ޤިޔާމަތް ދުވަހަށް ބިރުން އުޅޭއިރު ކުރަންޖެހޭ ނަމާދުތައް ރޭ އެކަނި ނަމަވެސް ކުރެވުނުތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 10ސ
ޤިޔާމަތް ދުވަހަށް ބިރުން އުޅޭއިރު ކުރަންޖެހޭ ނަމާދުތައް ރޭ އެކަނި ނަމަވެސް ކުރެވުނުތަ؟
"ހަމަ އެކަނި ރޭ ޢިޝާ ނަމާދުކުރި މީހުންނާ ރަވާތިބު ސުންނަތް ކުރި މީހުންނާ ދަމު ނަމާދުގެ އެންމެ މަދުމިނުން 2 ރަކްޢަތް ކުރި މީހުންނާ ވިތްރްކުރި މީހުން އަތްމައްޗަށް ނަގަން ބުނެފިނަމަ އަތް އުފުލައިލެވޭނީ ތިއައިގެ ތެރެއިން ކިތައް މީހުންނަށް ބާވައެވެ! ކަންބޮޑު ނުވާށެވެ. އަތް އުފުލާކަށް ނުބުނާނަމެވެ. ނުކުރެވޭނަމަ އިޞްލާޙްކޮށް އަވަހަށް ކުރަން ފަށާށެވެ."

ޤިޔާމަތްވާނެ ދުވަސް ވަހީގެ މަލާއިކަތާ ޖިބްރީލްގެފާނަށް ވެސް އެނގިވަޑައެއް ނުގަންނަވައެވެ. އެކަން ސާބިތުވަނީ ޙަދީޘްފުޅުންނެވެ. އެހެނީ އެއްފަހަރަކު ޖިބްރީލްގެފާނު ވަޑައިގެން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ އަރިއަހުގައި އިންނަވަނިކޮށް ތާޅަފިލި ފުމެލައްވަވާނެ މަލާއިކަތާ އިސްރާފީލް ވަޑައިގެންނެވިއެވެ. އިސްރާފީލްގެފާނު ބިމަށް ފައިބާ ވަޑައިގަތުމަކީ ޢާންމު ކަމެއް ނޫނެވެ. އަދި އެއީ ފައިބައިވަޑައިގެންނެވި ފުރަތަމަ ފަހަރު ކަމަށްވެސް ވުންކައިރިއެވެ.

ކޮންމެއަކަސް އިސްރާފީލްގެފާނު ފެނިވަޑައިގަތުމުން ޖިބްރީލްގެފާނު ބިރުފުޅުން ކުޑަވެވަޑައިގެންނެވިއެވެ. އިސްރާފީލްގެފާނު އެނބުރި ވަޑައިގަތުމުން ޖިބްރީލްގެފާނު އެގޮތަށް ކަންތައް ކުރެއްވެވި ސަބަބާއިމެދު ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ސުވާލުކުރެއްވެވުމުން ޖިބްރީލްގެފާނު ވިދާޅުވެފައިވަނީ "ހީފުޅުކުރެއްވެވީ" ޤިޔާމަތްވާން އުޅެނީ ކަމަށް ކަމަށެވެ.

މިވާހަކަ މީގެ ކުރީގެ ބައެއް ދަރުސްތަކުގައިވެސް ވާނީ ކިޔައިދީފައެވެ. ތަކުރާރު މިކުރަނީ ހަނދާންކޮށް ދިނުމަށެވެ. ޤިޔާމަތް ވާނެ ދުވަސް ނުއެނގޭތީ ކަންބޮޑުވާ މީހުން ގިނަކަމުންނެވެ.

މިހާދިސާއިން 2 ކަމެއް ފާހަގަކޮށްލާނަމެވެ. އެއް ކަމަކީ ޤިޔާމަތް ދުވަހާއިމެދު ޚުދު ޖިބްރީލްގެފާނުވެސް ބިރުފުޅުގަންނަވާ ވަރެވެ. ދެވަނަ ކަމަކީ ޤިޔާމަތްވުމުގެ ވަޤުތު ޖިބްރީލްގެފާނަށް ވެސް އެނގިވަޑައި ނުގަންނަވާ ކަމެވެ.

