ބަނީއިސްރާއީލުން ބުނިފަދައިން ބުނާ މުސްލިމުން މިއަދު އެބަ އުޅެއެވެ. އަހަރެމެން ކުށެއް ކުރިނަމަވެސް ނަރަކައިގައި ތިބެންޖެހޭނީ މަދު ދުވަސްކޮޅަކު ކަމަށެވެ. އެއީ މާބޮޑުކަމެއް ނޫނެވެ.
މިހެން ބުނާ މޮޔައިންތަކާއެވެ! ނަރަކައިގައި ފަޅި ސިކުންތައް ހޭދަކުރުމަކީވެސް ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ސަލާމަތްވެވޭނެ އެއްވެސް އެހެން ގޮތެއް ނެތުމުން ނަރަކައިގައި އޮތުން ނޫން ދެވަނަ އެއްވެސް ގޮތެއް ނެތުމުން އޮންނަން ޖެހެނީއެވެ. ވީއިރު ތިއަ ދައްކަނީ ކޮން ކުރު މުއްދަތެއްގެ ވާހަކަތަކެއް ހެއްޔެވެ؟
ތިއަހެން ތިއަ ބުނަނީ ކޮން ކަމެއް އެނގިގެން ހެއްޔެވެ؟ ނަރަކައި އޮންނަން ޖެހޭނެ މުއްދަތާއިބެހޭ އެއްބަސްވުމެއް ތިބާއަށް ނަރަކައާއިއެކު ހެދުނީ ހެއްޔެވެ؟ އެފަދަ އެއްބަސްވުމެއް ހެދިފައި އޮތްނަމަ ދައްކަބަލާށެވެ. ސޮއިކުރައްވާފައި އޮތީ މާލިކުގެފާނު ހެއްޔެވެ؟
މިއަދު މުންކަރާތަކަށް އަރައިގަންނަނިކޮށް ފެނިގެން އެކަން ނުކުރަން މީހަކު ނަޞޭޙަތްތެރިވި ނަމަވެސް ތިއަ ބުނަނީ ބޭނުން ކުރަނީ ތިބާގެ މިނިވަންކަން ކަމަށެވެ. މިނިވަންކަމުގެ ބޭނުން ހިފާއިރު ނުބެހޭށެވެ. އަހަރެން އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލާށެވެ. މިއީ ކަލޭމެންނާއި ބެހޭ ކަމެއް ނޫނެވެ.
އަދިވެސް ބައެއް މިޔައިން އެބަ ބުނެއެވެ. ތިމަންނާ މިވެނި ކަމެއް ކޮށްލުމަށްފަހު ޙައްޖާއި އުމުރާވެ ތައުބާވާނީއެވެ. ބަލަ އެހެން ބުނާ މީހާގެ ތައުބާ ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެކަމާ މަބްރޫރް ހައްޖެއް ލިބޭނެކަން ޔަޤީން ވަނީ ކިހިނަކުން ހެއްޔެވެ؟ ހަމަޔަޤީންކަމާއިއެކު ﷲ ތަޢާލާ އަންގަވާފައިވާ އެއްކަމެއް އެބައޮތެވެ. އެއީ ﷲ ތަޢާލާ ޢަފޫ ކުރައްވަވާނި އެކަލާނގެ ހައްޤުތައް ކަމެވެ. މީސްތަކުންގެ ހައްޤަށް ނުވަތަ އެއްވެސް މީހެއްގެ ހައްޤަށް އަރައިގެންފައިވާނަމަ އެ ކަމަކަށް ބަދަލުނުދީ ސަލާމަތް ނުވެވޭނެ ކަމެވެ.
އަހަރަކު އެއްފަހަރު ޙައްޖުވެ ދުވާލަކު ޢުމްރާއެއްވީނަމަވެސް މީސްތަކުންގެ ހައްޤުތައް އަދާނުކޮށް ސަލާމަތެއް ނުވެވޭނެކަން އެއީ ސާބިތުކަމާއިއެކު އެނގެން އޮތް ކަމެކެވެ.
އެމީހެއްެގެ ބުއްދީގައި ޒައްރެއްގެ މިންވަރުގެ ކުޅަދާނަކަން ހުރި މީހަކުވެސް މިފަދަ އެއްވެސް ބަހެއް ނުބުނާނެއެވެ. އެފަދަ ބަސްތައް ތިއަ ބުނަނީ ސިކުނޑީގައި ހަމަ އެއްވެސް ތެތްކަމެއް ނެތުމުންެވެ.
