އޮފީސް ގަޑީގައި އަމިއްލަ ބޭނުމަށް ސޯޝަލްމީޑިއާގައި ވަގުތު ހޭދަކުރާނަމަ މުސާރަ ހަލާލެއް ނުވާނެއެވެ. އޮފީސް ގަޑީގައި ސޯޝަލް މީޑިއާގައި އަމިއްލަ ކަންކަން ކުރުން ހުއްދައެއް ނޫނެވެ. ނަމަވެސް އެކަން ޤަބޫލުކުރެވެނީ ވަރަށް މަދު މުވައްޒިފަކަށެވެ.
މިބުނަނީ އަމިއްލަ ދިރިއުޅުމުގައި ކޮންމެހެން ކުރަންޖެހޭ ކަމަކަށް މިނިޓެއް 2 މިނިޓް ހޭދަކުރުމުގެ ވާހަކައެއް ނޫނެވެ. ކުޅިވަރަށާއި ލޯބީގެ ކުޅިގަނޑަށާއި ކޮންމެހެން ކުރަން ނުޖެހޭ ކަންކަމަށް ވަގުތު ހޭދަކުރާނަމަ އެކަމުގެ ވާހަކައެވެ.
ކޮންމެ މުވައްޒިފަކަށް ވަޒީފާ ދެނީ ވަކި ވަގުތުތަކެއްގައި ވަކި މަސައްކަތްތަކެއް ކުރުން ޝަރުޠުކޮށެވެ. އެ މަސައްކަތްތައް ކުރުމަށެވެ. ވީމާ ވަޒީފާގެ ގަޑީގައި އެމީހަކަށް ވެވުނު އެންމެ އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރަންވާނެއެވެ. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރަންވާނެއެވެ.
ސަރުކާރުގެ ވަޒީފާތައް އަދާކުރާ މުވައްޒިފުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެއެވެ. އެހެނީ އެމީހުންނަށް މުސާރަ ދެނީ ރައްޔިތުންގެ ފައިސާއިން ކަމަށްވާތީއެވެ. އެމީހުންނަކީ ރައްޔިތުންގެ ޚާދިމުންކަމަށްވާތީއެވެ.
ކަނކަން ހުރީ މިގޮތަށް ނަމަވެސް މިހާރަކަށް އައިސް މިފެންނަނީ މުޅިން ތަފާތު ގޮތްތަކަށް ކަންތައްތައް ވަމުން އަންނަތަނެވެ. ވަޒީފާ އަދާކުރަންޖެހޭ ގަޑިތަކުގައި ރައްޔިތުންނަށް ނުވަތަ ކަސްޓަމަރުންނަށް ޚިދުމަތް ދޭން ހުރި ވަސީލަތްތައް ބޭނުންކޮށްގެން އުފާކޮށް މަޖާކުރަމުން ގެންދާތަނެވެ. ޚިދުމަތްދޭން ހުންނަ ވަސީލަތްތައް ބޭނުންކޮށްގެން ޗެޓްކުރުމާއި ފޮޓޯ ފޮނުވުމާއި އެހެންވެސް ކަންކަން ކުރަމުން ގެންދާތެނެވެ.
ބައެއް މުވައްޒިފުން ބޭނުންކުރަނީ އެމީހެއްގެ އަމިއްލަ ފޯނު ކަމަށް ވެދާނެއެވެ. ފޯނަކީ އެމީހާގެ އަމިއްލަ އެއްޗެއް ނަމަވެސް މަސައްކަތްކުރަންޖެހޭ ވަގުތަކީ އެމީހާގެ އަމިއްލަ ހައްޤެއް ކަމަކަށް ނުބުނެވޭނެއެވެ. އެއީ އަގުދީގެން ގަނެފައިވާ އެއްޗެކެވެ. ދެފަރާތް ޤަބޫލުކުރާ އަގަކަށް ވިއްކައި އެއްބަސްވުމުގައި ސޮއިކޮށްފައިވާ އެއްޗެކެވެ.
އިސްލާމް ދީނުގައި އޮތީ އިޚްލާޞްތެރިވުމެވެ. ކޮންމެ ކަމެއް ކުރުމުގައިވެސްމެއެވެ. ވީމާ އިޚްލާޞްތެރި ކަމެއް ނެތި ކުރެވޭ ކަންކަމަކީ އިސްލާމް ދީނުގައިވާ މަގުން ކުރެވޭ ކަންކަމަށްވާންޖެހޭނެއެވެ.
މަސް ނިމުމުން ގެއަށް ގެންދާ މުސާރައަކީ ހަލާލު ފައިސާއަށް ހަދަންޖެހޭނެއެވެ. ނޫންނަމަ އެކަމުގެ ޒިންމާ އުފުލަން ހަމަ ކޮންމެ މުވައްޒިފަކަށްވެސް ޖެހޭނެއެވެ. މުސާރަ ހަލާލުވާނީ ވަޒީފާގެ އެއްބަސްވުމާއި އެއްގޮތަށް ޚިދުމަތްކުރުމުންނެވެ. ވަޒީފާގެ ގަޑިތަކުގައި ޒިންމާދާރުކަމާއިއެކު މަސައްކަތް ނުކޮށް މުސާރަ ހަލާލެއް ނުވާނެއެވެ.
- މުފްތީ މެންކްގެ އަދި އިސްލާމީ ތިލަފަތުގެ ދަރުސަކުން -