ބަނޑު ބޮޑު މީހުންނަށް މިދުނިޔޭގައި ވެސް އުޅެންޖެހޭ ބުރަހެލިކަން އެބަ ފެނެއެވެ. ހިނގާފައި ކުރިއަށް ނުދެވިގެން އުޅެންޖެހޭ ދަތިހާލު އެބަފެނޭ ނޫން ހެއްޔެވެ؟ ތިބާއަކީ މަރުވުމުގެ ކުރިން ކިތަންމެ ފިޓް މީހެއް ނަމަވެސް ޤިޔާމަތް ދުވަހު ތިބާއަކީ ބަނޑު ބޮޑުކަމުން ހިނގައި ނުއުޅެވޭ މީހަކަށްވެދާނެއެވެ.
އެދުވަހުން ތިބާގެ ބަނޑުﷲ ތަޢާލާ ބޮޑުކުރައްވަވަނީ އާދައިގެ ގޮތަކަށް ނޫނެވެ. މިދުނިޔެއިން މިފެންނަ ބަނޑުބޮޑު މީހުންނަށްވުރެ ތިބާގެ ބަނޑު އެދުވަހު މާބޮޑުވާނެއެވެ. ﷲ ތަޢާލާ އެގޮތް ތިބާއަށް މިންވަރު ކުރައްވަވަނީ ތިބާއަށް ތަކުލީފަކަށެވެ. ﷲ ތަޢާލާ މީހަކަށް ތަކްލީފެއް ޖެއްސެވުމުން އެކަން ތަކުލީފަކަށް ވާނެ މިންވަރު ހިތަށް ގެންނާށެވެ.
ޤިޔާމަތް ދުވަހު ﷲ ތަޢަލާ މީސްތަކުން އަލުން ދިރުއްވެވުމުން އެމީހުންގެ ބަނޑު ބޮޑުކަމުން ކުރިއަށް ހިނގައި ނުގަނެވި ވަރަށް ވޭނުގައި ކުރިއަށް ގަދަކަމުން ދާންޖެހޭ ބައަކު ތިބޭނެއެވެ. އެއީ ތިބާ ދުނިޔޭގައި އުޅުނުއިރު ޤަވާއިދުން ކަސްރަތު ނުކުރާތީއެއް ނޫނެވެ. އެންމެ ފައިދާހުރި ޑައަޓް ކެއުން ނުކާތީއެއްވެސް ނޫނެވެ.
އެއީ މިދުނިޔޭގައި ހުރިއިރު ރިބާގެ ފައިސާ އާއި ޔަތީމުންގެ މުދާ ނުހައްޤުން ކައި އުޅުނީތީއެވެ. އެފަދަ މީހުންނަށް އެމީހުންގެ ބަނޑު ފުފިފައިވާލެއް ބޮޑުކަމުން ކުރިއަށް ދެވޭނީ ހަމަ ކިރިޔާއެވެ. ކުރިއަށް ދާންޖެހޭނީ ވަރަށް މަސައްކަތުންެވެ.
އެފަދަ މީހުންގެ ތެރޭގައި ނުހިމެނޭށެވެ. އެކަމަށްޓަކައި ގަދައަޅައި މަސައްކަތްކުރާށެވެ! ﷲ ތަޢާލާ ތިބާއަށް ދެއްވެވި އެންމެ މަތިވެރި އެއް ނިއުމަތަކީ ބަނޑެވެ. ބަނޑު ދެއްވެވީ ހަލާލުތަކެތި ކައި އުޅުމަށެވެ. ޙަރާމް ކުރެއްވެވި ތަކެތި ކައި ބަނޑުފުރާކަށް ނޫނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން -