ޤިޔާމަތް ދުވަހު ހިސާބު ބެއްލެވުމުގައި ﷲ ތަޢާލާގެ މަގުގައި ހަނގުރާމަކޮށް، ޖިހާދުކޮށް، ޝަހީދުވެފައިވާ ޝަހީދުންނަށްވެސް މީހަކަށް އަނިޔާވެރިވެވިފައިވާނަމަ އެކަމަކަށާއި މާނައަކީ މީހެއްގެ ހައްޤަކަށް އަރައިގަނެވިފައިވާނަމަ އެކަމަކަށާއި ދަރަންޏެއް އޮތްނަމަ އެދަރަންޏަކަށް ޖަވާބުދާރީވާންޖެހޭނެއެވެ.
މިކަމުންވެސް އަންގައިދެނީ މިކަންކަމަށް އަހަރެމެން ސަމާލުވާންޖެހޭ މިންވަރެވެ. އެއްވެސް މީހަކަށް އަނިޔާވެރި ނުވުމާއި އެއްވެސް މީހެއްގެ ހައްޤަކަށް އަރައި ނުގަތުމާއި ދަރަނި އަދާކުރުމުގެ މުހިންމު ކަމެވެ. މިކަންކަމަކީ އެކަންކަމަށް ދޭންޖެހޭ ބަދަލު ނުދީ ޤިޔާމަތް ދުވަހު ސަލާމަތްވެވޭނެ ކަންކަމެއް ނޫނެވެ.
ހިތާމައަކީ މިކަންކަމަށް ދޭންޖެހޭ ސަމާލުކަން މިއަދު ނުދެވޭ ކަމެވެ. އަނިޔާއަކީ ހަމައެކަނި މީހެއްގެ ބޮލުގައި ދަގަނޑުބުރިއަކުން ޖެހުމެއް ނޫނެވެ. ކޮންމެ ސިފައެއްގައި ނަމަވެސް މީހެއްގެ ހައްޤަކަށް އަރައިގަތުުމަކީ އަނިޔާއެކެވެ. ތިމާ ބުނާ ބަހަކުން ނަމަވެސް އެހެން މީހަކަށް އަނިޔާއެއް، އަދަބެއް ލިބުމަކީވެސް މީހަކަށް ދެވޭ އަނިޔާއެކެވެ! ޒިންމާ އުފުލަން ނުޖެހިއެއް ނުދާނެއެވެ!
މީސްތަކުންނޭވެ! އެހެން މީހުންގެ ހައްޤުތަކަށް އަރައިގަނެގެން މިދުނިޔޭގައި ކިތަންމެ ބޮޑު އުފަލެއްވެސް ހޯދިދާނެއެވެ. ތިބާ އިމްތިޙާން ކުރެއްވެވުމަށްޓަކައި އެ އުފާވެރިކަން ތިބާ އާއިއެކު މުޅި އުމުރުގައި ލަހައްޓަވައިވެސްފާނެއެވެ. ނަމަވެސް ވިސްނާށެވެ! އެއިރުން އެ އުޅެވެނީ އުހައުވެރިކަމެއްގައެއް ނޫނެވެ. ހޫނުގަދަ އަލިފާންގަނޑެއްގެ ތެރޭގައެވެ. އެއަލިފާނުގެ ހޫނުކަން އިޙްޞާޞްކުރަން ނުޖެހިއެއް ނުދާނެއެވެ.
ބައެއް މީހުން ޖާހާއި ބާރު ހޯދަން ނޫންނަމަ ތަނަވަސްކަން ހޯދުމުގެ ބޭނުމުގައި މީސްތަކުންގެ ހައްޤުތަކަށް އަރައިގަންނަން ބިރު ނުގަންނަނީ އެމީހުންގެ ކިބައި ހުންނަ ޖާހިލުކަން ބޮޑުކަމުންނެވެ. ޤިޔާމަތް ދުވަހާއިމެދު ވިސްނައިވެސް ނުލެވޭތީއެވެ! ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ!
- ބިލާލް އައްސަދުގެ ދަރުސަކުން