އިބިލީސް ޤިޔާމަތް ދުވަހު އަލިފާންގަނޑެއްގެ މަތީގަ ހުރެގެން ނަރަކައިގެ އަހުލުވެރިންނަށް އިއްވާނެ ބަސްތަކަށް ބިރުވެތިވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 59ސ
އިބިލީސް ޤިޔާމަތް ދުވަހު އަލިފާންގަނޑެއްގެ މަތީގަ ހުރެގެން ނަރަކައިގެ އަހުލުވެރިންނަށް އިއްވާނެ ބަސްތަކަށް ބިރުވެތިވާށެވެ!
މީސްތަކުންނަށް ވަސްވާސް ދީގެން ހައްޤުގެ މަގުން ބޭރުން ކަންކަން ކުރުވާ ބައަކު އުޅެއެވެ. އެއީ ﷲ ތަޢާލާ ވަޙީ ކުރައްވަވައި މީސްތަކުންނަށް ބަޔާންކޮށް ދެއްވަވާފައިވާ ގޮތް ނޫން އެހެން ގޮތް ގޮތަށް މީސްތަކުން ލައްވައި ކަންކަން ކުރުވާ މީހުންނެވެ.

އެފަދަ މީހުންނާއިމެދު ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެއެވެ. އެހެނީ އެމީހުން ދޭ ނުބައި ވަސްތަކާއި އެއްގޮތަށް އަމަލުކޮށްގެން ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާ އެމީހުން ނުނަގާނެތީއެވެ. އެމީހުން ކޮޕި ކުރަނީ ޝައިޠާނާ ޤިޔާމަތް ދުވަހު ބުނާނެ ބަސްތަކެވެ.

"އަދި ކަންތައްތައް ނިޔާކުރައްވައި ނިމޭހިނދު، ޝައިޠާނާ ބުނާނެތެވެ. ހަމަކަށަވަރުން، ﷲ، ތިއަބައިމީހުންނަށް ވަޢްދު ކުރައްވަވާފައިވަނީ ޙައްޤު ތެދު ވަޢްދެވެ. އަދި ތިމަންވެސް ތިއަބައިމީހުންނަށް ވަޢްދުކުރީމެވެ. ފަހެ، ތިއަ ބައިމީހުންނަށް ތިމަން ކުޅަ ވަޢްދާ ޚިލާފްވީމެވެ. އަދި ތިއަބައިމީހުންނަށް، ތިމަން ގޮވައިލުން ފިޔަވައި، ތިއަބައިމީހުންގެ މައްޗަށް އެއްވެސް ބާރެއް ތިމަންނާއަށް ލިބިގެނެއް ނުވެއެވެ. ފަހެ، ތިއަބައިމީހުން ތިމަންނާގެ ގޮވައިލުމަށް އިޖާބަދިނީއެވެ. ފަހެ، ތިއަބައިމީހުން ތިމަން ކުށްވެރިކޮށް ވާހަކަ ނުދައްކާށެވެ! އަދި ތިއަބައިމީހުންގެ އަމިއްލަ ނަފްސްތައް ކުށްވެރިކޮށް ވާހަކަދައްކާށެވެ! ތިއަބައިމީހުންގެ އެހީތެރިއަކަށް ތިމަން ނުވަމެވެ. އަދި ތިއަބައިމީހުންވެސް ތިމަންގެ އެހީތެރިންނަކަށް ނުވަމުއެވެ. ހަމަކަށަވަރުން، މީގެކުރިން ތިއަބައިމީހުން ބައިވެރިކުރި ކަންތަކަށް ތިމަން ކާފިރްވީމެވެ. ހަމަކަށަވަރުން، އަނިޔާވެރިންނަށް ވޭންދެނިވި ޢަޛާބް ހުއްޓެވެ." (އިބްރާހީމް ސޫރަތް- 22)

ޝައިޠާނާ މިމޭރުމުން ބުނާނީ ނަރަކައަށް ވަންނަން ޖެހޭ މީހުން ނަރަކައަށް ވައްދައި ނިމުމުންނެވެ. މިމޭރުމުން ބުނާނީ ޚަޠީބަކު ޚުޠުބާ ކިޔާފަދައިންނެވެ. ޚަޠީބް ޚުޠުބާ ކިޔަން މެންބަރުގައި ހުންނަ ފަދައިން ރޯވެ އަނދަމުންދާ އަލިފާންގަނޑެއްގެ މަތީގައި ހުރެގެންނެވެ.

