ކިރިޔާވެސް ސަލާމަތްކަމެއް ލިބުން އޮތީ ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ހޯދަން މަސައްކަތްކުރުމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ކިރިޔާވެސް ސަލާމަތްކަމެއް ލިބުން އޮތީ ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ހޯދަން މަސައްކަތްކުރުމުން!
ބައެއް މީހުންގެ އަމަލުތައް ހުރީ ވަރަށް ބޮޑަށް ބިރުގަންނަން ޖެހޭ ގޮތަކަށެވެ. އެމީހުން ދެކޭ ގޮތުގައި ސުވަރުގޭގެ ކޮންމެވެސް ދަރަޖައެއް އެމީހުންނަށް ލިބުމުން ފުދުނީއެވެ. އަދި ކޮންމެވެސް ވަރަކަށް ހެޔޮ އަމަލުކުރުމުން ސުވަރުގެއިން ކޮންމެވެސް ދަރަޖައެއް ލިބޭނެއެވެ.

މިއީ އެއްވެސް ހާލެއްގައި އެންމެ ރަނގަޅު ވިސްނުމެއް ނޫނެވެ. ސަބަބަކީ ކޮންމެވެސް ވަރަކަށް އަޅުކަން ކުރުމުން ސުވަރުގެއިން ކޮންމެވެސް ދަރަޖައެއް ލިބޭނެ ކަމަށް އޮތީ ކޮން ޔަޤީންކަމެއް ހެއްޔެވެ؟ ނަރަކައަށް ވަންނަން ނުޖެހި ސަލާމަތްވެވޭނެކަން އެނގޭ ހެއްޔެވެ؟

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މަސައްކަތްކުރަންވާނީ ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ހާޞިލުކުރުމަށެވެ. އަޅުކަން ކުރަންވީ ކޮންމެވެސް ވަރަކަށް ނޫނެވެ. ވީހައި ގިނައިންނެވެ. ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ޙާޞިލުކުރުމަށް އަޒުމް ކަނޑައަޅައިގެން ވީހައި ގިނަ ހެޔޮ އަމަލުތައް ކުރާމީހާއަށް ﷲ ތަޢާލާގެ ރުއްސެވުން ލިބޭނެއެވެ. އިރާދަކުރެއްވިއްޔާ ސުވަރުގެއިން ކޮންމެވެސް ދަރަޖައެއް ނުލިބިވެސް ނުދާނެއެވެ.

ކިޔަވާއިރު ކިރިޔާ ފާސްވާވަރަށް ކިޔަވާނަމަ ފެއިލްވުން ކައިރިވެއެވެ. އެންމެމަތިން ފާސްވުމަށް ގަދައަޅައި މަސައްކަތްކުރުމުން އެންމެ މަތިން ނުވަތަ ކޮންމެވެސް ދަރަޖައަކުން ފާސްވެއެވެ. މިއީ ބަލައިލެވިދާނެ މިސާލެކެވެ.

ނަމަވެސް އެންމެ ފުރިހަމަ މިސާލެއް ނޫނެވެ. އެހެނީ ދުނިޔޭގައި ހަދާ އިމްތިހާނަކުން ފޭލްވެއްޖެނަމަ އިތުރަށް ކިޔަވައިގެން ދެވަނަ ފަހަރު އިމްތިޙާން ހެދުމުގެ ފުރުޞަތު ލިބުނު ނަމަވެސް ޢާޚިރަތް ދުވަހަކީ އެއްވެސް ދެވަނަ ފުރުޞަތެއް ލިބޭނެ ދުވަހަކަށް ނުވާތީއެވެ. މަރުވުމާއި ހަމައިން އެމީހަކަށް ކުރެވޭނެ ކަންކަން ނިމުމަކަށް އަންނާތީއެވެ.

މިވާހަކަކޮޅަށް އެންމެންވެސް ފުންކޮށް ވިސްނައިލާށެވެ! ޚާއްޞަކޮށް ޒުވާނުން ވިސްނައިލާށެވެ! ޢިބްރަތް ޙާޞިލުކުރާށެވެ!

ނިންމާލަމުން އެއް ވާހަކަ ބުނާނަމެވެ. ކީރިތި ޤްރްއާނުގެ މާނަ ކިޔައި އެއާޔަތްތަކަށް ވިސްނުން ގިނަ ކުރާށެވެ! ޞަޙީޙް ޙަދީޘްފުޅުތައް ކިޔައި ދަސްކުރުން އިތުރުކުރާށެވެ! ﷲ ތަޢާލާގެ ވާގިފުޅާއިއެކު ހެޔޮ ވިސްނުން ލިބޭނެއެވެ. ކޮންމެވެސް ވަރަކަށް އަޅުކަން ކުރުމުގެ ޚިޔާލާއި ދުރުހެލިވެވި ވީހައި ގިނައިން އަޅުކަންކުރުމަށް ޝައުޤުވެރިކަން އިތުރުވާނެއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން
މިއަދު އޮންލައިން