެމިތިބޭނެ ކަމަށެވެ. ދުވަހަކުވެސް މަރުނުވާނެ ކަމަށެވެ. ބިރުވެރިކަމުން ފުރިގެންވާ ޤިޔާމަތް ދުވަހަކީ އަންނާނެ ދުވަހެއްކަން އެމީހުންގެ ހަނދާނުގައިވެސް ނުހުރެއެވެ.
މީސްތަކުންނޭވެ! މަރު ހިއްޕަވާ މަލާއިކަތާވެސް ހިމެނޭ ގޮތުން ހުރިހާ މަލާއިކަތް ބޭކަލުން ވެސް ނެތިގެންދާނެ ދުވަސް އަންނާނެއެވެ. ﷲ ތަޢާލާ ވޮޑިގެންވާ ޢަރްޝި އުފުއްލަވާ މަލާއިކަތް ބޭކަލުންވެސް ހިމެނޭ ގޮތުންނެވެ. ﷲ ތަޢާލާ އެހިނދު ވަޙީ ކުރައްވަވާނެތެވެ. "ތިމަން ﷲ ފިޔަވައި ދިރިހުރީ ކާކުހެއްޔެވެ؟" ޖަވާބު އަރުވާނެ އެއްވެސް މަލާއިކަތަކުވެސް ނެތުމުން އެ އަޑުފުޅު އެނބުރި ﷲ ތަޢާލާއަށް ރުޖޫޢަވާނެތެވެ.
މީސްތަކުންނޭވެ. މިއަދު ކުޑަވެސް ބިރެއް ނެތި ހިތަށް އެރިހައި ކަމެއް ކުރަމުން ހިތަށް އެރިހައި ގޮތަކަށް އުޅެމުންދާއިރު އެ ބިރުވެރި ދުވަހާއިމެދު ވިސްނައިލެވޭ ހެއްޔެވެ؟ އާޚިރަތް ދުވަހު ކަންތައްތައް ވެގެންދާނެ ގޮތް ކުޑަކޮށް ނަމަވެސް ހިތަށް އަރާހެއްޔެވެ؟
އެގޮތުގައި ދެމިއޮންނާނީ ކިހައި ދުވަހެއްކަން އެނގޭކަށް ނެތެވެ. އެނގެނީ 40 ކަމެވެ. އެއީ 40 ދުވަސްކަމެއް، 40 އަހަރުކަމެއް، ނުވަތަ ސާޅީހާއި ގުޅިފައިވާ ކޮން އަދަދެއްގެ ދުވަހެއްކަން ހަދީޘް ރިވާ ކުރެއްވެވި އަބޫ ހުރައިރާ ރިވާ ކުރެއްވެވިކަން އެނގިފައި ނެތުމުންނެވެ.
ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ މުއްދަތު ފާއިތުވުމުން މަލާއިކަތް ބޭކަލުންނާއި އެންމެހައި އިންސާނުން ދިރުއްވަވާނެތެވެ. މީސްތަކުން މަޙްޝަރުގެ މައިދާނަށް އެއްކުރައްވަވާނެތެވެ.
އެއީ ބިރުވެރިކަމުން ފުރިގެންވާ ދުވަހެކެވެ. ބިރުވެރިކަމުން ފުރިގެންވާ ދުވަހެކެވެ. އަނދިރިކަން ގަދަވެގެންވާ ދުވަހެކެވެ. އަލިކަމެއް ކިރިޔާވެސް ލިބޭނީ ދުނިޔޭގައި ހުރެ ކޮށްފައިވާ ހެޔޮ އަމަލެއްގެ މިންވަރުންނެވެ. ބައެއް މީހުންނަށް އަލިކަން ލިބޭނެއެވެ. އަނެއް ބައަކަށް ކިރިޔާ ފުދޭވަރެއްގެ އަލިކަމެއް ލިބޭނެއެވެ. ނިވިދިއްލޭ ފަދައިން އަލިކަން ލިބޭނެ ބައަކުވެސް އުޅޭނެތެވެ.
