ތަނަވަސްކަން ލިބުމުން މިސްކިތް މަތިން ހަނދާން ނެތި ޢީދު ނަމާދުކުރުން ވެސް ހުއްޓައިލި މީހެއްގެ ވާހަކަ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 58ސ
ތަނަވަސްކަން ލިބުމުން މިސްކިތް މަތިން ހަނދާން ނެތި ޢީދު ނަމާދުކުރުން ވެސް ހުއްޓައިލި މީހެއްގެ ވާހަކަ
ބައެއް މީހުންނަށް ތަނަވަސްކަން ލިބުމުން ނަމާދުގައި ﷲ ތަޢާލާ ހަނދުމަކުރަން އުނދަގޫވެއެވެ. ކީރިތި ޤްރްއާން ކިޔަާއިރުވެސް މެއެވެ.

މިހެން މިވަނީ ޝައިޠާނާގެ ސަބަބުންނެވެ. ތަނަވަސްކަން ލިބިގެންވާ މީހުން މަގުފުރައްދަން ޝައިޠާނާ ގަދައަޅައި އިތުރަށް މަސައްކަތްކުރާނެއެވެ. އެމީހާ ހެޔޮކަމެއް ކުރަން އުޅޭއިރަށް އެކަމުގެ ތެރެއަށް ޝައިޠާނާ ވަދެގަންނާނެއެވެ. އެމީހަކާއި ﷲ ތަޢާލާއި ދެމެދަށް ހުރަސް އަޅަން މަސައްކަތްކުރާނެއެވެ.

ވަރަށް ތަޤްވާވެރިކަންމަތީގައި އުޅުނު ޒުވާނަކު އޭނާއަށް ތަނަވަސްކަން ދެއްވެވުން އެދިވަޑައިގެން ދުޢާކޮށްދެއްވަވާތޯ އިތުރު މާތް ނަބިއްޔާ މުޙައްމަދު (ޞޢވ)އަށް ދެންނެވިއެވެ. އެހިނދު އިތުރު މާތް ނަބިއްޔާ (ޞޢވ) ހަދީޘް ކުރެއްވެވީ މިހާރު އޭނާއަކީ ވަރަށް ޞާލިޙް ތަޤްވާވެރި އެއް ކަމަށާއި ތަނަވަސްކަން ލިބިއްޖެނަމަ އެ ނިޢްމަތް ގެއްލިގެން ހިނގައިދާނެ ކަމަށާއި ތަޤްވާވެރިކަމަކީ މާބޮޑު ނިޢްމަތެއް ކަމަށެވެ.

އެގޮތަށް އެކަން މެދުވެރި ނުވާނެކަމަށް ދެންނެވުމުން އިތުރު މާތް ނަބިއްޔާ މުޙައްމަދު (ޞޢވ) އޭނާއަށްޓަކައި ދުޢާކޮށްދެއްވެވިއެވެ.

ދުޢާކޮށްދެއްވެވުމުން އޭނާގެ މަސައްކަތުގައި ﷲ ތަޢާލާ ބަރަކާތް ލައްވަވައި ތަނަވަސްކަން ދެއްވެވުމުން އަޅުކަމާއި ދުރުހެލިވިއެވެ. ނަމާދުކުރުން މަދުވެ ދުވާލަކު އެންމެ ނަމާދަކަށް މަދުވިއެވެ. ދެން ކޮންމެ ހުކުރަކަށް ބަދަލުވިއެވެ. ދެން ޢީދަށް އެކަނި ބަދަލުވިއެވެ. ދުވަސްކޮޅަކުން އެކަންވެސް ހަނދާންނެތިގެން ދިއައެވެ.

ތަނަވަސްކަން ބޮޑަށް ލިބުމުން ތަނަވަސްކަން ދެއްވެވީ ﷲ ތަޢާލާކަންވެސް ގިނަ ބައަކު ހަނދާނެއް ނުހުރެއެވެ. އެމީހުންނަށް ޤަބޫލުކުރެވެނީ އެއީ އޭނާގެ މޮޅުކަމުން ހޯދުނު ނުވަތަ މައިން ބަފައިންގެ ކިބައިން ވާރުތަވީ ތަނަވަސްކަން ކަމަށެވެ.

