މިދުނިޔޭގައި އިންސާނުން މިތިބަ ގޮތަށް ނަރަކައަކަށް ނުވެއްދޭނެއެވެ. ވައްދައިފިނަމަ ވަގުތުން ދާނީ އަޅިއަށްވެ ބުރަބުރައިގެންނެވެ. އެހެންކަމުން ނަރަކައަށް ވައްދަވާނީ ތިބާގެ ހަށިގަނޑު ބިޔަ ކުރައްވަވައިފައެވެ. ކިހައި މިންވަރަކަށްކަން އެނގޭ ހެއްޔެވެ؟
ތިބާގެ ދަތެއް އުހުދު ފަރުބަދަ އާއި އެއްވަރުވާނެއެވެ. ގައިގައި ލެވޭ ހަމުގެ ބޯމިނުގައި 3 ދުވަހުގެ ރާސްތާ ހުންނާނެއެވެ. އެއީ ހަމަ ނަރަކައިގެ ގަދަފަދަ އަޒާބު ދެއްވެވުމަށްޓަކައެވެ. އަލިފާނުގައި ތިބާގެ ހަންގަނޑު އަނދައިގެން ދިއުމުން ހަމަ ކުރިންހުރެ ގޮތަށް ރުޖޫއަކުރައްވަވާނެތެވެ. އައު ހަން ލައްވަވާނެތެވެ.
ނަރަކައިގައި އޮންނަން ޖެހޭނެ މުއްދަތު އެނގޭނެ ހަމަ އެކަކުވެސް ނުއުޅޭނެއެވެ. ހިސާބު އަދަދުން އެންމެ ބޮޑު އަދަދު ބެލި ނަމަވެސް ޓްރިލިއަނުން ގުނަން އުޅުނު ނަމަވެސް ގުނުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ.
ނަރަކައިގައި ކާނާއަކަށް ލިބޭ ޒައްޤޫމަކީ ކޮންއެއްޗެއްކަން އެނގޭހެއްޔެވެ؟ އެއީ ނަރަކައިގެ އަޑިން ފެށިގެން އުފެދިފައި ހުންނަ ބިޔަގަހެއްގައި އަޅާ އެއްޗެކެވެ. އެގަސް އުފެދެނީ ކޮން އެއްޗަކުންކަން އެނގޭހެއްޔެވެ؟ ނަރަކައިގެ އަހުލުވެރިންގެ ހަންތައް ގިރިގެން ފައިބާ ފާދިޔައާއި ދޮހުންނެވެ. ނުކާން ކިތަންމެ ވަރަކަށްވެސް މަސައްކަތް ކުރާނެއެވެ. ނަމަވެސް ގަދަކަމުން ކާންދެވޭނެއެވެ. ކައި ބަނޑުފުރޭއިރަށް އަނެއްކާވެސް ހަމަ އިހު ހުރިވަރަށް ބަނޑުހައިވާނެއެވެ. އަނެއްކާވެސް ކާންދެވޭނެއެވެ. ޖެހޭނީ އެގޮތުގައި ހަމަ ދެމިހުންނާށެވެ.
ގަދަފަދަ އަޒާބު ދެއްވުމަށް ތިއްބަވާ މަލާއިކަތުންނަކީ އެބޭކަލުންގެ ކިބައިގައި އެއްވެސް ވަރެއްގެ އޯގާތެރިކަމެއް ލައްވަވާފައިވާ ބޭކަލުންނެއް ނޫނެވެ. އެބޭކަލުން އުފައްދަވާފައިވަނީ ހަމައެކަނި އަޒާބު ދެއްވެވުމަށެވެ.
ނަރަކައިގެ އަޒާބަށް ކެތް ނުކުރެވިގެން ﷲ ތަޢާލާގެ ޙަޟްރަތުގައި އާދޭސްދަންނަވަމުން ގޮސް އެއްވެސް އިޖާބައެއް ނުލިބުނުކަން ޔަޤީންވުމުން ނަރަކައިގެ ވެރިއަކަށް ހުންނަވާ މާލިކުފެފާނަށް ގޮވަން ފަށާނެއެވެ. ކޮންކަމަކަަށް އެދިގެން ހެއްޔެވެ؟ އަވަހަށް މަރާލަދެއްވުން އެދިއެވެ. ފަނާކޮށްލަ ދެއްވެވުން އެދިއެވެ. ބުނެވޭގޮތުން އެގޮތަށް އެދި ގޮވާތާ 1 މިލިއަން އަހަރުފަހުން މާލިކުގެފާނު އެންމެ ދެބަސްފުޅު ވިދާޅުވާނެއެ. "މިތަނުގައި ދެމި ތިބޭށެވެ!" މިނޫން އެއްވެސް ބަސްފުޅެއް ވިދާޅެއް ނުވާނެއެވެ.
