ޤިޔާމަތް ދުވަހު ހިސާބު ބައްލަވަނީ ހަމައެކަނި ތިބާކުޅަ އަމަލުތައް ތިބާއަށް ދެއްކެވުމަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ޤިޔާމަތް ދުވަހު ހިސާބު ބައްލަވަނީ ހަމައެކަނި ތިބާކުޅަ އަމަލުތައް ތިބާއަށް ދެއްކެވުމަށް!
"މީސްތަކުން ތިމަންމެން އީމާން ވެއްޖައީމުއޭ ބުނުމުން، އެއުރެން އިމްތިޙާން ނުކުރައްވަވައި ދޫކޮށްލައްވަވާނެ ކަމަށް ހީކުރީ ހެއްޔެވެ؟"

"އަދި ހަމަކަށަވަރުން އެރުންގެ ކުރީގެ (އުންމަތްތަކުގެ) މީހުން، ތިމަން ރަސްކަލާނގެ އިމްތިޙާން ކުރެއްވީމުއެވެ. ފަހެ، (އީމާން ކަމުގައި) ތެދުވެރިވި މީހުން، ހަމަކަށަވަރުން، ﷲ ދެނެވޮޑިގެންވެއެވެ. އަދި ހަމަކަށަވަރުން، ދޮގުވެރިންވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ." (1،2- 29)

ﷲ ތަޢާލާ ޤިޔާމަތް ދުވަހު ކޮންމެ މީހެއްގެ ހިސާބު ވަކިވަކިން ބައްލަވަނީ ތިބާ ދުނިޔޭގައި ހުރެ ކުޅަ ކަންކަން ދެކެދެނެވޮޑި ނުގަންނަވާތީއެއް ނޫނެވެ. ތިބާއަށް ހައްޤުވަނީ ސުވަރުގެކަން ނުވަތަ ނަރަކަކަން ދެނެވޮޑިނުގަންނަވާތީއެއް ނޫނެވެ. ތިބާ ކުޅަ ހުރިހާ ކަމެއް ތިބާ ކުރާނެކަން އެކަންކަން ކުރުމުގެ މާކުރިން ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ.

މީސްތަކުން ބުނެ އުޅެއެވެ. ތިމަންނާއަކީ ﷲ ތަޢާލާއަށް އީމާންވެގެން ހުރި މީހަކީމެވެ. ތިމަން މިކުރަނީ ހެޔޮ އަމަލުތަކެވެ. ތިމަން މިއުޅެނީ ﷲ ތަޢާލާ އެންގެވި ގޮތަށެވެ.

މީސްތަކުންނޭވެ! ﷲ ތަޢާލާ ޤިޔާމަތް ދުވަހު އެކުރައްވަވާ ކަމަކީ ތިބާ ބުނެ އުޅުނު ބަސްތައް ތިބާއަށް ދެއްކެވުމެވެ. ތިބާ ކީރިތި ޤްރްއާނުން އަމަލުކުރި މިންވަރު ތިބާއަށް ދެއްކެވުމެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ސުންނަތުން އަމަލުކުރި މިންވަރު ތިބާއަށް ދެއްކެވުމެވެ.

މީސްތަކުންނޭވެ. ދުނިޔެއަކީ އިމްތިޙާނެކެވެ. މިބުނީ ދުނިޔޭގައި އިންސާނުން ކުރާ ކޮންމެ ކަމަކީވެސް އިމްތިޙާނެއް ކަމުގެ ވާހަކައެވެ. ﷲ ތަޢާލާ އަންގަވާފައިވަނީ ކުރިން އުޅުނު މީހުން އިމްތިޙާން ކުރެއްވެވި ފަދައިން އެންމެން ވެސް އިމްތިޙާން ކުރައްވަވާނެ ކަމަށެވެ. ވީމާ އަހަރެމެން އެއްވެސް މީހަކީ އިމްތިޙާންތަކުން ސަލާމަތްވެވޭނެ މީހެއް ނޫނެވެ.

ދުނިޔޭގައި އުޅޭއިރު ކުރެވޭ ކޮންމެ އަމަލަކީ އިމްތިޙާނެއް ކަމަށް ޤަބޫލު ނުކޮށް ޣާފިލުކަމުގައި އުޅޭނަމަ އެމީހަކީ ގެއްލެނިވެގެންވާ މީހެކެވެ.

އެމީހަކަށް ދުނިޔެގައި އެއުޅެވެނީ އަވާމެންދުރެއްގެ ތެރޭގައެވެ. އާޚިރަތުގައި ދިންނެވުން އެދޭނަމަ އަވަހަށް އަވާމެންދުރުގައި ވަގުތުތަކާއި ދުވަސްތައް ހޭދަކުރުން ހުއްޓައިލާށެވެ. ތިމަން މިހުރީ އީމާންވެގެން ކަމަށް ދުލުން ބުނާ ފަދައިން އަމަލުންވެސް އެކަން ދައްކާށެވެ! ދުލާއި އަމަލު ސީދާކުރަން އަވަސްވެގަންނާށެވެ.

- ލަވް އިސްލާމްގެ ދަރުސަކުން -
މިއަދު އޮންލައިން