އަނބިމީހާއަށް މައިންބަފައިންނާއި ބައްދަލުކުރުން ފިރިމީހާ މަނާކުރި ނަމަވެސް ބައްދަލުކުރުން ހުއްދަވާނެ ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
"މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ އިސްލާމް ދީނުގަ އަމުރުކުރައްވާފައިވާ ކަމެއް. ވީމާ އެކަން ނުކުރުމަށް ފިރިމީހާ އަމުރުކުރި ނަމަވެސް ފިރިމީހާގެ އަމުރަށް ކިޔަމަންވާކަށް ނުޖެހޭނެ. ސަބަބަކީ ފިރިމީހާއަށް ކިޔަމަންގަތުން އޮންނަނީ ﷲ އަށް އުރެދުމެއް ނުވާ ކަންކަމުގައި. އުރެދުމެއްވާ ކަންކަމުގައި އަމުރުކުރި ނަމަވެސް ކިޔަމަންވާކަށް ނުޖެހޭނެ."
ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ "ފިރިމީހާ މައިންބަފައިންނާ ބައްދަލުކުރުން މަނާކޮށްފިނަމަ އަންހެން ދަރިއަށް މައިންބަފައިންނާ ބައްދަލުކުރަން ހެޔޮ ނުވާނެކަމަށް ދީނުގައި އޮވޭތޯ؟" މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.
ޑރ. އިޔާޟްގެ މި ޖަވާބުން އެނގެނީ ފިރިމީހާ، އަނބިމީހާގެ މައްޗަށް ކުރަންޖެހޭނީ އިސްލާމް ދީން ހުއްދަކުރާ އަމުރުތައް ކަމެވެ. އިސްލާމް ދީނުގައި ވާޖިބު ކުރައްވަވާފައިވާ ކަންކަން ނުކުރުމަށް އަމުރު ނުކުރެވޭނެ ކަމާއި ކުރި ނަމަވެސް އެފަދަ އަމުރަކަށް ކިޔަމަންވާން ނުޖެހޭނެ ކަމެވެ.