وَلَا الضَّالِّينَ އަށް އޮޓޮމެޓިކުން އާމީން ކިޔޭ މީހުންގެ ނަމާދު ފުރިހަމައެއް ނުވާނެ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
وَلَا الضَّالِّينَ އަށް އޮޓޮމެޓިކުން އާމީން ކިޔޭ މީހުންގެ ނަމާދު ފުރިހަމައެއް ނުވާނެ: މުފްތީ މެންކް
މިރޯދަމަހު މިސްކިތުން ފެނުނު މަންޒަރެކެވެ. އެއިރު ޖަމާއަތުގައި ނަމާދުކޮށް ނިމިއްޖެއެވެ. ބައެއް ތިބީ ކީރިތި ޤްރްއާން ކިޔަވާށެވެ. ކުޑަކޮށް ނިދިޖެހިފައި ތިބި ބައަކުވެސް ތިއްބެވެ.

ކީރިތި ޤްރްއާން ތަންކޮޅެއް ބާރަށް ކިޔަވަމުންދިއަ މީހަކު "وَلَا الضَّالِّينَ" ކީއިރަށް ކައިރީގައި ނިދިޖެހިފައި ތިބި ބައެއް ސިއްސައިގެން ގޮސްފައި ފަހަތުން "އާމީން" ކިޔެވެ. އެހެން އެވީ އެމީހުންނަކީ "ވަލައްޟާއްލީން"ގެ އަޑު އިވިއްޖެނަމަ "އާމީން" ކިޔަން އާދަވެފައި ތިބި ބައަކަށް ވާތީއެވެ.

މިފަދަ މީހުންނަކީ ނަމާދަށް ތިބޭއިރު ވެސް ކޮންމެހެން ކިޔަވާ އެއްޗަކަށް ވިސްނައިގެން އާމީން ކިޔާ ބައެއް ނޫނެވެ. އިމާމް މީހާ އަލްޙަމްދު ކިޔަވާއިރު ރަނގަޅަށް އަޑުވެސް އަހާ ބައެއް ނޫނެވެ.

މީސްތަކުންނޭވެ. އެގޮތަށް ކުރާ ނަމާދަކީ ކަމުދާ ނަމާދެއް ކަމަކަށް ނުބުނާނަމެވެ. އެހެނީ ނަމާދަކީ ﷲ ތަޢާލާ އާއި ތިމާ އާއި ސީދާ ގުޅުވައިލެވޭ ގުޅުވައިލުމެކެވެ. ނަމާދުގައި އަހަރެމެން ކިޔާތަކެތި، ކުރާ ޛިކުރުތަކާ ކިޔާ ތަޞްބީޙަތައް ﷲ ތަޢާލާ އައްސަވައިވޮޑިގެންވެއެވެ. ދަންނަވާ ދެންެނެވުންތަކަށް ވަގުތުން ޖަވާބުވެސް ދެއްވަވައެވެ.

މީގެ ކުރީގެ ދަރުސެއްގައި ވާނީ "އަލްޙަމްދު" ކިޔަވަމުންދާއިރު ވަގުތުން ﷲ ތަޢާލާ ބަސްފުޅު ވަހީކުރައްވަވާކަން ބަޔާންކޮށްދީފައެވެ. ވިސްނާށެވެ. ތިބާއަށް ކިޔެނީ ކީކޭކަން ނުއެނގި ކިޔާ ކިޔުންތަކުގައި އިޚްލާޞްތެރިވެވޭނެ ހެއްޔެވެ؟ އިޚްލާޞްތެރި ނުވެވޭނެ ނަމަ ﷲ ތާޢާލާ އިޖާބަ ދެއްވަވާނެ ހެއްޔެވެ؟ މިހިރީ ހައްތާވެސް އުފެދޭ ސުވާލުތަކެވެ.

ވީމާ ތިމާ ކުރާ ނަމާދަކީ ފުރިހަމަ ނަމާދަކަށް ހެދުމަށްޓަކައި އެންމެ ކުޑަމިނުން ނަމާދުގައި ކިޔާތަކެތީގެ މާނަ އެނގެން ޖެހޭނެއެވެ. އަލްޙަމްދުގެ މާނަ އެނގެން ޖެހޭނެއެވެ. އާމީން މިކިޔަނީ ކޮން ދުޢާތަކެއް ކުރުމަށްފަހު އެދުޢާތައް އިޖާބަކޮށްދެއްވެވުންއެދިކަން އެނގެން ޖެހޭނެއެވެ.

ލޮބުވެތި އަޚުންނާ އުޚުތުންނޭވެ. އަހަރެންގެ އާދޭހަކީ ވީހައި އަވަހަކަށް ނަމާދުގައި ކިޔާ ތަކެތީގެ މާނަ އާއި އެންމެ ކުޑަމިނުން އަލްޙަމްދުގެ މާނަ ހިތުދަސް ކުރުމެވެ. އުމުރުން ވަކި ހިސާބަކަށް ދިއުމުން އެއީ ކުރަން އެހައި ފަސޭހަ ކަމަކަށްެވެސް ނުވެދާނެއެވެ. ނަމަވެސް މަސައްކަތް ކޮށްފިނަމަ ﷲ ތަޢާލާ ތައުފީޤް ދެއްވަވާނެއެވެ.

ކޮންމެ ކަމެއް ކުރަންވެސް ފަސޭހަވާނީ އެކަމެއް ޙާޞިލުކުރާނެ ދުވަހެއް ކަނޑައަޅައި އެދުވަހަކަށް އެކަން ކުރަން މަސައްކަތް ކުރުމުންނެވެ. ނޫންނަމަ އަބަދުވެސް އަންނާނީ މާދަމާ މަދަމާއެވެ. އެއީ ދުނިޔެ މިހެން އޮތްހައި ދުވަހަކު އައިސް ނިމޭނެ ދުވަހެއް ނޫނެވެ.

އޮޓޮމެޓިކް މެޝިނެއް ކަންކަން ކުރާ ފަދައިން ބާރު ސްޕީޑްގައި ނަމާދުކުރަން މީހުން ޝައުޤުވެރިވަނީ ނަމާދަށް ދެވޭ ޝައުޤުވެރިކަން ކުޑަވުމުންނެވެ. ގިނަ ފަހަރަށް ޝައުޤުވެރިކަން ކުޑަވަނީ ނަމާދުގައި ކިޔާ ތަކެތީގެ މާނަ ނުއެނގޭތީއެވެ. ނަމާދުގައި ކިޔާ ތަކެތީގެ މާނަ އެނގޭނަމަ މާނަ ހިތަށް ގެނެވޭނެއެވެ. މާނަ ހިތަށް ގެންނަމުން ނަމާދުކުރާނަމަ ނަމާދުގައި އިމާމް މީހާ ކުރާ ހަރަކާތްތައް ލަސްވެގެން ހަމައެކަކުވެސް ނުއުޅޭނެއެވެ.

- މުފްތީ މެންކުގެ ދަރުސަކުން -
މިއަދު އޮންލައިން