ވެރިންނާ ޒިނޭކުރުމަކީ ކުށުގެ އަޒާބު ލުއިވާ ސަބަބެއް ނޫން: ވައްހާޖް ޠަރިން
ވެރިމީހާއަށް ނޯކަރުން ދަރިން ވިހެއުމަކީ ޤިޔާމަތް ކައިރިވުމުގެ ޢަލާމާތެއް ކަމަށާއި މިއަދު މިވަނީ އެކަން ޢާންމުކަމަކަށްވެފައެވެ. އަދި ބައެއްގެ ނަޒަރުގައި އެއީ ލަދުވެތި ކަމެއް ވެސް ނޫނެވެ.
މީސްތަކުންނޭވެ. މީގެ 1400 އަހަރުކުރިން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) މިކަން ބަޔާން ކުރެއްވެވީ ޖިބްރީލްގެފާނު ކުރެއްވެވި ސުވާލެއްގެ ޖަވާބުގައެވެ. ޖިބްރީލްގެފާނު ފުރަތަމަ ސުވާލު ކުރެއްވެވީ ޤިޔާމަތްވާނެ ދުވަހަކާއިމެދުގައެވެ. އެސުވާލުގެ ޖަވާބުގައި އިތުރު މާތް ނަބިއްޔާ މުޙައްމަދު (ޞޢވ) ހަދީޘްފުޅުކުރެއްވެވީ އެކަމުގެ މައުލޫމާތު ސުވާލުކުރެއްވި ފަރާތަށްވުރެ ބޮޑަށް ސުވާލު ކުރެވުނު ފަރާތަށް އެނގިވަޑައިގެން ނުވާ ކަމަށެވެ.
ވެރިމީހާއަށް ނޯކަރުން ވިހެއުމަކީ ޤިޔާމަތް ކައިރިވުމުގެ ޢަލާމާތެއް ކަމަށް ޙަދީޘްފުޅު ކުރެއްވެވީ އިތުރު މާތް ނަބިއްޔާ (ޞޢވ)އަށް އެނގިވަޑައިގަންނަވާ ޤިޔާމަތް ކައިރިވެއްޖެކަމުގެ ޢަލާމާތްތަކާއި ބެހޭގޮތުން ޖިބްރީލްގެފާނު ސުވާލުކުރެއްވެވުމުން ބަޔާން ކުރެއްވެވި ކަންކަމުގެ ތެރޭގައެވެ.
މީސްތަކުންނޭވެ. މީގެ 1400 އަހަރުކުރިން މިފަދަ ކަންކަމަކީ ޢާންމު ކަމެއް ނޫނެވެ. ހަމަ ވަރަށް މަދުން ނޫނީ މެދުވެރިވާ ކަންކަމެއް ނޫނެވެ. އެޒަމާނުގައި ކަންކަން ހިނގަމުން އައި ގޮތުންނެވެ. ނަމަވެސް މިއަދާއި ހަމައަށް އައިއިރު މިއީ އިންތިހާއަށް ޢާންމުވެފައިވާ ކަމެކެވެ. އެންމެ ހިތާމަހުރި ކަމަކީ އެއީ ލަދުވެތި ކަމެއްގެ ގޮތުގައި ވެސް މިއަދު ނުދެކޭތީއެވެ.
ނިކަން ވިސްނައިބަލާށެވެ! ވަޒީފާ އަދާކުރާ ބައެއް އަންހެނުން ތެދުވެރިކަމާއިއެކު ނިކަން ބުނެބަލާށެވެ! އެމީހުންގެ ފިރިންގެ ބޮލުގައި އަޅުވާފައިވާ ދަރިންގެ ތެރޭގައި އެކަނބަލުންގެ ވެރިންނަށް ވިހާފައި ތިބީ ކިތަށް ދަރިން ހެއްޔެވެ؟ ބައެއް އަންހެނުންނަށް މިސުވާލުގެ ޖަވާބު ނުވެސް ދެވޭނެއެވެ.
މިއީ ވަރަށް ބޮޑަށް ހިތާމަކުރަންޖެހޭ ކަމެކެވެ. ދަރިފަސްކޮޅު އޮޅުވައިލުމާއި ޒިނޭކުރުން ހަރާންވެގެންވަނީ ހަމައެކަނި އިސްލާމް ދީނަކު ނޫނެވެ. އެކަންކަމަކީ އެއްވެސް ދީނެއްގައި ހުއްދަ ކަމެއް ނޫނެވެ. އެކަންކަން ހުއްދަކޮށްގެން އުޅެނީ ހުރިހާ ދީންތަކާއި ޚިލާފަށެވެ.
ލޮބުވެތި މުސްލިމުންނޭވެ! މުސްލިމުންނަށް 4 އަނބިން ހުއްދައެވެ. ވެރިމީހާ އެފަދަ ކަމަކަށް އެދޭނަމަ ކައިވެނިކުރަން އެދޭށެވެ. ޙަލާލު އަންބެއްގެ ގޮތުގައި އިނދެ ނޫނީ އެބާވަތުގެ އެއްވެސް ގުޅުމެއް ނުހިންގާށެވެ. ޒިނޭ ކުރުމާއި ދަރިފަސްކޮޅު އޮޅުވައިލުމާއި ދަރިން ވައްޓައިލުން ފަދަ ކަންކަމުގައި ﷲ ތާޢާލާ އަޒާބު ދެއްވަވާއިރު އެކަން ކުރީ ވެރިމީހާ އާއިއެކު ކަމަށްވުމަކީ އަޒާބު ލުއިވާނެ ސަބަބެއް ނޫނެވެ. ޖެހޭނީ ހަމަ ގަދަފަދަ އަޒާބާއި ކުރިމަތިލާށެވެ.
-- އުސްތާޛް ވައްހާޖް ތަރިންގެ ދަރުސަކުން