މީސްތަކުންގެ ތެެރެއިން ގިނަ ބައަކީ ކޮންމެވެސް ވަރެއްގެ ނުބައި އަމަލުތައް ކުރެވޭ ބައެކެވެ. އެކިވަރުގެ ފާފަތައް ކުރެވޭ ބައެކެވެ. ނަމަވެސް އުފާކުރަންޖެހޭ ކަމަކީ އެފަދަ މީހުންގެ ތެރެއިންވެސް ގިނަބައަކު އިޞްލާޙްވެ އިސްލާމް ދީނަށް މަތިވެރިޚިދުމަތްތަކެއް ކޮށްފައިވާ ކަމެވެ. ތަޤްވާވެރިވެ އެންމެ ހެޔޮލަފާ މުސްލިމަކު ކަމުގައިވުމަށް ގަދައަޅައި މަސައްކަތްކޮށް އެކަމުގައި ބޮޑެތި ކާމިޔާބީތައް ހާޞިލުވެސް ކޮށްފައިވާ ކަމެވެ.
މިފަދަ ގޮތެއް މެދުވެރިވި އެއްބޭކަލަކީ ކުދިކުދި ފާފަތައް ކުރެވެމުން އައި މީހެކެވެ. އޭނާގެ ހަޔާތް ބަދަލުކޮށްލީ ކީރިތި ޤްރްއާނުގެ ހަމަ އެންމެ އާޔަތެކެވެ. ނަމާދެއް ކޮށްލުމަށް ނިޔަތް ގަނެގެން މިސްކިތަށް އެރިއިރު އިމާމާ ކިޔަވަމުން ދިއަ އާޔަތެވެ. އިމާމާގެ ނަޞޭޙަތެވެ.
"ހަމަ ކަށަވަރުން ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވެއެވެ. ތިއަބައިމީހުންގެ ތެރެއިން ބައެއް މީހުން އަދިވެސް އެނބުރި ތިމަން ﷲ ގެ މަގަށް ރުޖޫޢަވާން ނުވަނީ ހެއްޔެވެ؟ އޭ މީސްތަކުންނޭވެ. މާދަމާ ތައުބާވާން ހިތަށް އަރުވަނީ ޝައިޠާނާއެވެ.
އެހެނީ މާދަމާގެ އަލިކަން ފެންނާނީ ތިއަބައިމީހުންގެ ތެރެއިން ކިތަށް މީހުންނަށް ނުވަތަ ކާކަށްކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟ މާދަން ތައުބާވުމަށް ހުއްޓައި މިއަދު ނުވަތަ މިރޭ މަރުވެއްޖެނަމަ ތިބާއަށް ވާނެ ގޮތަކާއިމެދު އެބަ ވިސްނަމު ހެއްޔެވެ؟
ތައުބާ ވުމަށް މާދަމައެއް ނެތެވެ. އޮތީ މިއަދެވެ. މިހާރެވެ. މިވަގުތެވެ. މާނައަކީ ދިންނެވުން އެދޭމީހާއަށް އޮތީ ވީހާ އަވަހަކަށް ތައުބާވުމެވެ. އަބަދުވެސް ތައުބާވެ ތަޤްވާވެރިކަންމަތީގައި ހުރުމެވެ."
އިމާމް މީހާގެ ބަސްތައް އަޑުއިވުމާއިއެކު އޭނާގެ ލޮލުން ކަރުނަ އޮހޮރެން ފެށިއެވެ. އޭނާއަށް އިޙްޞާޞްކުރެވުނީ އިމާމް މީހާގެ ބަސްތަކަކީ ހަމަ ސީދާ އޭނާއަށް އަމާޒުކުރެވިފައިވާ ބަސްތަކެއް ކަމަށެވެ. އޭނާ އަޒުމް ކަނޑައެޅީ އެވަގުތުން ފެށިގެން ﷲ ގެ މަގަށް ރުޖޫޢަވުމަށެވެ. ކުރަމުން އެއްވެސް ނުބައި އަމަލެއް ދެން އިތުރަށް އެންމެ ފަހަރަކުވެސް ނުކުރުމަށެވެ. އެގޮތުގައި ކުރިއަށް ގޮސް އޭނާ ވަނީ މާތް ބޭކަލެއްގެ ދަރަޖަ ހޯދައިފައެވެ.
މިއީވެސް އިސްލާޙްވުމަށް އޮތް މަގެކެވެ. އިވޭ އަޑުތަކާއި ފެންނަ ކަންކަމުން އިބްރަތް ޙާޞިލުކޮށް އިސްލާޙްވުމެވެ. ދެވަނަ ގޮތެއްވެސް ބުނެދޭނަމަވެ. އެއީ ކުރެވޭ ނުރަނގަޅު ކަންކަން ކުރުން އެއްފަހަރާ ހުއްޓާލުމަށްފަހު ހެޔޮ އަމަލުތައް ކުރުން އިތުރު ކުރަމުން ގޮސް ހުރިހާ ހެޔޮ އަމަލުތަކެއް ކުރަން ފެށުމެވެ.
