އަނިޔާވެރިންނަށް ސެލިޔުޓް ކުރުން ޢާންމުވުމަކީ ފަހުޒަމާނުގެ އަލާމާތެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
އަނިޔާވެރިންނަށް ސެލިޔުޓް ކުރުން ޢާންމުވުމަކީ ފަހުޒަމާނުގެ އަލާމާތެއް!: މުފްތީ މެންކް
އަނިޔާވެރިން ދެކެ ގަންނަ ބިރަށް އެމީހުންނަށް ސެލިޔުޓްކުރުމަކީ އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް އެކަން ޢާންމުވެ އިތުރުވުމަކީ ފަހުޒަމާނުގެ ޢަލާމާތެކެވެ.

މޫސާގެފާނުގެ ފިރުއައުނަށް ބަލާށެވެ. އޭނާ އަކީ ކަލަކު ނޫންކަމާއި ދޮގުވެރި އަނިޔާވެރިއެއްކަން އެންމެންނަށް އެނގެއެވެ. އެހެންކަމާއިއެކުވެސް މީސްތަކުން އޭނާއަށް ސެލިޔުޓްކުރިއެވެ. ސަނާވެސް ކިޔެވެ. ކީއްވެގެން ހެއްޔެވެ؟ ހަމަ އޭނާގެ އަނިޔާވެރިކަން ބޮޑުކަމުން އަނިޔާއަށް ބިރަށެވެ.

މިޒަމާނަށް ބަލައިބަލާށެވެ! އެތެރެ ނުފެންނަ އަގުބޮޑު ކާރެއް ދާތަން ފެނުނު ނަމަވެސް އެބަ ސެލިޔުޓް ކުރެއެވެ. ސިފައިންނާއި ފުލުހުން ވެސް ކުރެއެވެ. ކާރުގައި ހަމައެކަނި ޑްރައިވަރު އިންދާ ވެސް އެބަ ސެލިޔުޓް ކުރެއެވެ. މިހުރިހާ ކަންކަން މިހެން މިވަނީ ހަމަ އަނިޔާވެރިންގެ އަނިޔާވެރިކަން ބޮޑުކަމުންނެވެ.

ފަހަރެއްގައިވެސް ކާރުގައި އިނީ ގޭންގް މާސްޓަރަކަށްވެފައި އޭނާއަށް އަދަބުވެރި ނުވެއްޖެނަމަ ބޮލަށް ބަޑިޖަހާފާނެ ކަމުގެ ބިރު އޮތުމުންނެވެ. ނުފޫޒުގެ ބޭނުންކޮށް ވަޒީފާ ގެއްލުވާލައިފާނެ ކަމުގެ ބިރުވެރިކަން ހިތުގައި އޮންނަ މިންވަރު ބޮޑުކަމުންނެވެ.

އެނގޭހެއްޔެވެ؟ ބާރާއި ނުފޫޒު ލިބިފައިވީނަމަވެސް މީސްތަކުން އެއްވެސް ވަރަކަށް އިޙްތިރާމް ނުކުރާ ބައަކުވެސް އުޅެއެވެ. ނަމަވެސް އެފަދަ މީހުން ފެނުމުން އިޙްތިރާމް އަދާކުރަން މަޖުބޫރުވެއެވެ. އެކަން ނުކޮށްފިނަމަ ކޮށްފާނެ އަނިޔާއެއްގެ ބޮޑުކަން ހިތަށް އަރާތީއެވެ. މިކަން މިހެން ހިނގުމަކީވެސް ފަހުޒަމާނުގެ އަލާމާތެކެވެ.

އަނިޔާވެރިންގެ އަނިޔާވެރިކަން ހައްދުފަހަނައަޅައިދާއިރު އެމީހުންގެ ވެރިކަން ދިފާއުކުރަން ކޮށްފައި ނުކުރާނެ ކަމެއް ނުއޮންނާނެއެވެ. ފިރުއައުނުގެ ކަންކަމަށް ބަލާށެވެ. އޭނާގެ ވެރިކަން ގެއްލިގެންދާނީ ބަނީ އިސްރާއީލުންގެ ތެރެއިން އުފަންވާ ފިރިހެން ކުއްޖެއްކަމަށް ރަމަލުޖަހާ މީހަކު ބުނި ދުވަހުން ފެށިގެން ކިތައް ތުއްތު ފިރިހެން ދަރިން އުފަންވުމާއިއެކު ވަގުތުން މަރައިލި ހެއްޔެވެ؟

މިއީ ހަމަ މިފަދަ ހުރިހާ އަނިޔާވެރިންގެ ކިބައިންވެސް ހަމަ އަބަދުވެސް ފެންނަމުން އަންނަ ކަންކަމެވެ. ނަމަވެސް ވިސްނާށެވެ. ﷲ ތަޢާލާ އެކަމަށް މިންވަރުފުޅު ކުރެއްވެވުމުން މޫސާގެފާނު ބޮޑުފުޅުވެވަޑައިގަތީ ފިރުއައުނުގެ ގަނޑުވަރުގައި ނޫން ހެއްޔެވެ؟ އެޅުނީ ކޮން ހުރަހެއް ހެއްޔެވެ؟

އަދި މިކަމަށް ވެސް ވިސްނައިލާށެވެ! ކަންކަން މިފަދައިން ހިނގަމުން ދިއަ ނަމަވެސް އަތުގައި އެއްވެސް ތަނަވަސްކަމެއް ނެތް، އަދި އެއްވެސް ބާރެއް ނުފޫޒެއް ނެތް މީހުން ފެނުމުންވެސް މީސްތަކުން އަދަބުވެރިވެއެވެ. އިޙްތިރާމް އަދާކުރެއެވެ. އެއީ އެމީހެއްގެ ކިބައިގައި ހުންނަ މާތް ސިފަތަކުންނެވެ. އެމީހެއްގެ ހެޔޮ އަމަލުތަކާއި އިޚްލާޞްތެރިކަމުގެ ސަބަބުން މީސްތަކުންގެ ހިތްތަކުގައި އެފަދަ މީހުންނަށް ލޯބި އޮންނަމިންވަރު އިތުރުވުމުންނެވެ.

ނަޞޭޙަތަކީ ތިއައިގެ ތެރެއިން ކޮންމެ މީހަކީވެސް އެންމެފަހުން މިބުނި ބައިގެ މީހަކަށްވުމަށް ގަދައަޅައި މަސައްކަތްކުރުމެވެ. މުއްސަނދިކަމާއި ބާރާއި ނުފޫޒުން ފައިދާއެއް ކުރާނީ ﷲ ތަޢާލާ އަންގަވާފައި ގޮތުގައި އަމަލުކުރާނަމައެވެ. ނޫންނަމަ އެކަންކަން ވާނީ ތިބާގެ މައްޗަށް ފައުވި ވަބާއަކަށެވެ. ﷲ ތަޢާލާގެ ހަޟްރަތުގައި މަތިވެރިކަން ލިބިގެންވަނީ އީމާންތެރި، ޚުލްޤް ރަނގަޅު މީހުންނަށެވެ. ވީމާ ގަދައަޅައި މަސައްކަތްކުރަންވީ ޚުލްޤް ރަނގަޅު ކުރުމަށެވެ. އީމާންކަން ވަރުގަދަ ކުރުމަށެވެ. އެއިރުން ދާނީ މާތްﷲ ވާގިފުޅާއިއެކު ހުރިހާ ކަމެއްވެސް ކާމިޔާބުވަމުންނެވެ!

- މުފްތީ މެންކުގެ ދަރުސަކުން -
މިއަދު އޮންލައިން