އަހަރުގެ އެންމެ މަތިވެރި 10 ދުވަސް ދާދި ގާތް ވެއްޖެ - ސަވާބު "ފުންޏެއް" ހޯދަން ތައްޔާރުވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
އަހަރުގެ އެންމެ މަތިވެރި 10 ދުވަސް ދާދި ގާތް ވެއްޖެ - ސަވާބު "ފުންޏެއް" ހޯދަން ތައްޔާރުވޭ!
ހަމަކަށަވަރުން އަހަރުގެ ހުރިހާ ދުވަހެއްގެ ތެރެއިން މާތް ﷲ ގެ ޙަޟްރަތުގައި އެންމެ އިތުރުކަން ބޮޑުވެގެންވަނީ ޙައްޖުމަހުގެ ފުރަތަމަ 10 ދުވަހެވެ. މިއީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވަވާފައިވާ ކަމެކެވެ.

އެންމެ ގިނަ ބައަކު އެއްތަނަކަށް އެއްވެ އެއްފަހަރާ ﷲ ތަޢާލާ މަތިވެރިކުރާ ޢަރަފާތު ދުވަހުގެ މާތްކަމުގެ ބޮޑުކަމާއި ހައްޖުގެ މަތިވެރި އަޅުކަން މިނޫން ދުވަސްވަރެއްގައި އަދާ ނުކުރެވޭނެކަން ސަބަބުތަކުގެތެރޭގައި ޢިލްމުވެރިން ފާހަގަކުރައްވަވައެވެ. ދުނިޔޭގެ ފެންވަރުގައި ބެލިނަމަވެސް އަޅުކަމެއް ކުރަން އެންމެ ގިނަ ބައަކު އެއްތަނަކަށް ޖަމާވަނީ ހައްޖުމަހުގެ ފުރަތަމަ 10 ދުވަހުއެވެ.

ތަފާތު ގިނަ ސަބަބުތަކަށްޓަކައި ޙައްޖުމަހުގެ ފުރަތަމަ 10 ދުވަހަށް މިހައި ބޮޑު ޚާއްޞަ ކަމެއް ލިބިފައިވާއިރު އެދުވަސްތަކުގައި ކުރާ އަޅުކަމުގެ ސަވާބުވެސް އެތައް ގުނައަކަށް އުފުލިގެންވާއިރު މިކަންކަމަށް ސަމާލުކަންދޭންޖެހޭނެއެވެ. ބޭނުން މީހަކަށް ފުރަތަމަ ދުވަހުން ފެށިގެން 9 ވަނަ ދުވަހާއި ހަމައަށް ރޯދައަށް ހުރެވިދާނެއެވެ. ނަމަވެސް އެއީ ލާޒިމުކަމެއް ނޫނެވެ. ބޭނުންނަނަ ދެދުވަހުން އެއް ދުވަހު ވެސް އަދި އެމީހަކަށް ކެރިކުޅަދާނަވީ މިންވަރަކުން ވެސް ރޯދަ ހިފިދާނެއެވެ.

މީސްތަކުންނޭވެ. ކެރިކުޅަދާނަ ނަމަ ކޮންމެ ދުވަހަކު ހައްޖާއި އުމުރާއެއްގެ ސަވާބުވެސް ހޯދިދާނެއެވެ. ކޮށްލަންޖެހޭ ކަމަކީ ޖަމާއަތުގައި ފަތިސް ނަމާދުކޮށްގެން މިސްކިތުގައި (އަންހެނަކު ނަމަ ގޭގައި) އިރު ބަމައަކަށް އަރަންދެން އަޅުކަންކުރުންމަތީގައި އިނުމާއިއެކު ޟުޙާނަމާދުކޮށްލުމެވެ.

ހައްޖު މަހުގެ ފުރަތަމަ 10 ދުވަހު އެހެނިހެން އަޅުކަން ކުރުންވެސް ގިނަކުރާށެވެ. ވީހައި ގިނައިން ސުންނަތް ނަމާދުތައް ކުރާށެވެ. ވީހައި ގިނައިން ޛިކުރުކުރާށެވެ. ވީހައި ގިނައިން ކީރިތި ޤްރްއާން ކިޔަވާށެވެ. ތަނަވަސްކަން ހުރި މިންވަރަކުން ޞަދަޤާތްކުރާށެވެ.

އަބަދުވެސް ވިސްނަންވާނީ މިއީ އެމީހަކާއި ބައްދަލުވާނެ އެންމެ ފަހުގެ މިފަދަ ދުވަސްތައް ކަމަށެވެ. އަންނަ އަހަރުގެ ހައްޖުމަހާއި ކުރިމަތިލެވޭނެ ކަމުގެ ޔަޤީންކަން ހަމައެކަކަށްވެސް ނުއޮންނާނެތީއެވެ!

- ޝައިޚް މުޢިއްޒު ބުޚާރީ މިރޭ ހާމަކުރެއްވި ދަރުސަކުން
މިއަދު އޮންލައިން