ނަމާދުގައި ޚުޝޫއަތްތެރިކަން އިތުރު ކުރެވޭނެ ވަރަށް ގިނަ ގޮތްތައް ހުރެއެވެ. އެންމެ ފުރަތަމަ ކަމަކީ އެކަމަށް އެދި ﷲ ތަޢާލާއަށް ގިނަގިނައިން ދުޢާކުރުމެވެ. ދުޢާ ކުރުމާއިއެކުވެސް ކުރަންޖެހޭ ކަންތައްތައް ހުރެއެވެ. އެކަމަށް މަސައްކަތްކުރަންވެސް ޖެހެއެވެ.
ނަމާދަށް ޙަރަމްބަނުމާއިއެކު ޝައިޠާނުންތައް އައިސް ކުރަންވެފައި ހުންނަ ކަންކަން ހަނދާންކޮށްދޭކަން އެންމެންނަށްެ ވެސް އެނގެއެވެ. ލޯބިވެރިޔާގެ މަތިންވެސް ހަނދާންކޮށްދޭނެއެވެ. އެހެންކަމުން އެކަންކަމުން ސަލާމަތްވުމަށް ގަދައަލައި މަސައްކަތްކުރަންޖެހެއެވެ.
މިހާރަކަށް އައިސް ކޮންމެ މީހަކީވެސް ވަރަސް ގިނަ މަސްއޫލިއްޔަތުތައް އުފުލާ މީހެކެވެ. ކުރަންޖެހިފައި ހުންނަ ބައިވަރު ކަންތައްތައް ހުންނަ މީހެކެވެ.
މިސާލަކަށް ތިބާ ކުރަންޖެހޭ، ނަމަވެސް އަދި ނުކުރެވި 20 ވަރަކަށް ކަންތައް އޮވެދާނެއެވެ. އެކަންތައްތައް ނޯޓް ކުރާށެވެ. މިޒަމާނުގައި ނޯޓުކުރުމަކީ އެހައި އުނދަގޫ ކަމެއްވެސް ނޫނެވެ. ގެންގުޅޭ ފޯނުގައިވެސް އެކަން ކުރެވެން ހުރެއެވެ.
ކުރަންޖެހޭ ކަންކަން ނޯޓުކޮށްފައި ބެހެއްޓުމުން ސިކުނޑިއަށް ހުސްކަމާ ތާޒާކަން ލިބޭނެއެވެ. ނޫންނަމަ ނުވެ ހުރިކަންކަން ހަނދާނުން ފިލައިފާނެތީ އަބަދުވެސް ވިސްނޭނެއެވެ. އެކަންވާނީ ސިކުނޑިއަށް އުފުލަންޖެހޭ ވަރަށް ބޮޑު ތަކުލީފަކަށެވެ. ނަތީޖާއެއްގެ ގޮތުން ނަމާދުގައި ހުންނައިރުވެސް ވިސްނޭނެއެވެ.
މިއީ ތަޖުރިބާ ކުރެވިފައިވާ ކަމެކެވެ. ކުރެވިފައިވާ ދިރާސާތަކުން މިކަން ހާމަވެއެވެ. ކުރަންޖެހޭ ކަންކަން ނޯޓުކޮށްފައި ބަހައްޓާ މީހުންގެ ސިކުނޑިއަށް ލުއިކަން އިތުރެވެ. އެހެންކަމުން ނަމާދުގައި އެމީހާ ހުންނައިރު ޚުޝޫއަތްތެރިކަން އިތުރުކުރުމުގެ ފުރުޞަތު ބޮޑުވެގެންދެއެވެ. އަޅެ ނިކަން އަޖުމަ ބަލައިލަބާށެވެ!
- ނަމާދުގައި ޚުޝޫއަތްތެރިކަން އިތުރުކުރެވޭނެ ގޮތަކާއިމެދު މީހަކު މުފްތީ މެންކާއި ކުރި ސުވާލަކަށް ދީފައިވާ ޖަވާބެއް!