މުއްސަނދިކަމާއި ތަނަވަސްކަމަކީ ކިތަންމެ ވަރަކަށް ލިބުނު ނަމަވެސް އިންސާނާގެ ހިތް ފުރޭ ކަންކަމެއް ނޫނެވެ. އެހެންކަމުން މުއްސަނދި މީހަކަށް ނުވަތަ ތަނަވަސް މީހަކަށް ވުމަށް އެދި ދުޢާ ކުރުމެއް ނެތެވެ. އެމީހަކު ބޭނުންވާ ކަމެއް ނުފުދި އޮތް ނަމަ އެބޭނުމެއް ފުއްދަވައި ދެއްވެވުން އެދި ދުޢާކުރުމަށްވުރެ އިތުރަށް ތަނަވަސް ކަމަށް އެދުމެއް ނެތެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ﷲ ތަޢާލާ މީސްތަކުންނަށް ތަނަވަސްކަން މިންވަރު ކުރައްވަވަނީ އިމްތިޙާނުކުރެއްވެވުމަށްޓަކައެވެ. ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ ވަރަށް ނިކަމެތި ހާލުގައި ދުނިޔޭގައި އުޅެމުންދާތަންވެސް ފެންނާނެއެވެ. ނަބީބޭކަލުންނާއި ރަސޫލުބޭކަލުންގެ ސިޔަރަތަށް ބެލުމުން ވެސް މިކަންކަން ފެނިގެންދާނީ ހަމަ މިގޮތަށެވެ.

ﷲ ތަޢާލާ މީހަކަށް މުއްސަނދިކަން ދެއްވެވުމުން އެކަމުގެ ސަބަބުން އެމީހަކު ގެއްލެނިވެގެން ދިއުމަކީ މެދުވެރިވެގެންވާނެ ގޮތެއް ނޫނެވެ. މި ސަބަބަށްޓަކައިވެސް ބައެއް މީހުންނަށް ތަނަވަސްކަން މިންވަރު ނުކުރައްވަވާކަން އެނގެން އެބައޮތެވެ. އެހެންވީމާ ތަނަވަސްކަމުގައި އުޅޭ އެންމެންނަކީ ﷲ ތަޢާލާ އެންމެ ލޯބިފުޅުވެވޮޑިގެންވާ ބައެއް ކަމަށް ޤަބޫލުކުރުމެއް ނެތެވެ. އެމީހުންގެ ކުރިމަތީގައި އޮތީ ވަރަށް ވަރުގަދަ އިމްތިޙާނެކެވެ.

މިކަން ސާބިތުވެގެންދާ ހާދިސާއެއްވެސް ހާމަކޮށްލާނަމެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) މީސްތަކުންނަށް ފައިސާ ބެއްސެވި ދުވަހެކެވެ. އެތަނުގައި ހުންނެވި އެއް ބޭކަލަކަށް ނުދެއްވެވުމުން އޭނާއަށް ދެއްވެވުން އެދިވަޑައިގެން ޞަހާބީއަކު ދެންނެވިއެވެ. އަދި އެގޮތަށް 3 ވަނަ ފަހަރަށް ދެންނެވުމުން އިތުރު މާތް ނަބިއްޔާ (ޞޢވ) ޙަދީޘްފުޅު ކުރެއްވެވިއެވެ. "އެމީހަކަށް ތަނަވަސްކަން ލިބުމުން ނުވަތަ ފައިސާ ލިބުމުން އެފައިސާގެ ސަބަބުން އެމީހަކު ނަރަކައަށް ހިނގައިދާނެ ކަމުގެ ބިރުފުޅަށް ބައެއް މީހުންނަށް ފައިސާއެއް ނުދެއްވަވަމެވެ. ތިމަން ރަސޫލާ އެމީހަކު ދެކެ ބޮޑަށް ލޯބިފުޅުވާ ބައެއް މީހުންނަށް ފައިސާ އެއް ނުދެއްވަވަމެވެ.

މީގެމާނައަކީ ފައިސާ އަތަށް އެރުމުން އެފައިސާއިން ޙަރާމް ކަންކަން ކޮށްފާނެކަމުގެ ބިރު އޮންނަ މީހުންނަށް ތަނަވަސްކަން ދެއްވަވަން އިތުރު މާތް ނަބިއްޔާ ބޭނުންފުޅު ނުވާ ކަމެވެ.

- ލަވް އިސްލާމްގެ ދަރުސަކުން
މިއަދު އޮންލައިން