ވަކީލްކުރަނީ ﷲ އަށް ކަމަށްބުނެ ފާހިޝް އަމަލު ނުކުރުމުން ހުސްއަތާ ދަންވަރު ގެއިން ނެރެލެވުނު އަންހެނަކަށް ﷲ ދެއްވެވި މުއްސަނދިކަމުގެ ވާހަކަ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 57ސ
ވަކީލްކުރަނީ ﷲ އަށް ކަމަށްބުނެ ފާހިޝް އަމަލު ނުކުރުމުން  ހުސްއަތާ ދަންވަރު ގެއިން ނެރެލެވުނު އަންހެނަކަށް ﷲ ދެއްވެވި މުއްސަނދިކަމުގެ ވާހަކަ
ޒިމްނާއަކީ މޮރޮއްކޯއަށް ނިޞްބަތްވާ އުމުރުން 30 އަހަރުގެ އަންހެނެކެވެ. ޢާއިލާގެ ފަޤީރުކަމާއި އެހީތެރިވާނެ މީހަކު ނެތުމުން ދިރިއުޅެމުން އައީ ގޭގޭގައި ނޯކިރީކޮށްގެންނެވެ.

މަހަކު 500 ޑޮލަރު ލިބޭނެކަމުގެ ޔަޤީންކަން އެޖެންޓް ދިނުމުން ޝާރުޖާގައި މަސައްކަތްކުރަން ދިއައީ ވަރަށް ބޮޑު އުންމީދާއިއެކުގައެވެ. ފައިސާ ލިބި ތަނަވަސްކަން ހޯދޭނެ ކަމުގެ ޔަޤީންކަމާއިއެކުގައެވެ.

ވަޒިފާގައި ކުޑަދުވަސްކޮޅެއްވީތަނާ ގޭގެ ވެރިމީހާގެ ކިބައިން ތަފާތު މައްސަލަތައް ކުރިމަތިވާން ފެށިއެވެ. ގޭގައި ޕާޓީ ބާއްވާ ރޭތަކުގަ އާއި ނައިޓް ކްލަބަށް ދާ ރޭތަކުގައި އޭނާއަށް ޚިދުމަތްކުރަން ޒިމްނާއަށް މަޖުބޫރުކުރަން ފެށިއެވެ.

ޒިމްނާ ބުނަމުން އައީ އޭނާއަކީ އެގޭގެ މަސައްކަތްކުރުމުގެ ވަޒީފާ އަދާކުރާ އަންހެނެއް ކަމަށާއި ފާހިޝް އަމަލުތައް އޭނާ ނުކުރާނެ ކަމަށެވެ. ކޮންމެ ޤައުމެއްގައި މަސައްކަތްކުރި ނަމަވެސް ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ އެއްވެސް ކަމެއް އޭނާ ނުކުރާނެ ކަމަށެވެ.

އެއްރެއެއްގެ މެންދަމެވެ. ޒިމްނާ އޮތީ ކޮޓަރި ތަޅުލައިގެން ނިދާށެވެ. މީހަކު ދޮރުގައި ވަރަށް ބާރަށް ތަޅަން ފެށުމުން ސިހިގެން ހޭލެވުމާއިއެކު ޒިމްނާ ވިސްނައިލިއެވެ. އަދި ސަލާމަތްވާނެ ގޮތަކާއިމެދު ވިސްނައި، ﷲ ތަޢާލާއަށް ވަކީލުކޮށްގެން ހުރެ ދޮރު ހުޅުވިއެވެ.

ދޮރުހުޅުވުމާއިއެކު ވެރި މީހާ ބުނީ އޮތީ ދެ ގޮތް ކަމަށެވެ. އެއް ގޮތަކީ އޭނާއަށް އެއްބާރުލުން ދިނުން ކަމަށެވެ. ދެވަނަ ގޮތަކީ ގެއިން ވަގުތުން ނުކުމެގެން ދިއުން ކަމަށެވެ. ޒިމްނާ ޚިޔާރުކުރީ ގެއިން ނުކުމެގެން ދިއުމަށެވެ.

ނުކުމެގެން ދާން އުޅެން ފެށުމުން ތަޅައި އަނިޔާވެސް ކުރިއެވެ. ނަމަވެސް ކެތްތެރިކަމާއިއެކު ހިއްވަރުކޮށް ގެއިން ނުކުތީއެވެ. ގެންގުޅޭ ހެދުންކޮޅު ކޮތަޅަކަށް އަޅައިގެން މަގުމައްޗަށް ނުކުތީ ދާނެ އެއްވެސް ދިމާއެއް އެނގޭތީއެއްވެސް ނޫނެވެ. ވަކިތަނަކަށް ދާން ޤަޞްދުކޮށްގެނެއް ނޫނެވެ.

