ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަވަހާރަވެވަޑައިގަތުމަށް ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ތައްޔާރީއަކީ މީސްތަކުންނަށް އިސްލާމް ދީން އުނގަންނަވައިދެއްވެވުމެވެ.
ޙައްޖަތުލްވަދާޢުއަށް ވަޑައިގަތުމުގެ ކުރިން އެކި ސަރަހައްދުތަކަށް މަންދޫބުން ފޮނުއްވެވިއެވެ. އަދި ހައްޖަށް ވަޑައިގަންނަވާ ކަމުގެ ޚަބަރުތައް ދެއްވެވިއެވެ. ނަތީޖާއަކަށް ވެގެންދިއައީ އެކި ޤައުމުތަކުން މީސްތަކުން ޙައްޖަށް އައިސް މުޅި މަދީނާ ފުރާލުމެވެ. އިތުރު މާތް ނަބިއްޔާ (ޞޢވ) ގެ އަރިއަހުގައި ހައްޖުގެ މަތިވެރިކަން އަދާކުރުމަށެވެ. ބުނެވޭ ގޮތުން ލައްކައަކަށްވުރެ ގިނަ މީހުން މަދީނާއަށް ޖަމާވިއެވެ. މިއީ އެޒަމާނަށް ބަލައިފިނަމަ ވަރަށް ގިނަ އަދަދެއްގެ ބައެކެވެ.
މިހައި ގިނަ އަދަދެއްގެ މީހުން އެއްކުރެއްވެވީ އެއްވެސް ޙާލެއްގައި ހަމައެކަނި ޙައްޖުގެ ޤާފިލާ ބޮޑުކުރެއްވެވުމަކަށް ނޫނެވެ. ޙައްޖުވާނެ ގޮތް ދަސްކޮށް ދެއްވެވުމަށާއި އިސްލާމް ދީނުގެ ޙުކުމްތައް ބަޔާންކޮށް ދެއްވެވުމަށެވެ. އިތުރު މާތް ނަބިއްޔާ (ޞޢވ) ވިދާޅުވާ ޚުޠުބާގެ އަޑުފުޅު ވީހައި ގިނަ މުސްލިމުންނަށް އިއްވެވުމެވެ. ދުނިޔެ ދެމިއޮތް ހައި ދުވަހަކު އެޚުޠުބާގައި ބަޔާން ކުރެއްވެވި ކަންކަން އެގޮތުގައި ދެމެހެއްޓުމުގެ ބާރަކަށެވެ.
ޙައްޖުގެ ޚުޠުބާގައި ލޭ އޮހޮރުވައިގެން ނުވާނެކަމަށާއި މުސްލިމުންގެ ނަފްސްތަކަށް ލިބެންޖެހޭ ޙައްޤުތަކާއި މުސްލިމުންގެ މުދައު ރައްކައުތެރިކުރެވެން ޖެހޭނެކަން ވަރަށް ފުރިހަމައަށް ބަޔާންކޮށްދެއްވެވިއެވެ. އިންސާނީ ޙައްޤުތަކާއި އަންހެނުންނާއި ޔަތީމުންގެ ހައްޤުތައްވެސް ބަޔާންކޮށްދެއްވެވިއެވެ.
ސުވާލަކީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) މިހައި ބޮޑު ސަމާލުކަމެއް ދެއްވަވައިގެން ބަޔާންކޮށްދެއްވެވި ކަންކަން މިއަދު ކޮބައި ހެއްޔެވެ؟ ހައްޤުތައް ހައްޤުތަކުގެ ގޮތުގައި އެބަ ދެމެހެއްޓޭ ހެއްޔެވެ؟ އަދުލުވެރިކަން ޤާއިމުކުރެވޭ ހެއްޔެވެ؟ އޯގާތެރިވެވޭ ހެއްޔެވެ؟
އަވަހާރަވެވަޑައިގަތުމުގެ ވަގުތު ގާތްވަމުން އަންނަކަން އެނގިވަޑައިގަތުމުން އެންމެ ބޮޑު އިސްކަމެއް ދެއްވަވައިގެން އިތުރު މާތް ނަބިއްޔާ (ޞޢވ) އަދާކުރެއްވެވި މި ބޮޑު މަސްއޫލިއްޔަތުގެ ތެރެއިން މިއަދު އަޅުގަނޑުމެންނަށް ހިފެހެއްޓެނީ ކިހައި މިންވަރެއް ހެއްޔެވެ؟
މިއިން ކޮންމެ ސުވާލަކީވެސް ހަމަ ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ނަފުސާއި ކޮށްލުން ވަރަށް މުހިންމު ސުވާލުތަކެކެވެ. އިޞްލާޙްކުރަންޖެހޭ އެއްވެސް ކަމެއް ހުރިނަމަ އަވަހަށް އިޞްލާޙްކުރާށެވެ!
- ލަވް އިސްލާމްގެ ދަރުސަކުން