ނަރަކައަށް އެއްލައިލެވޭ ހިސާބުން ފެށިގެން ދާނީ ގަދަ ފަދަ އަޒާބުލިބެމުންނެވެ. ހޫނުމިން އިންތިހާއަށް ހުންނަ ހޫނުގަދަ އަލިފާނުގައި އަނދަމުންނެވެ. އެނޫންވެސް ގަދަފަދަ އަޒާބުތައް ލިބެމުންނެވެ. ނަމަވެސް އެއްވެސް މީހަކު އެމީހަކަށް ލިބެމުންދާ އަޒާބުގަ ފަދަކަމުން ޝަކުވާއެއް ނުކުރާނެއެވެ. ރޮއި އާދޭސްކުރާނީ ނަރަކައިން ސަލާމަތްކޮށް ދެއްވެވުން އެދިއެވެ.
މީސްތަކުން އުފެއްދެވީ ﷲ ތަޢާލާއެވެ. މީސްތަކުންނަށް އެންމެހައި ނިޢްމަތްތައް މިންވަރު ކުރެއްވެވީ ﷲ ތަޢަލާއެވެ. ﷲ ތައާލާ އެންގެވިގޮތުގައި ދުނިޔޭގައި އުޅުނު މީހުންނަށް ސުވަރުގޭގައި ނިޢްމަތްތައް ދެއްވަވަނީވެސް ހަމަ ﷲ ތަޢަލާއެވެ. އެމީހަކު ކުޅަ ހެޔޮ އަމަލަކާއި އެއްވަރަށެވެ.
އެއަށްފަހު ދެން ވާގޮތަށްވެސް ވިސްނައިލަމާހެއްޔެވެ؟ ﷲ ތަޢާލާގެ އެންގެވުންތަކަށް އަމަލު ނުކުރި މީހުންނަށް އޮތީ ަނަރަކައެވެ. ނަރަކައިގައި އަޒާބު ދެއްވަވާނެ މިންވަރު ކަނޑައަޅުއްވަނީވެސް ހަމަ ﷲ ތަޢާލާއެވެ. ދުނިޔޭގައި ހުރިއިރު އެމީހަކު ކުރި އަމަލުތަކަށް ހައްޤުވާ މިންވަރަށެވެ. އެންމެ ޒައްރެއްގެ މިންވަރުވެސް އިތުރުނުވާނެ ގޮތަށެވެ. އަދި މަދުވެސް ނުވާނެ ގޮތަށެވެ.
އެހެންކަމުން ނަރަކައިގެ އަލިފާނުގެ ހޫނުމިން ގަދަވެގެން ކުރެވޭނެ އެއްވެސް ޝަކުވާއެއް ނުއޮންނާނެއެވެ. ނަރަކައިގައި އޮވެ އެ ހޫނުގަދަ އަލިފާނުން އަނދަމުންދާއިރުވެސް ތިބޭނީ އެއީ ޙައްޤު ޖަޒާކަމަށް ޤަބޫލުކޮށްގެންނެވެ. ނަރަކައިން ސަލާމަތްކޮށްދެއްވެވުން އެދި ރޮއި އާދޭސްކުރާނެއެވެ. ނަމަވެސް ތިމާއަށް މިލިބެނީ މާބޮޑު އަނިޔާއެއް ކަމަށް ބުނެވޭނެ ހަމައެކަކުވެސް ނުވާނެއެވެ. އެމީހުންނަށް ލިބެމުންދަނީ ޙައްޤު އަޒާބުކަން އެމީހުންނަށް ޤަބޫލުކުރެވޭތީއެވެ.
ކަން ހުރީ މިމަގުން ނަމަވެސް ބައެއް މީހުން އަބަދުވެސް އުޅެނީ ނަރަކައިގެ ހޫނުމިން ބަލަން ބޭނުންވެގެންނެވެ. ދުނިޔޭގައި މިގެން ގުޅޭ އަލިފާނާއި ނަރަކައިގެ އަލިފާނުގެ ހުންނާނެ ހޫނުމިނުގެ ތަފާތު ހޯދަން ބޭނުންވެގެންނެވެ. ސުވާލަކީ މުހިންމި ނަރަކައިގެ އަލިފާނުގެ ހޫނުމިން އެނގުންހެއްޔެވެ؟ ނަރަކައިގެ އަލިފާނަށް ބިރުވެތިވުން ހެއްޔެވެ؟
މީސްތަކުންނޭވެ! ކިތަންމެ ވަރަކަށް ވިސްނި ނަމަވެސް ނަރަކައިގެ ހޫނުމިން ވިސްނަންވެސް ނުއެނގޭނެއެވެ. ޔަޤީންކަމަކީ ނަރަކައިގެ ހޫނުމިން ޚިޔާލަށްވެސް ނުގެނެވޭނެ ކަމެވެ.
ރަނގަޅަށް ވިސްނާށެވެ! ދުނިޔޭގައި މިގެން ގުޅޭ އަލިފާނުގެ ހޫނުކަން ތަޖުރިބާ ކުރުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެކަން ކުރެވުނު މީހަކު އެބަހުރިހެއްޔެވެ؟ ވީއިރު މިއަލިފާނަށްވުރެ އެތައް ގުނައަކަށް ހޫނުކަން ގަދަވެގެންވާ ނަރަކައިގެ އަލިފާނުގެ ހޫނުކަން ވަޒަން ކުރަންވެސް އެނގޭނީ ކިހިނަކުން ހެއްޔެވެ؟