މީސްތަކުންނޭވެ! މިފަދަ ބަސްތައް ބުނެފައި އެމީހަކު ކުރަން ބޭނުން ހުރިހާ ކަމެއް ކޮށްގެން މިދުނިޔޭގައި އުޅުމަށްފަހު މަރުވެ ނަރަކައަށް ދާންޖެހުމުން ނަރަކައިގައި އޮވެ ތިމަން އަޅާ ނަރަކައިން ސަލާމަތްކޮށްދެއްވަވާށޭ! އަދި އެއް ފުރުޞަތު ދެއްވަވާށޭ! މިއަޅާ ތައްބާވެްޖައީމޭ ނުވަތަ ތައުބާ ވާނަމޭ ބުނެ ކިތަންމެ ވަރަކަށް އަޑުގަދަ ކުރިނަމަވެސް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ހަމަ އެއްވެސް ފައިދާއެއް ނުކުރާނެއެވެ.
ﷲ ތަޢާލާ ވަޙީކުރައްވަވާނެތެވެ. "ތިއަ ބައިމީހުންގެ ގާތަށް ރަސޫލުން ނުފޮނުއްވަމު ހެއްޔެވެ؟ މިދުވަސް އަންނާނެ ކަމާއި ނުކިޔަމަންތެރިކަން ދެއްކި މީހުންނަށް މިއަދު އޮންނާނީ ގަދަފަދަ އަޒާބުކަން ތިމަން ﷲ ފޮނުއްވެވި ރަސޫލުކަލުން ބަޔާންކޮށް ނުދެއްވަވަނީ ހެއްޔެވެ؟ ރަސޫލުބޭކަލުން އިއްވެވި ތިމަން ﷲ ގެ ބަސްފުޅު ޤަބޫލުކޮށް ތައުބާވުމަށް ތިބާއަށް ކިހައި ގިނަ ފުރުޞަތުތަކެއް ކިތަށްފަހަރުމަތިން ދެއްވެވިން ހެއްޔެވެ؟ އެދުވަހު ތައުބާވެ ހެޔޮ އަމަލު ނުކުރީ ކީއްވެގެން ހެއްޔެވެ؟"
އަޚުންނާއި އުޚުތުންނޭވެ! ބިރުވެތިވާން ޖެހޭނީ މިހާލަތަށެވެ. މިއަދު ތިއަ ފުއްޕާ ފުއްޕުންތައް ނުފުއްޕޭނެ ދުވަހަކަށެވެ. ޔަޢްނީ ޤިޔާމަތް ދަވަހަށެ ތިބާއަށް މިއަދު ވަސްވާސްދޭ ބައިވެރިންގެ އެއްވެސް ބާރެއް ނުހިނގާނެ ދުވަހަށެވެ. އިބިލީހުގެ ވެސްމެއެވެ.
ހިތުހުރި ގޮތަކަށް ތިއަ އުޅެނީ ކާކުދިން މިނިވަންކަމެއް ލިބިގެންހެއްޔެވެ؟ ތިބާ އުފެއްދެވި، ހައްދަވައި ބޮޑުކުރެއްވެވި ﷲ ތަޢާލާ ތިބާއަށް ނުދެއްވަވާ މިނިވަންކަމެއް ދެވޭނީ ކާކަށް ހެއްޔެވެ؟ ކޮން ފަރާތަކަށް ހެއްޔެވެ؟ އެވަރުގެ ބާރުގަދަ ފަރާތެއް ހުރިނަމަ އެމީހަކު ލައްވައި ނިކަން ތިބާގެ ޢާއިލާއިން އެންމެ ދުވަސްވީ މީހާ މަރުނުވެ ބަހައްޓުވައިބަލާށެވެ! މަންމަ ނޫނީ ބައްޕަ މަރުވިއަ ނުދީ ހިފަހައްޓަބަލާށެވެ!
މިނިވަންކަމެވެ. މިވެނި އެވެނި ބައެކެވެ. ކިޔައިގެން އަދު އުފުލާއިރު މިވަރުވެސް ވިސްނައިލާނެ ބާރު ސިކުނޑީގައި ނެތްކަމީ ކޮން ފަދަ ބޮޑު ހިތާމައެއް ހެއްޔެވެ؟ ސިކުނޑީގައި އެވަރުގެ ބާރު ނެތްނަމަ އަމިއްލައަށް މޮޔައެއް ކަމަށް ނިންމައި މޮޔައިން ބަލަހައްޓާ ތަނަކަށް އަމިއްލައަށް ދާންވީ ނޫންހެއްޔެވެ؟
ލޮވެތި އަޚުންނާ އުޚުތުންނޭވެ! އަވަހަށް ތައުބާވާށެވެ! ނަރަކައިގައި އޮވެގެން ސަލާމަތްކަމަށް އެދި ﷲ ތަޢާލާއަށް ޢާދޭސްކުރަންޖެހޭ މީހަކަށް ނުވާށެވެ! މިދުނިޔޭގައި ﷲ ތަޢާލާ ދެއްވެވި މިނިވަންކަމުގެ ބޭނުން ﷲ ތަޢާލާ އެންގެވި ގޮތުގައި ހިފައި ސުވަރުގެ ވަދެވޭ އުފާވެރިއަކަށްވާން ގަދައަޅައި މަސައްކަތްކުރާށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން -