"އަހަރެން ކަލޭ ސުވަރުގެއިން ދެކެން ވެސް ބޭނުމެއް ނޫން." ކަމަށް ބައެއް މީހުން ބުނެއެވެ. މީގެ ތެރޭގައި ތިމާގެ އަނބިން، ފިރިންވެސް ހިމެނެއެވެ. މީހަކު ދެކެ ރުޅި އައުމުން އެމީހާއަށް ސުވަރުގެ ނުދެއްވުމަށްވެސް އެދެއެވެ.
މިއީ އެއްވެސް ހާލެއްގައި މިކަން އޮންނަން ޖެހޭނެ ގޮތެއް ނޫނެވެ. ފުރަތަމަ ކަމަކީ ތިމާއަށް ސުވަރުގެ ލިބޭނެ ކަމުގެ ޔަޤީންކަން ނެތުމެވެ. ދެވަނަ ކަމަކީ ސުވަރުގެ ލިބިއްޖެ މީހަކު ބޭނުން ނުވާ އެއްވެސް ކަމެއް އެމީހަކަށް މެދުވެރި ނުވާނެ ކަމެވެ. މުޅިންވެސް މެދުވެރިވާނީ އެމީހާ އެދޭ ކަންކަމެވެ. ވީމާ ބައްދަލުކުރަން ބޭނުން ނުވާ މީހަކާއި ބައްދަލެއްވެސް ނުވާނެއެވެ. ބައްދަލުވާނީ އެމީހާ ބައްދަލުކުރަން އެދޭ މީހަކާއެވެ.
މީހަކު ތިބާ އާއި މެދު ގޯސްކޮށް ކަންތައްތައް ކުރާނަމަ އެދެންވީ އެމީހާއަށް ސުވަރުގެ ނުލިބުމަކަށް ނޫނެވެ. އެދެންވީ ސުވަރުގެ ލިބުމަށެވެ. އެމީހަކަށް ސުވަރުގެ ނުދެއްވެވުން އެދި ދުޢާ ކުރުމުގެ ބަދަލުގައި ސުވަރުގެ ދެއްވެވުން އެދި ދުޢާ ކުރާށެވެ! އެހެނީ މީސްތަކުންނަށްޓަކައި ހެޔޮ ދުޢާ ކުރާ މީހާއަށް ހެޔޮ ރަޙްމަތް ލެއްވެވުން އެދިވަޑައިގެން މަލާއިކަތް ބޭކަލުން ދުޢާ ކުރައްވަވަތެވެ. ތިބާއަށްޓަކައި މަލާއިކަތުން ކުރައްވަވާނެ ހެޔޮ ދުޢާގެ ފައިދާ މާމަތިވެރިކަން އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ.
މީހަކު ރުޅިއައިސް ޒުވާބުކުރާނަމަވެސް އެދެންވީ އެމީހަކަށް ސުވަރުގެ ދެއްވެވުމަށެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ސުވަރުގެއަކީ އެއްވެސް މީހަކު ޒުވާބުކުރާނެ ތަނެއް ނޫންވީމައެވެ. ތިބާ އާއި އެމީހަކާއި ސުވަރުގެއިން ބައްދަލުވި ނަމަވެސް އެއްވެސް ޒުވާބެއް ނުކުރާނެތީއެވެ!
އެހެން މީހަކަށް ސުވަރުގެއިން ލިބޭނީ ކޮން ނިއުމަތްތަކެއް ކަމާއިމެދު ނުވިސްނާށެވެ! އެއިގެ ބަދަލުގައި ތިމާއަށް ސުވަރުގެ ލިބޭނެ ގޮތްތަކަށް ވިސްނައި އަމަލުކުރާށެވެ! އެހެނީ އެންމެ މުހިންމު ކަމަކީ ތިމާއަށް ސުވަރުގެ ލިބުމެވެ.
ވަރަށް ގިނައިން ސުވާލުކުރެއެވެ. އަންހެނުންނަށް ލިބޭނީ ކޮން ކަންތައްތަކެއްތޯއެވެ! ފިރިހެނުންނަށް ލިބޭނީ ކޮން ކަންތައްތަކެއްތޯއެވެ! މިއީ ހަމަ އެއްގޮތަކަށްވެސް ވިސްނަންވީ ކަންކަމެއް ނޫނެވެ. އަންހެނެއް ނަމަވެސް އަދި ފިރިހެނެއް ނަމަވެސް ސުވަރުގެ ވަދެވިއްޖެނަމަ އެމިހާ އެދޭ ހުރިހާ ކަމެއް އެމީހަކަށް ލިބިގެންދާނެއެވެ. ހަމަ އެކަކުވެސް ޒައްރެއްެގެ މިންވަރުގެ ކަމެއްގައިވެސް މާޔޫސްވެގެން އުޅޭކަށް ނުޖެހޭނެއެވެ!
- ލަވް އިސްލާމްގެ ދަރުސަކުން -