ދެފަރާތަށް ބަލައިލުމަށްފަހު ކަނައަތަށް އެނބުރި ހިނގަމުން ދަނިކޮށް މިސްކިތެއް ފެނުމުން މިސްކިތަށް ވަދެ އަންހެނުން ތިބޭ ބައިގައި މަޑުކޮށްލިއެވެ. ހެނުނު ވުމުން އެތަނަށް އެކި މީހުން ހަދިޔާކުރި ތަކެތިން ކައިގެން ﷲ ތަޢާލާގެ ހެޔޮ ރަޙްމަތްފުޅަށް އެދި ދުޢާކުރުނމަތީގައި އިނީއެވެ.

އެގޮތަށް މިސްކިތުގައި އުޅޭތާ މަހެއްހައި ދުވަސްވީފަހުން އެއްރެއެއްގެ ފަތިސް ނަމާދަށްފަހު ޒިމްނާ ނުކުތީ މިސްކިތުގެ ގޯތިތެރެއާއި މަގުމަތި ކުނިކަހާށެވެ. މިސްކިތުގެ ގޯތިތެރެ ކުނި ކެހުމަށްފަހު މަގުމަތި ކުނިކަހަން ނުކުމެ ކުނިކަހަން ފެށިތަނާ ފިހިގަނޑުގައި އެއްޗެއް އަޅައިގަތުމުން ބަލައިލިއިރު ފޮތި ކޮތަޅެކެވެ. ގުދުވެ ނެގިއިރު ފުދޭވަރެއްގެ ބަރުދަނެއްވެސް ހުއްޓެވެ. އަދި ފޮތިތަކެއް ހުރިކަން އިޙްސާސްކުރެވުމުން ހީވީ ވަކިލާރިތަކެއް ފަދަ އެއްޗެއް ކަމަށެވެ.

ކޮތަޅު ހިފައިގެން ވަދެ ހަމަޖެހިލައިގެން ކޮތަޅު ހުޅުވައިލިއިރު އޮތީ ލިޔުމެވެ. އެ ލިޔުމުގައިވެއެވެ. "މިއީ އަހަރެން ﷲ ތަޢާލާއަށްޓަކައި ފަޤީރަކަށް ހަދިޔާކުރާ 10،000 ރަން ފައުނެވެ. މުއްސަންޖަކަށް ފެނިގެން ނަގައިފިނަމަ ބޭނުން ނުކުރާށެވެ. ފަޤީރަކަށް ފޯރުކޮށްދެވޭތޯ ބަލާށެވެ!

އަދި ފަޤީރަކަށް ލިބިއްޖެނަމަ އަމިއްލަ ބޭނުންތައް ފުއްދާށެވެ! ﷲ ތަޢާލާ ރުއްސަވާ ކަމެއްގައި ނޫނީ ބޭނުން ނުކުރާށެވެ.! ފައިސާ ބޭނުންކޮށްގެން ކޮންމެވެސް ވަރެއްގެ މަސައްކަތެއް ފަށާށެވެ! ﷲ ތަޢާލާގެ ރަޙްމަތްފުޅަށް ގިނަގިނައިން އެދޭ ތަޤްވާވެރިއަކަށްވާށެވެ! މިއީ އަހަރެން ވަރަށް ތެދުވެރިކަމާ އިޚްލާޞްތެރިކަމާއިއެކު ކުރާ މަސައްކަތުގައި ﷲ ތަޢާލާ އަހަރެންނަށް ދެއްވަވާ ތަނަވަސްކަމުން އަހަރެން ﷲ ތަޢާލާއަށްޓަކައި ކުރި ޞަދަޤާތެކެވެ."

ޒިމްނާ ވަގުތުން ޝުކުރުގެ ސަޖިދަ ކުރިއެވެ. ޒިމްނާއަށް ﷲ ތަޢާލާ ދެއްވެވި ނިއުމަތުގެ ބޭނުން ހިފައި އެނބުރި ދިއައީ ޤައުމަށެވެ. އެންމެ ދިރުހަމެއް އަތުގައި ނެތް ހާލު، ﷲ ތަޢާލާއަށް ވަކީލުކޮށްގެން ގެއިން ނުކުތް ޒިމްނާ އެނބުރި ޤައުމަށް ދިއައީ 10،000 ރަންފައުނުގެ މުއްސަދިކަމާއިއެކުގައެވެ. މިލިއަނަރަކަށް ނުވެވުނު ނަމަވެސް އެވަރުވެސް ޒިމްނާއަށް ފުދި އިތުރުވެއެވެ!

- ޔޫއޭއީގެ ނޫހެއްގައި ޝާއިޢްކޮށްފައިވާ ވާހަކައެއްގެ ޚުލާޞާ ތަރުޖަމާއެއް.
މިއަދު އޮންލައިން