މިއަދު އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ހުރިހާ ކަމެއް "ފްރީ" ކަމަށް ޤަބޫލުކުރާ މީހުންނެވެ. ނިދާނެ ވަގުތާއި ހޭލާނެ އިރަކާއި ކާނެތަކެއްޗާއި ބޯނެ ތަކެއްޗާއި ކުރާނެހައި ކަމެއް ކުރުން "ފްރީ" ކަމަށް އެމީހުން ޤަބޫލުކުރެއެވެ.
އުޅޭނެހައި ގޮތަކަށް އުޅުމާއި ކުރާނެހައި ކަމެއް ކުރުމާއި މިފަދަ އެންމެހައި ކަންކަން އެއީ ހަމަ "ފްރީ" ކަންކަން ކަމަށް އެމީހުން ޤަބޫލުކުރަނީ ﷲ ތަޢާލާގެ އެންގެވުންތައް ބޮލާލައި ޖަހާފައެވެ. ޝައިޠާނާގެ ބަސް ޤަބޫލުކޮށްގެންނެވެ.
ދެން ވާނެ ގޮތާއިމެދު ވިސްނާށެވެ. ﷲ ތަޢާލާ ސުވަރުގެ އުފެއްދެވީ ﷲ ތަޢާލާގެ އެންގެވުންތަކަށް ބޯލަނބައި ކިޔަމަންވާ މީހުންނަށް ސަވާބު ދެއްވެވުމަށެވެ. ނަރަކަ އުފައްދަވާފައިވަނީ އިބިލީސް ބުނާ ކަންކަން ކޮށް، އިބިލީސް ބުނާ ގޮތަށް އުޅޭ މީހުންނަށް އަޒާބު ދެއްވެވުމަށެވެ.
ހުރިހާ ކަމެއް "ފްރީ" ކަމަށް ޤަބޫލުކުރާ މީހުން އެވިސްނަނީ ހަމައެކަނި ދުނިޔޭގައި އެމީހުން ހޭދަކުރާ މަދު ވަގުތުކޮޅުގެ އުފާތަކާއިމެދުގައެވެ. އަދި ކޮބައި ހެއްޔެވެ؟ އެ ވަގުތުކޮޅުގެ ތެރެއިންވެސް ﷲ ތަޢާލާ އެމީހަކު ޞިއްޙަތު ސަލާމަތުން ބަހައްޓަވާ ދުވަސްކޮޅާއިމެދުގައެވެ.
ބޮޑު ބައްޔެއްވާ ވަގުތުން ފެށިގެން އެހައިތަނަށް އެމީހާ "ފްރީ" ކަންކަމަށް ބަލައިގެން ހުރި ކަންކަމަށް ޑޮކްޓަރުން ރަތްކާޑު ދައްކައެވެ. އެހައި ތަނަށް ކައި ބޮއި ހެދި ގނަ ބާވަތްތައް ބޭނުންކުރުން މަނާ ކުރެއެވެ. ޚާއްޞަކޮށް ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ ބާވަތްތަކެވެ.
މިއީ މަރުވުމުގެ ކުރިން ކުރިމަތިވާ މައްސަލަތަކެވެ. ހުރިހާ ކަމެއް "ފްރީ" ކޮށްގެން މިދުނިޔޭގައި އުޅޭ މީހުންނަށް ހަޤީޤީ މައްސަލަތައް ކުރިމަތިވާނީ މަރުވުމުންނެވެ. އެއީ ކުޑަވެސް ޝައްކެއް ކުރަންޖެހޭ ކަމެއް ނޫނެވެ. ކީރިތި ޤްރްއާނާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ޙަދީޘްފުޅުތަކުން މިކަންކަން ކަށަވަރު ކުރެވެއެވެ. އެއްވެސް ޝައްކެއް ނެތް މިންވަރަށެވެ.
ހަމަ ދާދިފަހުން ހިނގި ކަމެކެވެ. ހިތުގެ ބައްޔެއް ސީރިއަސް ވުމުން ޑޮކްޓަރު އޭނާއަށް ވަނީ ބަނގުރަލުގެ ހަމަ އެންމެ ތިއްކެއް ވެސް ބޭނުން ނުކުރަން އިންޒާރުދީފައެވެ. ނަމަވެސް ޑޮކްޓަރުގެ ކްލިނިކުން ނުކުމެގެން އޭނާއަށް ދެވުނީ ބާއަކަށެވެ. އެންމެ ފަހު ފަހަރަށް އެތިފޮދެއް ބޯލުމުގެ ބޭނުމުގައެވެ.
ނަތީޖާއަކަށްވީ ކްލިނިކުން ނުކުތްތާ 20 ވަރަކަށް މިނިޓުގެތެރޭގައި އޭނާގެ މަސްގަނޑު ކްލިނިކަށް ގެންނަން ޖެހުމެވެ. އެއިރު ވަނީ މަރުވެފައެވެ.
ކޮންމެ ރެއަކާއި ދުވާލެއް ދައުރުވެގެންދަނީ މިފަދަ އެތައް ހާދިސާތަކެއް ހިނގުމާއިއެކުގައެވެ. މިކަންކަމުން އެނގެނީ ﷲ ތަޢާލާ މަނާ ކުރައްވަވާފައިވާ ކަންކަން މަނާކުރައްވަވާފައިވަނީ ހަމަ އަޅުގަނޑުމެންނަށްޓަކައި ކަމެވެ. އެންމެހައި އިންސާނުންނަށްޓަކައި ކަމެވެ. އެކަންކަން "ފްރީ" ކުރުމުން ލިބޭ ހުރިހާ ގެއްލުންތަކެއް ވެސް ލިބޭނީ ހަމަ އަހަރެމެންނަށް ކަމެވެ.
- ލަވް އިސްލާމްގެ ދަރުސަކުން -