ތިޖޫރީ ކޮނޑުޖަހައިގެންދާތަން ބަލަން ހުރުމަކީ ވަކީލު ކުރުމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ތިޖޫރީ ކޮނޑުޖަހައިގެންދާތަން ބަލަން ހުރުމަކީ ވަކީލު ކުރުމެއް ނޫން!
ތިބާގެ ތިޖޫރީއެވެ. ގެއަށް ވަގަކު ވަދެ ތިބާއަށް ވާރުތަވީ ފައިސާ އާއި ތިބާގެ މަސައްކަތުން ހޯދި އަމިއްލަ ފައިސާ އާއި ތިބާގެ އަމިއްލަ ފައިސާ ހުރި ތިޖޫރީ ކޮނޑުޖަހައި ހިފައިގެންދާތަން ބަލަން ހުރުމަކީ ވަކީލު ކުރުމެއް ނޫނެވެ. އެކަން ހުއްޓުވަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރަންޖެހޭނެއެވެ.

ވަކީލުކުރަންޖެހޭނެ ހާލަތެއްވެސް ވެއެވެ. ވަގަކު ސިއްރުން ވަދެ ތިބާގެ ތިޖޫރީ ގެންގޮސްފިނަމައެވެ. އެހާލަތުގައި ތިޖޫރީ ހޯދަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަންޖެހޭނެއެވެ. ވަގުކަލޭގެ އަތުލައިގަނެވިއްޖެނަމަ އެ ތިޖޫރީގައި ހުރީ ތިބާގެ އަމިއްލަ ފައިސާ ނަމަ މަޢާފްކުރުމާއި ނުކުރުމަކީ ތިބާއަށް ލިބިގެންވާ ހައްޤެކެވެ.

އެތިޖޫރީގައި އެހެންބައެއްގެ ހައްޤުތައް ހުރިނަމަ މާފުކުރުމުގެ ހައްޤު ތިބާއަކަށް ނުލިބޭނެއެވެ. ކަން ނިންމަންޖެހޭނީ އިންސާފުގެ މަގުންނެވެ. އެއިގައި އެބައެއްގެ ހައްޤުތައް ހުރި އެންމެންގެ ބަސް ހޯދައިގެންނެވެ.

ވަކީލު ކުރުމަކީ އީމާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ. ނަމަވެސް ވަކީލުކުރުމުގެ މާނަ އޮޅުވައިލުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ.

ތިބާގެ ގެއަށް ވައްދަން ޖެހޭނީ އިތުބާރުކުރެވޭ މީހުންނެވެ. ތިބާގެ މުދަލަށާއި އަނބިދަރިންނަށް ނުރައްކަލެއް އޮތްކަމަށް ތުހުމަތުކުރެވޭ މީހަކު ގެއަށް ވައްދައިގެން ނުވާނެއެވެ. ތިބާގެ ކުރިމަތީގައި އަނބިދަރިންގެ ހައްޤުތައް ފޭރިގަނެ އިއްފަތްތެރިކަން ފޭރިގަންނަމުންދާއިރު ބަލަހައްޓައިގެން އަޅާނުލައި ހުރުމަކީވެސް ވަކީލުކުރުމެއް ނޫނެވެ. އެކަން ހުއްޓުވަން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރަންޖެހޭނެއެވެ. އެއީ ތިބާގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެކެވެ.

ރަނގަޅަށް ވިސްނާށެވެ. އަދާކުރަން ޖެހޭ އެއްވެސް މަސްއޫލިއްޔަތެއް އަދާނުކުރުމަކީ ކުށެކެވެ. ފާފައެކެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާން ޖެހޭނެ ކަމެކެވެ.
މިއަދު އޮންލައިން