ފަތިސް ނަމާދާ މެންދުރު ނަމާދުގެ ސަބަބުން ލިބޭ ޢާއިލީ ބައެއް ފައިދާ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 29ސ
ފަތިސް ނަމާދާ މެންދުރު ނަމާދުގެ ސަބަބުން ލިބޭ ޢާއިލީ ބައެއް ފައިދާ!: މުފްތީ މެންކް
ﷲ ތައާލާ އަންގަވާފައިވަނީ އަވަހަށް ނިދުމަށާއި ފަތިހު ހޭލުމަށެވެ. އިސްލާމް ދީން ޤަބޫލު ނުކުރާ ޑޮކްޓަރުންވެސް ހިމެނޭ ގޮތުން މިއަދުގެ ޑޮކްޓަރުންވެސް އަންގަނީ ހަމަ މިގޮތަށް ކަންތައް ކުރުމަށެވެ. ވީމާ މުސްލިމަކަށްވެ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އަމަލުކުރުމުން އެދަނީ ޞިއްޙީ ގޮތުން ލިބެންޖެހޭ ފައިދާތައް ލިބެމުންނެވެ.

މެންދުރުވަންދެން ނިދަން އޮންނަ މީހަކަށް އެމިހާ ދިރިއުޅެން ކުރަންޖެހޭ މަސައްކަތްތަކެއްވެސް ފުރިހަމައަކަށް ނުލިބޭނެއެވެ. ވިޔާފާރިން ލިބެންޖެހޭ ފުރިހަމަ ނަފާއެއް ވެސް ނުހޯދޭނެއެވެ. ނަމަވެސް ތިބާ ފަތިހު ތެދުވެ ނަމާދުކޮށް ޛިކުރުކޮށްގެން މަސައްކަތަށް ފަށާނަމަ ދުވަހުގެ ފައިދާ ދާނީ ތިބާއަށް ލިބެމުންނެވެ. އަދި ތިބާ އެގޮތަށް އަމަލުކުރާނަމަ ތިބާގެ ދަރިންވެސް ދާނީ ހަމަ އެގޮތުގައި ތަރުބިއްޔަތުވަމުންނެވެ.

މިއަދު ޢާއިލާތަކުން އެންމެ ބޮޑަށް ކަންބޮޑުވާ އެއްކަމަކީ ޢާއިލާތައް އެކުގައި ވަގުތު ހޭދަ ނުކުރެވުމުގެ މައްސަލައެވެ. އެންމެން ފަތިހު ތެދުވާނަމަ އެންމެ ކުޑަމިނުން ހެނދުނުގެ ސައި އެންމެން އެކުގައި ބުއިމުގެ މަގުފަހިވާނެއެވެ. ޢާއިލާގައި ބަލިމީހެއް ހުރިނަމަ އެމީހެއްގެ ޙާލު އެންމެންނަށް އެނގޭނެއެވެ. މުސީބާތެއް ކުރިމަތިވެފައި ހުރި މީހަކު ހުރިނަމަ އެކަން ހިއްސާ ކުރެވޭނެއެވެ. ހިއްޞާ ކުރުމުން، ބަލިވެ އުޅޭކަން އެނގުމުން އެންމެ ކުޑަމިނުން އެމީހަކަށްޓަކައި އެންމެން އެކުގައި ތިބެގެން ހެޔޮ ދުޢާ ކުރެވޭނެއެވެ. ޢާއިލާގެ ގުޅުން ބަދަހިކުރުމަށް މިކަންކަން މިއީ ރަނުގެ ފުރުޞަތަކަށް ނުވާނެ ހެއްޔެވެ؟

ދެން އޮތީ މެންދުރު ނަމާދެވެ. މެންދުރު ނަމާދު ވަގުތު މިވަނީ މެންދުރު ވުމުންނެވެ. ނިކަން ވިސްނައިބަލާށެވެ. އެވަގުތަކީ މެންދުރު ކެއުމުގެ ވަގުތެވެ. އަނެއްކާވެސް އެންމެން އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލަން ލިބޭ ފުރުޞަތެކެވެ. ހަމަ އެއާއިއެކު އެ ވަގުތާއި ހަމައަށް މަސައްކަތްކުރުމުން ހަށިގަނޑަށް ލިބިފައިވާ ވަރުބަލިކަން ފިލުވައިލަންވެސް ލިބޭ ރަނުގެ ފުރުޞަތެކެވެ. މެންދުރު ކުޑަ ވަގުތުކޮޅަކަށް އަރާމުކޮށްލުމަކީ ވެސް ހަށިގަނޑަށް ވަރަށް ފައިދާހުރި ކަމެއް ކަމަށް ވެސް ޑޮކްޓަރުން އެދަނީ ބުނަމުންނެވެ.

މިކަންކަމުން އެނގެނީ މީސްތަކުންނަށް އެންމެ ފައިދާހުރި ގޮތުގައި ހުރިހާ ކަމެއްވެސް އޮތީ އިސްލާމް ދީނުގައި ކަމެވެ. އެފައިދާތައް ހާޞިލުކުރުމަކީ މުސްލިމުން ކުރަންޖެހޭނެ ކަމެކެވެ. އަދި އެވަރުން ނިމެނީއެއްވެސް ނޫނެވެ. މިކަންކަމަކީ މިއަދު ކާފަރުންވެސް ހެކިވަމުން އަންނަ ކަންކަމެވެ.

މީސްތަކުންނޭވެ! ﷲ ތަޢާލާ އަހަރެމެންނަށް ކުރަން އަންގަވާފައިވާ ކޮންމެ ކަމަކުން ލިބޭނީ ހަމައެކަނި ރޫޙާނީ ފައިދާއެއް ނޫނެވެ. ޞިއްޙީ ފައިދާތައްވެސް ދާނީ ލިބެމުންނެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.

ނަމާދުން ލިބެމުންދާ ޞިއްޙީ ފައިދާތަކުގެ ވާހަކަތައް އަބަދުވެސް މިދަނީ އަޑު އިވެމުންނެވެ. މިއަދު އަލިއަޅުވައި މިލީ ހަމަައެކަނި މެންދުރު ނަމާދާއި ފަތިސް ނަމާދާއި ނަމާދުން ލިބޭ ޢާއިލީ ބައެއް ފައިދާތަކުގެ މައްޗަށެވެ. ހަމަ ކޮންމެ މުސްލިމަކުވެސް ވިސްނައިލުމުން ފައިދާ ކުރާނެއެވެ. އަދި އެހެން ދީނެއްގެ މީހަކު ވިސްނި ނަމަވެސް އިސްލާމް ދީނުގެ މަތިވެރިކަމާއި ފުރިހަމަކަން އެނގިގެންދާނެއެވެ. އެކަންކަން އެނގިގެން އިސްލާމް ދީން ޤަބޫލުކުރާ މީހުން ވެސް މަދެއް ނޫނެވެ!

- މުފްތީ މެންކުގެ ދަރުސަކުން -
މިއަދު އޮންލައިން