ކޮންމެއަކަށް ކޮންމެ ދުވަހަކުހެން މިދަނީ ފަހުޒަމާނުގެ އިތުރު އަލާމާތްތައް ފެންނަމުންނެވެ. މާނައަކީ ޤިޔާމަތްވުން ކައިރިވަމުން އަންނަކަން މިދަނީ އެނގެމުންނެވެ. އެހެންކަމުން ސުވާލަކީ އެދުވަހަށް ތައްޔާރުވުމަށް ކުރަންޖެހޭ މަސައްކަތްތައް އިތުރުކުރެވޭ ހެއްޔެވެ؟ ނޫނީ އެ މަސައްކަތްތަކުގައި ދެވެނީ ފަހަތަށް ހެއްޔެވެ؟

އެމީހަކު ކުރާ އަމަލުތައް އެނގޭނީ އެމީހަކަށެވެ. އަމަލު ކުރެވޭ މިންވަރުވެސް އެގޭނީ ހަމަ އެމީހަކަށެވެ. އެހެންކަމުން މިއީ ކޮންމެ މީހެއްގެ ވެސް ޒާތީ ކަމަކަށްވާތީ ވަކި މީހަކަށް އަމާޒުކޮށް އެއްވެސް ބަހެއް ބުނާކަށް ނެތީމެވެ. ނަމަވެސް ޖުމުލަކޮށް މިފެންނަ މަންޒަރުތަކަށް ބަލާފައި ބުނަންޖެހެނީ ޤިޔާމަތް ދުވަސް ކައިރިވާތީ ބިރުވެތިވެވޭ މިންވަރު ވަރަށް ކުޑަ ކަމަށެވެ. ކުރެވޭ އަޅުކަން މަދު ކަމަށެވެ.

މިސާލަކަށް އަތުގައި ފައިސާ ނެތް ނަމަ ހައްޖަށް ނުވަތަ އުމްރާއަށް ނުދެވިދާނެ އެވެ. ނަމަވެސް މިސްކިތަށް ގޮސް ޖަމާއަތުގައި ބައިވެރިވެވިދާނެއެވެ. ގޭގައި ނަމާދުކުރެވިދާނެއެވެ. ރޯދަ ހިފިދާނެއެވެ. ކީރިތި ޤްރްއާން ކިޔެވިދާނެއެވެ. ސުންނަތް ނަމާދުތައް، ޚާއްޞަކޮށް ދަމުނަމާދުކުރެވިދާނެއެވެ. މިއިން އެއްވެސް ކަމެއް ކުރެވޭ ހެއްޔެވެ؟ ކުރެވޭނަމަ ކުރެވެނީ ތިއައިގެ ތެރެއިން ކިތައް މީހުންނަށް ހެއްޔެވެ؟ ހަމަ އެކަނި ރޭ ޢިޝާ ނަމާދުކުރި މީހުންނާ ސުންނަތް ކުރި މީހުންނާ ދަމު ނަމާދުގެ އެންމެ މަދުމިނުން 2 ރަކްޢަތް ކުރި މީހުންނާ ވިތްރިކުރި މީހުން އަތްމައްޗަށް ނަގަން ބުނެފިނަމަ އަތް އުފުލައިލެވޭނީ ތިއައިގެ ތެރެއިން ކިތައް މީހުންނަށް ބާވައެވެ! ކަންބޮޑު ނުވާށެވެ. އަތް އުފުލާކަށް ނުބުނާނަމެވެ. ބުނެ އާދޭސްކުރާނީ އަވަހަށް ކުރަން ފެށުމަށެވެ.

ކަމަކަށް ބިރުގަންނަނަމަ އޮތީ އެކަމަކަށް ރައްކައުތެރިވުމެވެ. އެކަމަކުން ސަލާމަތްވާން މަސައްކަތްކުރުމެވެ. ޤިޔާމަތް ދުވަހުގެ ކިބައިން ސަލާމަތްވެވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ. ޤިޔާމަތް ދުވަހުން ސަލާމަތްވާން މަސައްކަތްކުރުމަކީ ނަރަކައިން ސަލާމަތްވާން ކުރުމެވެ. އެކަމަށް ކުރަންޖެހޭ ކަންކަން އެންމެންނަށްވެސް އެބައެނގެއެވެ. މިއުޅެނީ ކަންކަން ނުއެނގުމުގެ މައްސަލައެއް ނޫނެވެ. ކުރަންޖެހޭ ކަންކަން އަމަލުން ނުކުރެވުމުގެ މައްސަލަތަކެވެ. ވީމާ އޮތް ހަމައެކަނި ޙައްލަކީ އަމަލުން މަސައްކަތްފަށައި އެ މަސައްކަތްތަކުގައި އިޚްލާޞްތެރިކަމާއިއެކު ދެމިހުރުމެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން
މިއަދު އޮންލައިން