ރަސޫލުބޭކަލުން ކުރެއްވެވި ޖިހާދުން ކަމަރު ނުބަނދެ އިސްލާމް ދީނާ ދެކޮޅަށް އޮއްސަމުން ގެންދާ ބޮންތަކުން ޢާއިލާ ސަލާމަތެއް ނުކުރެވޭނެ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 51ސ
ރަސޫލުބޭކަލުން ކުރެއްވެވި ޖިހާދުން ކަމަރު ނުބަނދެ އިސްލާމް ދީނާ ދެކޮޅަށް އޮއްސަމުން ގެންދާ ބޮންތަކުން ޢާއިލާ ސަލާމަތެއް ނުކުރެވޭނެ: މުފްތީ މެންކް
މުސްލިމުން މިއަދު ﷲ ތަޢާލާ ރުއްސަވާ ގޮތަށް އުޅުމަށާއި ހެދުން އެޅުމަށް ފަސްޖެހޭތަން އެބައާދެއެވެ. ޙިޖާބަ އަޅައި ނިވާވަން ފަސްޖެހޭތަން އެބައާދެއެވެ. ބައަކު ބުނެފާނެ ބަހަކަށްޓަކައެވެ. ނުވަތަ ބައަކު ކޮށްފާނެ ފުރައްސާރައަކަށްޓަކައެވެ.

މީސްތަކުންނޭވެ! އެގޮތަށް އަމަލުކުރެވޭނަމަ އެހެދެނީ ވަރަށް ބޮޑު ގޯހެކެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ މުޅި ސިޔަރަތު ދިރާސާކުރާށެވެ. އެހެން ރަސޫލު ބޭކަލުންގެ ސިޔަރަތުވެސް ދިރާސާ ކުރާށެވެ. މީހަކު ބުނެފާނެ ބަހަކަށް ނުވަތަ ކޮށްފާނެ ފުރައްސާރައަކަށް ބައްލަވައި ހަމަ މިލިމީޓަރެއްވެސް ފަހަތަށް ޖެހިވަޑައިގެންފައެއް ނުވެއެވެ. ވީއިރު މިއަދު އަޅުގަނޑުމެން ހަމަ އެކަކުވެސް ފަސްޖެހިގެން ނުވާނެއެވެ.

ކީރިތި ޤްރްއާނުގައި މާކުރީގެ ރަސޫލު ބޭކަލުންގެ ސިޔަރަތު ބަޔާންކޮށްދެއްވަވާފައި އެވަނީ ކިޔައި ދަސްކުރުމަށެވެ. އަޅުގަނޑުމެންވެސް އެ ގޮތްތަކަށް އަމަލުކުރަން ޖެހޭނެތީއެވެ. މީގެ އިތުރުން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ރަސޫލު ބޭކަލުންނާއި ނަބީބޭކަލުންނާއި އަދި ކުރިން އުޅުނު ތަޤްވާވެރި މާތް ބޭކަލުންގެ ސިޔަރަތު ހަދީޘްފުޅު ކުރެއްވެވީ ވެސް ހަމަ އެ މަޤްޞަދުގައި ކަމަށް ޤަބޫލުކުރަމެވެ.

ރަސޫލުބޭކަލުންގެ ސިޔަރަތު ވާހަކަތަކެއްގެ ގޮތުގައި ދަރިންނަށް ކިޔައި ދެވިދާނެއެވެ. ނަމަވެސް އެއީ ހަމައެކަނި ކިޔައިލެވޭ ފުލޯކު ވާހަކައަކަށް ހަދައި އެ ހިސާބުން ދޫކޮށް ނުލާށެވެ. އެ ރީތި ވާހަކަތަކުން ލިބޭ ޢިބްރަތްތައް ޙާޞިލުކުރާށެވެ. ޚާއްޞަކޮށް އަމަލުކުރާ ބައަކަށްވާށެވެ.