ދުނިޔެއަށް ބެލި ނަމަވެސް މިކަން އަބަދުވެސް މިދަނީ ތަޖުރިބާ ކުރެވެމުންނެވެ. އެއްވެސް މީހަކު ބުނެގެން ކުރި ކުށަކާއި ގުޅިގެން، ހިންގި ޖަރީމާއަކާއި ގުޅިގެން، ކުރި ވައްކަމަކާއި ގުޅިގެން މައްސަލަ ޖެހުމުން އެކަންކުރަން ހިއްވަރުދީ އެކަން ކުރުވި މީހަކު ދުވަހަކުވެސް އަމިއްލައަށް ޒިންމާ އުފުލި ހެއްޔެވެ؟ ޝަރީޢަތުގައި ކަނޑައެޅިގެން ސާބިތުވުމުންވެސް މަސައްކަތްކުރަނީ ކޮންމެވެސް ބަހަނާއެއް ދައްކައިގެން ރެކެން ނޫން ހެއްޔެވެ؟ ހުރިހާ ކަމެއް އެކަން ކުރި މީހެއްގެ ބޮލުގައި އަޅުވާފައި ސަލާމަތްވާން ނޫން ހެއްޔެވެ؟

މީސްތަކުންނޭވެ. އިބިލީސް އެވަގުތު އެބުނަނީ އެކަން އޮތް ގޮތެވެ. އިބިލީސް ކުރި ހަމައެކަނި ކަމަކީ ވަސްވާސް ދިނުމެވެ. އެކަން ބަލައިގަނެ ތަންފީޒްކުރީ މީސްތަކުން އަމިއްލައަށެވެ. ހަމަ މިކަން ދުނިޔެއިންވެސް މިސާލު ނަގާށެވެ. ނުބައި ކަންކަން ކުރަން ބުނާ މީހުން ދައްކާ ވާހަކަ ޤަބޫލުކޮށް އެކަން ތަންފީޒުކުރަނީ ހަމާ މީސްތަކުންނެވެ. އެމީހުންގެ އަމިއްލަ އިޚްތިޔާރުގައެވެ. އެހެންކަމުން މައްސަލައެއް ކުރިމަތިވުމުން ވަސްވާސްދިން މީހާ ޒިންމާދާރުކުރުވަން އުޅުމަކީ އެއްވެސް މާނައެއް ހުރި ކަމެއް ނޫނެވެ.

މީސްތަކުންނޭވެ! ނަމާދަށް ގޮވުމުން ނަމާދަށް ދިއުމަށް ހުރަސް އަޅައި ކަންކަމުގައި ޣާފިލުކުރުވާ މީހުންވެސް އެކުރަނީ ހަމަ އެފަދަ ކަމެކެވެ. އެ ހިންގަނީ ހަމަ އިންތިހާއަށް ނުބައިކަންބޮޑު ޖަރީމާއެކެވެ! އެފަދަ ދައުތަކުގައި ޖެހި ތާށިނުވާށެވެ! ތާށިވެވިއްޖެނަމަ އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ ހަމަ އެމީހަކަށެވެ. ތާށިކުރުވި މީހާއެއް ނޫނެވެ!

ބަންގީގެ އަޑު އިވުމުން ނަމާދަށް ނުދާ މީހަކާއި އެކުވެރިވެގެން ނުއުޅޭށެވެ! އުޅޭނަމަ އަބަދުވެސް އޮންނާނީ އެމީހެއްގެ ދަލުގައި ޖެހެވިފައެވެ. ސަލާމަތްވެ ހުރުމަކީ ތިމާގެ އަމިއްލަ ޒިންމާއެކެވެ!

- ލަވް އިސްލާމްގެ ދަރުސަކުން -
މިއަދު އޮންލައިން