މިއީ ވަރަށް ރަނގަޅު ގޮތެކެވެ. އެހެނީ އެގޮތަށް ކުރިއަށްދާ މީހާއަށް ކުރިއަށް ދެވޭނީ އޭނާއަށް "ފިޓްވާ" ގޮތަށެވެ. އެމީހަކަށް ފިޓްވާ ގޮތަށް ކަންކަން ކުރުމުން ހުންނާނީ ބަރާބަރަށެވެ. ގައަށް ހެޔޮވަރު ނުވެގެން އުޅޭކަށް ނުޖެހޭނެއެވެ.
މާނައަކީ ތިމާއަށް ކުރެވޭ ވަރަށް ހެޔޮ އަމަލުކުރަމުން ގެންގޮސް ކަންކަން ފުރިހަމަވީމާ މާބުރަވެގެން އުޅެން ނުޖެހޭނެ ވާހަކައެވެ. އެކަންކަން ދާއިމީ ގޮތަކަށް ކުރަން ޝައުޤުވެރިވެވިފައި ހުންނާނެ ވަހަކައެވެ. ތަކްލީފަކަށްވެގެން އުޅެން ނުޖެހޭނެ ވާހަކައެވެ.
ޢަމަލުތައް އިޞްލާޙްކުރަން ބޭނުންވާ މީހާއަށް ކުރެވިދާނެ ބައެއް ކަންކަން:
1- ވަގުތަށް ނިދުން ވަގުތަށް ނިދާމީހާއަށް ފަތިހު ހޭލެވޭނެއެވެ. ހޭލެވުމާއިއެކު ކިޔަން ހުރި ޛިކުރުތައް ކިޔާނަމަ ދުވަސް ފެށިގެންދާނީ އެންމެ ފުރިހަމަ ގޮތުގައެވެ.
ނިދަން އޮށޯންނަމުން ޛިކުރުތައް ކިޔައި ގަޑި ސޯނާކުރާ ފަދައިން ކުރަންޖެހޭ އިތުރު ކަމެއްވެސް އެބައޮތެވެ. އެއީ މޯބައިލްފޯންތައް ފްލައިޓް މޯޑަށް ލުމެވެ. ނޫންނަމަ ރޭގަނޑުގެ ހަމަ ނިދި ނުލިބޭ އެތައް ބައަކު އުޅެއެވެ.
.2 ނިދިން ހޭލެވުމާއިއެކު ގިނަ ބައަކު ކޮފީ ބޮއެވެ. ނުވަތަ އެނޫންވެސް ހޫނު ބުއިމެއް ބޭނުންކުރެއެވެ. ވިސްނާށެވެ. މިއީ އެދުވަހު ތިބާ ބޭނުންކުރާ ފުރަތަމަ ބުއިމެވެ. ﷲ ތަޢާލާއަށް ޝުކުރުވެރިވާން ނުޖެހޭހެއްޔެވެ؟ ދުވާލު ހަތަރުދަމުން އެވަރުގެ ބުއިމެއް ނުލިބޭ އެތައް މިލިއަން ބައަކު ދުނިޔޭގައި އެބައުޅެއެވެ. ވީއިރު ޝުކުރުވެރިވުމުގެ ގޮތުން ބިސްމިﷲ ކިޔަން ނުޖެހޭ ހެއްޔެވެ؟ ނަމަވެސް އެކަން ކުރެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟
.3 ފާޚާނާއަށް ވަންނަމުންނާއި ނުކުންނަމުން އަދި ނުކުމެ ހެދުން ލަމުން ކިޔަންހުރި ޛިކުރުތައް ކިޔާށެވެ.
.4 ނަމާދުކުރަން މިސްކިތަށްދާނަމަ ގެއިން ނުކުންނަމުން ކުރަންޖެހޭ ޛިކްރްތައް ކުރާށެވެ. ނަމާދަށްފަހު އެނބުރި ގެއަށް އައިސް ހަމަ އެގޮތުގައި ގެއަށް ވަންނާށެވެ.
އިސްލާޙް ވުމަށް އެދޭމީހާ ގޮތް ބަލައިލަން ނަމަވެސް މިގޮތަށް ދުވަސް ފަށައިބަލާށެވެ! ދުވަސް ފެށުމަށްފަހު ފެށި ފަދައިން ކަންކަން ކުރިއަށް ގެންގޮސް ނިކަން ދުވަސް ނިންމައިލަބަލާށެވެ! ﷲ ތަޢާލާގެ ވާގިފުޅާއިއެކު އަންނަ ބަދަލުތައް ދާދި އަވަހަށް ފެންނަން ފާށާނެއެވެ!
- މުފްތީ މެންކުގެ ދަރުސަކުން -