ކީރިތި ޤްރްއާނުގެ އެންމެ މުހިންމު އެއް މުޢްޖިޒާތަކީ މީގެ 1400 އަހަރު ކުރިން ﷲ ތަޢާލާ ބާވައިލެއްވެވި ކީރިތި ޤްރްއާނުގައި 6،200 އަށްވުރެ ގިނަ އާޔަތް ހިމެނިގެން ވާއިރުވެސް މިއަދާއި ހަމައަށްވެސް އެއިން އެއްވެސް އާޔަތަކުން އެންމެ ކުޑަމިނުން ޢަރަބި ބަހުގެ ކުށެއްވެސް ދެއްކިފައި ނުވުމެވެ. ކިތަންމެ ކުރު އާޔަތެއް ނަމަވެސް އެއަށްވުރެ ފުރިހަމައަށް ބަޔާންކުރުމުގެ ޤާބިލުކަން އެއްވެސް އިންސާނަކަށް ލިބިފައި ނުވުމެވެ.
ހަމަ އެއާއިއެކު ކީރިތިޤްރްއާނުގެ އެންމެ އާޔަތެއްގައި ބަޔާންކުރައްވަވާފައިވާ އެންމެ ކަމެއްވެސް މިއަދާއި ހަމައަށް ހަމަ އެއްވެސް މީހަކަށް ދޮގުކުރެވިފައެއް ނުވެއެވެ. އެއިގެ ބަދަލުގައި ދޮގުކުރަން މަސައްކަތްކުރި ގިނަ ބައަކު ވަނީ ކީރިތި ޤްރްއާނުގެ ފުރިހަމަކަން ބަޔާންކޮށް، އެކަމަށް ހެކިވެ ﷲ ތަޢާލާއަށް އީމާންވެ އިސްލާމްވެފައެވެ.
މިފަދަ ހުރިހާ ކަމަކުންވެސް ބަޔާންވަމުން މިދަނީ ﷲ ތަޢާލާގެ މަތިވެރިކަމެވެ. ﷲ ތަޢާލާއީ އެންމެ އިލްމުވެރި، އަދި ހުރިހާ ޢިލްމެއް އެންމެ މޮޅަށް ލިބިވޮޑިގެންވަނީ ﷲ ތަޢާލާ ކަމެވެ.
މިފަދަ އެތައް ގިނަ މުޢްޖިޒާތްތަކެއް ފެންނަން ހުރިއިރުވެސް މީސްތަކުންގެ ތެރެއިން ގިނަ ބައަކަށް އަދިވެސް ޙައްޤު މަގު ނުއެނގޭ ކަމަށް ބުނާކަމީ އެމީހުންގެ ކިބައިގައި ހުރިއުނިކަމެކެވެ. އެއީ ކީރިތި ޤްރްއާނާއި އިސްލާމް ދީނުގައި ހުރި މައްސަލައެއް ނޫނެވެ.
ލޮބުވެތި މުސްލިމުންނޭވެ! އަހަރެމެންނަކީ މެދުކެނޑުމެއް ނެތި އީމާންކަން ވަރުގަދަކުރަން މަސައްކަތްކުރަންޖެހޭ ބައެކެވެ. އެކަން ކުރުމަށް އޮތް އެންމެ ފަސޭހަ އެއް މަގަކީ ކީރިތި ޤްރްއާނުގެ މުޢްޖިޒާތްތަކާއިމެދު ވިސްނައި ފިކުރުކުރުމެވެ. ކީރިތި ޤްރްއާނުގެ މާނަ ދަސްކުރުމެވެ. ތަފްސީރު ކިޔައި ތަފްޞީލުތައް ދަސްކުރުމެވެ.
ދުނިޔަވީ ކަންކަމުގައި އުޅެން ހަދައިގެން ގިނަ ބައަކު ދަނީ މިކަންކަމަށް އިހްމާލުވަމުންނެވެ. ދުނިޔަވީ މަސައްކަތްތަކާއި އުފާތަކުގައި މަސްއޫލުވުން އިތުރުވުމުގެ ސަބަބުން ކީރިތި ޤްރްއާން ބަލައިލާނެ ވަގުތެއް އޮންނަ ކަމަކަށް ނުވެއެވެ. އެހެން ނުހަދާށެވެ. ކިތަންމެ ބުރަ ނަމަވެސް މަދުވެގެން ގަޑިއެއްހައިއިރު ނަމަވެސް ކީރިތި ޤްރްއާން ކިޔެވުމަށާއި އުނގެނުމަށް ހޭދަކުރާށެވެ.
މިހެން މިވަނީ ކުރަން ހުންނަ ހުރިހާ ކަމެއް ފުރިހަމަ ކޮށްފައި ކީރިތި ޤްރްއާނަށް ވަގުތުދޭން އުޅޭތީއެވެ. އެކަން ބަދަލުކުރާށެވެ! ކީރިތި ޤްރްއާނަށް ވަގުތު ދިނުމަކީ ވެސް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ކަނޑައަޅައި އަދި ތަންފީޒުވެސް ކުރާށެވެ. އެއިރުން ދެން ކުރަން ހުންނަ ކަންކަން ވެސް ދާނީ އެންމެ ފައިދާހުރި ގޮތުގައި ކުރެވެމުންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން -