ދީނުގަ އަނބިންނަށް އޮތް މަޤާމް އެނގުމުން ކާފަރުން ސިހޭ - ނަމޫނާ ދައްކާނަމަ ގިނަ ބައަކު ދާނީ އިސްލާމްވަމުން: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 29ސ
ދީނުގަ އަނބިންނަށް އޮތް މަޤާމް އެނގުމުން ކާފަރުން ސިހޭ - ނަމޫނާ ދައްކާނަމަ ގިނަ ބައަކު ދާނީ އިސްލާމްވަމުން: ބިލާލް އައްސަދު
މުސްލިމުންގެ ކައިވެނީގެ ހަފްލާތަކަށް ދިއުމުން އެހެން ދީންތަކުގެ މީހުންނަށް ސިހުން ލިބިގެންދެއެވެ. މުސްލިމުންގެ ކައިވެނީގެ ޚުޠުބާއިންނެވެ.

އަނބިންނަށް އޯގާތެރިވުމަށާއި ހެޔޮކޮށް ހިތުމަށާއި އަނބިންގެ ބެލެނިވެރިކަމުގެ ޒިންމާ ނަގަންޖެހޭ ބައަކީ ފިރިންކަމަށް ބަޔާންކުރުމުންނެވެ.

ޚަރަދުކުރަންޖެހޭނީ ފިރިމީހާކަން އެނގުމުންނެވެ. އަދި އެންމެ ބޮޑު ސިހުމެއް ލިބެނީ އަނބިންނަށް އެންމެ އޯގާތެރި ބޭކަލަކީ އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު (ޞޢވ) ކަން ޚުޠުބާގައިވެސް ބަޔާންކުރާތީއެވެ.

"ތިއަބައިމީހުންގެ ތެރެއިން އެންމެ ރަނގަޅު މީހަކީ އެމީހެއްގެ އަނބިމީހާއަށް އެންމެ ހެޔޮ މީހާކަމަށާއި ތިމަން ރަސޫލާ (ޞޢވ) އީ އަންބިންނަށް އެންމެ ހެޔޮ މީހަކު ކަމުގައި ވަމެވެ." ފަދަ ބަސްތަކަކީ އެހެން ދީންތަކުގެ މީހުން އަޑުއަހާ ވާހަކަތަކެއް ނޫނެވެ. އެހެންކަމުން މިފަދަ ހަދީޘްފުޅުތައް މީޑިއާތަކުގައިވެސް އެކަށީގެންވާ ވަރަށް ދައުރެއް ނުކުރެއެވެ.

އިސްލާމް ދީނުގެ ޙުކުމްތައް މިހައި ފުރިހަމަވެފައި އިސްލާމް ދީނަކީ ރަޙްމާއި ކުލުނާއި އޯގާތެރިކަމުގެ ދީން ނަމަވެސް ހަމަ މުސްލިމުންގެ ނަމުގައި ދިރިއުޅޭ ބައެއްގެ ސަބަބުން އިސްލާމް ދީނަށް މިދަނީ ފުރައްސާރަތައް ކުރިމަތިވަމުންނެވެ. މިކަންކަމަށް އޮތް ހައްލަކީ އިސްލާމް ދީނުގެ އަސްލުތަކާއި އެއްގޮތަށް އަމަލުކުރުމެވެ.

އިސްލާމް ދީނުގައި ބަޔާންވެގެންވާ އޯގާތެރިކަމާއި އިންސާފުވެރިކަން ކުރިއަށް ނެރެ "ވިއްކަން މަސައްކަތްކުރި ނަމަވެސް ކަންކަން ދާނީ ބަދަލުވަމުންނެވެ. އިސްލާމް ދީނަށް ވަންނަ މީހުންގެ އަދަދު މިހާރަށްވުރެ ވެސް އިތުރުވެގެންދާނެއެވެ.

ވިސްނާށެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ރަސޫލުކަމާއިގެން ދުނިޔެއަށް ފޮނުއްވެވުނު އެންމެ ބޮޑު މަޤްޞަދަކީ މީސްތަކުންނަށް "މަކާރިމުލް" އަޚްލާޤް ދަސްކޮށް ދެއްވެވުންކަން ޙަދީޘްފުޅުން ސާބިތުވެއެވެ. ރިވެތި އަޚްލާޤަށް އިސްލާމް ދީނިގައި މިފަދަ ބޮޑު މަތިވެރިކަމެއް ދީފައިވާއިރު އަހަރެމެންގެ އަޚްލާޤް ރަނގަޅުކުރަން އެބަޖެހެއެވެ.

ރުޅިވެރިކަމުގެ ވަގުތުތަކުގައިވެސް ދީނުގައި ބަޔާންވެގެންވާ އިންތަކުގައި ހިފަހައްޓަން އެބަޖެހެއެވެ. އެންމެ ކުޑަމިނުން ހަނގުރާމައިގެ ވަގުތުތަކުގައިވެސް ހިފަހައްޓަންޖެހެއެވެ. ނަމަވެސް އަހަރެމެންގެ ތެރެއިން ގިނަ ބައަކަށް އެކަންކަމެއް ނުކުރެވެއެވެ. ނަތީޖާއަކަށްވަނީ ބޭރުން އަންނަ ހަމަލާތައް ފަދައިން އެތެރެއިން އުފެދޭ ހަމަލާތައްވެސް އިތުރުވުމެވެ.

މިކަންކަމަށް އޮތް އެންމެ ރަނގަޅު އެއް ހައްލަކީ ކޮންމެ މީހަކުވެސް އަޚްލާޤީ ގޮތުން ނަމޫނާ ދައްކާ މީހަކަށްވުމެވެ. އެންމެ ކުޑަމިނުން ކައިވެނީގެ ޚުޠުބާގައި ކިޔައިދޭ މިންވަރަށް ދެމަފިރިންގެ އަޚްލާޤް ބަހައްޓާ ނަމަވެސް އިސްލާމް ދީން ދާނީ މަތިވެރިވަމުންނެވެ.

"ތިއަބައިމީހުންގެ ތެރެއިން އެންމެ ރަނގަޅު މީހަކީ އެމީހެއްގެ އަނބިމީހާއަށް އެންމެ ހެޔޮ މީހާކަމަށާއި ތިމަން ރަސޫލާ (ޞޢވ) އީ އަންބިންނަށް އެންމެ ހެޔޮ މީހަކު ކަމުގައި ވަމެވެ." މީސްތަކުންގެ ކުރިމަތީގައި ހަމައެކަނި މިޙަދީޘްފުޅަށް އަމަލުކުރަމުން ނަމޫނާ ދައްކަމުން ގެންދިއަ ނަމަވެސް އިސްލާމް ދީނަށް ދާނީ މަތިވެރި ނަޞްރެއް ލިބެމުންނެވެ.

- ބިލާލްއައްސަދު މިއަދު ޢާންމުކުރެއްވި މައުލޫމާތުން
މިއަދު އޮންލައިން