މަރަށް ތައްޔާރަށް ހުންނަން ބޭނުން މީހާއަށް މަގެއް: އަހަރަކު 55.3 މިލިއަން، ގަޑިއަކު 6،316 މީހުން މަރުވޭ - ތިބާ ހުރީ ތައްޔާރަށްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
މަރަށް ތައްޔާރަށް ހުންނަން ބޭނުން މީހާއަށް މަގެއް: އަހަރަކު 55.3 މިލިއަން، ގަޑިއަކު 6،316 މީހުން މަރުވޭ - ތިބާ ހުރީ ތައްޔާރަށްތަ؟
ނަރަކައަށް ދާންޖެހިއްޖެނަމަ އެ ގަދަފަދަ އަޒާބުގައި ހޭދަކުރަންޖެހޭނީ ކިތައް ބިލިއަން އަހަރުކަން އެނގޭ ހަމައެކަކުވެސް ނެތެވެ. ޤިޔާމަތް ދުވަހުގެ ދުވަހަކީ މިދުނިޔޭގެ ކިތަށް ދުވަސްކަން ވެސް ޔަޤީންކަމާއިއެކު ބުނެވޭކަށް ނެތެވެ.

ތިބާ އަކީ ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކޮށްގެންހުރި މީހަކަށްވާތީ ކޮންމެވެސް ދުވަހަކުން ނަރަކައިން ﷲ ތަޢާލާ ތިބާ ސަލާމަތްކުރައްވަވާނެއެވެ. އެމީހެއްގެ ހިތުގައި ޒައްރެއްގެ މިންވަރަށް ވެސް އީމާންކަން އޮތް ނަމަ އެމީހަކު ނަރަކައިން ސަލާމަތް ކުރައްވަވާނެއެވެ. ނުއެނގެނީ އެކަން ހިނގާނީ ކިތައް ބިލިއަން އަހަރު ފަހުންކަމެވެ.

ކުއްލި މަރުތައް މިދަނީ އިތުރުވަމުންނެވެ. އެކްސިޑެންޓްތަކާއި ކާރިސާތަކުގައި މަރުވާ މީހުންގެ އަދަދު މިދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. ތަފާސް ހިސާބުތަކަށް ބަލައިފިނަމަ އަހަރަކު 55.3 މިލިއަން މީހުން މަރުވެއެވެ. ގަޑިއަކު 6،316 މީހުން މަރުވެއެވެ. ތަފާތު ބަލިތަކުގައެވެ. ތަފާތުު ހާދިސާތަކުގައެވެ.

ސުވާލަކީ ތިބާއަށް ވެސް މިފަދަ ހުރިހާ ކަންކަން އެނގޭއިރުވެސް ތިބާ ހުރީ މަރަށް ތައްޔާރަށް ހެއްޔެވެ؟ މަރުގެ މަލާއިކަތާ ހަމަ މިވަގުތުވެސް މަރު ހިއްޕަވަން ވަޑައިގެންފާނެ ކަމަށް ތައްޔާރުވެގެން ހެއްޔެވެ؟

ވަރަށް ރަނގަޅަށް ވިސްނާށެވެ! އަހަރަކު 55.3 މިލިއަން މީހުން މަރުވާއިރު ގަޑިއަކު 6،316 މީހުން މަރުވާއިރު މަރުނުވެ ތިބާ ހުރިކަން އެއީ ތިބާއަށް ﷲ ތަޢާލާ ދެއްވެވި އެންމެ ބޮޑު އެއް ނިޢްމަތަކީ މިއަދު މަރުވި މީހުންގެ ތެރޭގައިވެސް ތިބާ ނުހިމެނި ދުނިޔޭގައި ތިބާ ލެހެއްޓެވިކަމެވެ.

ޝުކުރުވެރިވާށެވެ! ޝުކުރުވެރިވުމަކީ ﷲ ތައާލާ އަންގަވާފައިވާ ގޮތަށް އަމަލުކުރުމެވެ. ތިބާ ދުނިޔޭގައި ލެއްވެވީ ތިބާ ބޭނުންހައި ގޮތަކަށް އުޅޭކަށް ނޫނެވެ! ﷲ ތަޢާލާ އަންގަވާފައި ގޮތުގައި އުޅޭށެވެ. އެނޫން ގޮތަކަށް އުޅުމުގެ އިޚްތިޔާރު އެއްވެސް މީހަކަށް ދެއްވަވާފައެއް ނުވެއެވެ. އެނޫން ގޮަތަކަށް އަމަލުކުރާނަމަ އެދެވެނީ ނަރަކަ އާއި ގާތްވެވެމުންނެވެ.

ޝައިޠާނާގެ ކިބައިން ސަލާމަތް ވެވި ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ސާބިތުވެހުންނަން އެދޭނަމަ އެމީހަކު ކުރަން އެންމެ މުހިންމު އެއް ކަމަކީ ގިނަގިނައިން މަރު ހަނދާންކުރުމެވެ. މަރަށް އެންމެ ފުރިހަމަ ގޮތުގައި ތައްޔާރުވެވޭނީ ގިނަގިނައިން މަރު ހަނދާންކުރާ މީހުންނަށެވެ. މިއީ ވަރަށް ސާފުކޮށް އެނގެން އޮތް ކަމެކެވެ.

އަބަދުވެސް ހިތުގައި ބާއްވާށެވެ! ކޮންމެ ވަގުތަކުވެސް މަރުވެދާނެއެވެ! ވީމާ ފާފަތައް ހިފައިގެން ދާންޖެހިއްޖެނަމަ މަރުވާވަގުތުން ފެށިގެން ސަލާމަތްކަމެއް ނެތެވެ. ކުރިމަތިލާންޖެހޭނީ ގަދަފަދަ އަޒާބާއިއެވެ. އަދިވެސް ބުނަންހެއްޔެވެ! ޝައިޠާނާއަށް ނޫނެކެވެ ބުނުމުގެ ހިތްވަރު ހޯދަން ބޭނުން މީހާއަށް ވެސް ކުރަން އޮތް އެންމެ މުހިންމު އެއް ކަމަކީ ގިނަގިނައިން މަރު ހަނދާންކުރުމެވެ. ގިނަގިނައިން މަރު ހަނދާންކުރާ މީހާއަށް އަބަދުވެސް ދާނީ އެ ހިއްވަރު ލިބެމުންނެވެ!

ދުޢާއަކީ އަހަރެމެން އެންމެންނަކީ ވެސް ގިނަގިނައިން މަރުހަނދާންކުރާ ބައެއް ކަމުގައި ލެއްވެވުމެވެ!

- ލަވް އިސްލާމްގެ ދަރުސަކުން -
މިއަދު އޮންލައިން