ކިތަންމެ ޒުވާން އުމުރުގައި ނަމަވެސް އަތަށް ފައިސާ އަރައިފިނަމަ ފުރަތަމަ ކުރާ ކަމަކަށް ހަދަންޖެހޭނީ ކަޢްބަތުﷲ ގެފުޅަށް ގޮސް ޙައްޖުވުމެވެ.
ވިޔަފާރިކުރުން ފަދަ މަސައްކަތެއް ފެށުމެއް ނޫނެވެ. އެހެނީ ޙައްޖު ވެވޭވަރަށް ފައިސާ އަތަށް އަރައިފިނަމަ އެމީހަކަށް ﷲ ތަޢާލާ އެވަނީ ޙައްޖު ވެވޭނެ މަގު ފަހިކޮށް ދެއްވަވައިފައެވެ. އެހިސާބުން އެމީހަކަށް ޙައްޖު ވާޖިބުވާނެއެވެ.
ޙައްޖު ވުމަކީ އުމުރުން ދުވަސްވުމުން ނުވަތަ މުސްކުޅި އުމުގައި ކުރަން މަޑުކުރަން ހެޔޮވާނެ ކަމެއް ނޫނެވެ. އެހެނީ ހައްޖުގައި އަދާކުރަންޖެހޭ މަނާސިކްތައް ފުރިހަމަކުރުމަކީ އުމުރުން ދުވަސްވުމުން ކުރަން އެހައި ފަސޭހަ ކަންކަން ކަމަށް ނުވެފައި ޒުވާން އުމުރުގައި އެކަންކަން ކުރަން ވަރަށް ފަސޭހަވާނެތީއެވެ.
ޒުވާން އުމުރުގައި ހައްޖުވެފައި އެހައްޖު ދެމެހެއްޓުންމަތީގައި ހުރެއްޖެނަމަ އެމީހަކަށް އެލިބުނީ ވަރަށް ބޮޑު ނިއުމަތެކެވެ. އެއިރުން އާޚިރަތުގެ ބާއްޖެވެރިކަން ލިބިގަތުމަށް އެތައް ގޮތަކުން މަގުފަހިވެގެންދާތީއެވެ.
ނަމަވެސް ހިތާމައަކީ މިއަދުގެ ޒުވާނުންނަށް ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވުމުން ވިސްނާ ގޮތް ތަފާތުވުމެވެ. ފުރަތަމަ ބޭނުންވަނީ ވިޔަފާރިއެއް ފަށައި އިތުރަށް ތަނަވަސްކަން ހޯދުން ފަދަ ކަންކަން ކުރަން ކަމަށްވާތީއެވެ! މިއީ ވަރަށް ފުންކޮށް ވިސްނައި އިޞްލާޙްކުރަންޖެހިފައިވާ ކަންކަމެވެ.
- އައްޝައިޚް ޢަލީ ޒައިދު މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ދެއްވި ދަރުސުން..