ހެޔޮ އަމަލު ކުރެވިފައި ނުވާނަމަ އެމީހަކަށް އޮތީ ކަނު އަނދިރިކަމެވެ. އެމީހަކަށް އެއްވެސް އަލިކަމެއް ނުލިބޭނެއެވެ. ވީއިރު ހެޔޮ އަމަލު ނުކުރަމުން ގޭގައި ތިއަ ދިއްލާ ކުލަ ބޮކިތަކުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ބޮޑު ޚަރަދުކޮށްގެން ދުނިޔޭގެ އެންމެ އަގު ބޮޑު ބޮކިތައް ދިއްލުމުގެ އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟
މީސްތަކުންނޭވެ! އާޚިރަތް ދުވަހު ކަންކަން ހިނގައިދާނެ ގޮތުގެ ތަފްޞީލުތައް ވަރަށް ގިނަ އިލްމުވެރިން ވަނީ ދެއްވަވައިފައެވެ. އަދި މިހާރުވެސް ގެންދަވަނީ އެފަދަ ދަރުސްތައް ދެއްވަވަމުންނެވެ. އެހެންކަމުން އެކަންކަމުގެ މައުލޫމާތު ގިނަ ބައަކަށް އެނގޭތީއާއިއެކު ވަގުތުވެސް ނެތުމުން އެބައި މިދަރުސްގައި ކުރުކޮށްލާނަމެވެ.
މިރޭ ބުނަން ބޭނުންވަނީ ދުނިޔޭގައި އުޅެން މިލިބޭ މަދު ވަގުތުކޮޅުގައި އާޚިރަތް ދުވަހާއިމެދު އަބަދުވެސް ވިސްނައި ހުރުމުގެ މުހިންމުކަން ބޮޑުކަމެވެ. ހަމަ އެންމެ ވަގުތަކުވެސް އެކަން ހަނދާނުން ފިލުވައި ނުލުމަށް އެދޭވާހަކައެވެ. ހިތުގައި އާޚިރަތް ދުވަސް ބިންވަޅު ނަގައިގެން އަބަދުވެސް ކަންކަން ކުރުމަށެވެ. ކުރާ ކޮންމެ އަމަލެއް ކުރުމުގެ ކުރިންވެސް އެކަމަކާއިމެދު އާޚިރަތް ދުވަހު ސުވާލުކުރެވޭނެކަން ހިތުގައި ބާއްވައިގެން ކޮންމެ ކަމެއް ވެސް ކުރާނަމަ އެމީހަކަށް ހުރެވޭނީ ސީދާ ގޮތުގައެވެ.
ދަރުސްގެ ތެރެއިން ކުޑަ ހަދިޔާއެއް ކޮށްލާނަމެވެ. އެންމެންވެސް ލޯބި ބޭނުންވެއެވެ. ލޯބީގެ ވާހަކަ ދައްކާނަމަ ވަރަށް ޝައުޤުވެރިވެސްވާތީ ލޯބީގެ ވާހަކަކޮޅެއް ދައްކައިލާނަމެވެ.
ﷲ ތަޢާލާގެ ޢަރްޝީގެ ހިޔާވަހިކަން ނޫން އެއްވެސް ހިޔާވަހިކަމެއް ނެތި 50،000 އަހަރު ދުވަހު އިންތިޒާރުކުރަންޖެހޭނެއެވެ. އެއީ ހިސާބު ބައްލަވައި އެމީހަކަށް ކަނޑައެޅިފައިވާ ތަން، ސުވަރުގެ ނުވަތަ ނަރަކައަށް ދާންޖެހުމުގެ ކުރިއެވެ.
އަހަރެމެންނަށް މިއުޅެނީ ގަޑިއެއްގެ އިރުކޮޅަށް ނުހުރެވިގެންނެވެ. 2 ގަޑިއިރުވެއްޖެނަމަ ފައަށް ލޭފައިބާތީއެވެ. އިރު ކައިވަތަކަށް ތިރިވެފައިވާ އެދުވަހު އެގަދަ ހޫނުގައި 50،000 އަހަރު ކޮޅަށް ހުންނަން ޖެހޭނެ ކަމަށް ވިސްނާށެވެ. އެ ދިގު އިންތިޒާރުގައި ޢަރްޝީގެ ހިޔާވަހިކަން ލިބޭނެ މީހުންގެ ތެރޭގައި ﷲ ތަޢާލާއަށްޓަކައި އެކަކު އަނެކަކު ދެކެ ލޯބިވީ މީހުން ހިމެނެއެވެ. ރަޙްމަތްތެރިކަމުގެ ލޯބިވެސް ހިމެނޭ ގޮތުންނެވެ. ވީއިރު މުހިންމީ ތިއަ ފާހަގަ ކުރާ އެހެން ދީންތަކުގެ ލޯބިވެރިންގެ ދުވަސްތައް ފާހަގަކުރުން ހެއްޔެވެ؟ ﷲ ތަޢާލާއަށްޓަކައި ލޯބިވެ އެލޯބީގެ ގުޅުން ރަނގަޅު ގޮތުގައި ދެމެހެއްޓުން ހެއްޔެވެ؟
- އުސްތާޛް ވައްހާޖް ތަރިންގެ ދަރުސަކުން -