މިސާލަކަށް ނޫޙުގެފާނުގެ ސިޔަރަތަށް ބަލައިފިނަމަ ފެންނާނީ 950 އަށްވުރެ ގިނަ އަހަރު ދީނަށް ގޮވާލެއްވުންމަތީގައި ސާބިތުވެ ހުންނެވި ކަމެވެ. ވަރަށް މަދު މީހަކު ނޫނީ އެކަލޭގެފާނުގެ ބަސްފުޅު ޤަބޫލުކޮށް ﷲ ތަޢާލާއަށް އީމާން ނުވި ކަމެވެ. ދެން ﷲ ތަޢާލާގެ އަމުރުފުޅަށް ނައުކޮޅެއް ބަންނަވައި މަދުމީސްކޮޅާއިއެކު ސަލާމަތްވެވަޑައިގެންނެވިކަމެވެ. އީމާން ނުވި އެންމެން ޣަރަޤްވީކަމެވެ. އަދި އެއަށްފަހު ނޫޙުގެފާނާއި ނޫޙުގެފާނު އަރިއަހުގައި ތިބި އެންމެން ސަލާމަތްވެ އުފަލުގައި ދުނިޔޭގައި އުޅުނު ކަމުގެ ވާހަކައެވެ.

މިވަރަކުން އަދި ނުފުދެއެވެ. ޙާޞިލުކުރަންޖެހޭ ޢިބްރަތްތައް ވަރަށް ގިނައެވެ. ބިރުގަންނަން ޖެހޭ ކަންކަން އެހައިމެ ގިނައެވެ. ގަންނަން ޖެހޭ ބިރުވެސް ހަމަ އެހައިމެ ބޮޑެވެ. އެހެނީ އެވާހަކައިން ލިބޭ އެންމެ ބޮޑު އެއް ޢިބްރަތަކީ ﷲ ތަޢާލާއަށް އީމާންނުވާނަމަ، ﷲ ތަޢާލާއަށް އަޅުކަން ނުކުރާނަމަ ހަމަ ކޮންމެ ބައަކުވެސް ޣަރަޤްކުރައްވަވައިފާނެ ކަމެވެ. ނުވަތަ އެނޫންވެސް ކޯފާއެއް ފޮނުއްވަވައި އެބައަކު ނައްތަވައިލައްވަވައިފާނެ ކަމެވެ. ދަރިންނަށް މި ޢިބްރަތް ދަސްކޮށްދޭން އެބަޖެހެއެވެ. ދަރިން ހޭލުންތެރިކުރުވަން އެބަޖެހެއެވެ.

އަދިވެސް ވިސްނާށެވެ. ނޫހުގެފާނު ދީނަށް ގޮވައިލެއްވުންމަތީގައި މަދުވެގެން 950 އަހަރު ސާބިތުކަންމަތީގައި ދެމިހުންނެވިއެވެ. ވީމާ އަޅުގަނޑުމެންނަކީވެސް އެފަދަ ސާބިތުކަން ހުރި ބައަކަށް ވާންޖެހެއެވެ. ހަމަ އެ ސާބިތުކަންމަތީގައި ދީނަށް ގޮވާލުންމަތީގައި ދެމިތިބެން އެބަޖެހެއެވެ. ބައަކު އިޖާބަ ނުދިނުމުން މާޔޫސްވާކަށް ނުޖެހެއެވެ.

މިއަދު ދީނަށް ގޮވާލަންޖެހިފައިވަނީ ހަމައެކަނި ކާފަރުންނަކަށް ނޫނެވެ. އަމިއްލަ ޢާއިލާތަކަށްވެސް މިވަނީ ދީނަށް ގޮވާލަންޖެހިފައެވެ. އަނބިދަރިންނަށްވެސް މެއެވެ. ހަނގުރާމައެއްގައި ބޮން އަޅާފަދައިން ޓީވީތަކުންނާއި ސޯޝަލް މީޑިއާތަކުގައި އެގެންދަނީ އިސްލާމް ދީނަށް ބޮންތައް އޮއްސަމުންނެވެ. އެ އޮއްސާ ބުންތަކުން ތިމާ ސަލާމަތްވެ ހުރުމާއެކު އަމިއްލަ ޢާއިލާތައް ވެސް ސަލާމަތްކުރަންޖެހޭނެއެވެ.

އަމިއްލަ ޢާއިލާ ތެރޭގައި ހާލަތު މިހެން ހުރިއިރު މުޖުތަމައުތަކުގައި ކަންކަން ހުންނާނެ ގޮތާއިމެދު ފުންކޮށް ވިސްނާށެވެ. ހޭލުންތެރިވާށެވެ.
ކެތްތެރިކަމާއިއެކު ސާބިތުވެ ހުރެ ﷲ ތަޢާލާގެ ދީނަށް ނަޞްރު ދިނުންމަތީގައި ދެމިހުންނާށެވެ. ނޫނީ ހަމަ އެއްވެސް ސަލާމަތްކަމެއް ނެތެވެ.

- މުފްތީ މެންކުގެ ދަރުސަކުން -
މިއަދު އޮންލައިން