ޙާލުގަ ހުރި މީހަކަށް އެހީތެރިވުމަކީ ޤިޔާމަތް ދުވަހު ﷲ ތިބާގެ ނަމުން ވަހީ ކުރައްވަވައި "ގޮވާލައްވަވާނެ" ކަމެއްކަން އެނގޭ ހެއްޔެވެ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ޙާލުގަ ހުރި މީހަކަށް އެހީތެރިވުމަކީ ޤިޔާމަތް ދުވަހު ﷲ ތިބާގެ ނަމުން ވަހީ ކުރައްވަވައި "ގޮވާލައްވަވާނެ" ކަމެއްކަން އެނގޭ ހެއްޔެވެ؟: މުފްތީ މެންކް
ޙާލުގައި ޖެހިފައިވާ މީހަކަށް ނުވަތަ މުޞީބާތެއް ކުރިމަތިވެގެން އުޅޭ މީހަކަށް އެކަމުން އަރައިގަތުމަށް އެހީތެރިވެދިނުމަކީ ޤިޔާމަތް ދުވަހު ﷲ ތަޢާލާ ތިބާގެ ނަމުން ވަހީ ކުރައްވަވައި "ގޮވާލައްވަވާނެ" ކަމެއްކަން އެނގޭ ހެއްޔެވެ؟ ހަމަ އެކަނި "ގޮވާލައްވަވަނީއެއް" ވެސް ތިބާއަށް ކުރިމަތިވެފައިވާ މުޞީބާތަކުން ސަލާމަތްވެސް ކޮށްދެއްވަވާނެތެވެ.

މިދައްކަނީ އާދައިގެ ކަންކަމުގެެ ވާހަކައެއް ނޫނެވެ. ތިބާއަށް އެންމެ ބޮޑު ނިކަމެތިކަމެތިކަން ލިބިފައި އަދި އެންމެ ބޮޑު ބިރުވެރިކަމުގައި ހުންނަ ވަގުތު މަޙްޝަރު މައިދާނުގައި ހުންނަ ވަގުތު އެންމެހައި ކާއިނާތްތަކުގެ ވެރި ރައްބު، ރައްބުލްޢާލަމީން ތިބާގެ ނަމުން ވަޙީ ކުރައްވަވާނެ ވާހަކައެވެ. އަދި ތިބާއަށް ކުރިމަތިވެފައިވާ މުޞީބާތަކުން ސަލާމަތް ކޮށްދެއްވަވާނެ ވާހަކައެވެ.

މީސްތަކުންނޭވެ. ފަޤީރަކަށް ކާން ދިނުމަކީ އެހައި ބޮޑު ޚަރަދެއް ހެއްޔެވެ؟ މަގުމަތީގައި ތަކުލީފެއް ޖެހިގެން އުޅޭ މީހަކަށް އެކަމުން ސަލާމަތްވުމަށް އެހީތެރިވުމަކީ އެހައި ބޮޑުކަމެއް ހެއްޔެވެ؟ ފަޤީރަކު ފެނުމުން އެމީހެއްގެ ވޮލެޓުގައި ހުރި މިންވަރަކުން ޞަދަޤާތެއް ދިނުމަކީ އެހައި ބޮޑުކަމެއް ހެއްޔެވެ؟

ސްކޫލް ފީ ނުދެއްކިގެން ކިތައް މިލިއަން ކުދިން އެބައުޅޭހެއްޔެވެ؟ ގޭގައި ކައްކާނެ އެއްޗެއް ނެތިގެން ކިތައް މިލިއަން މީހުން އެބައުޅޭ ހެއްޔެވެ؟ ޑޮކްޓަރު ލިޔެދިން ބޭސްކޮޅު ނުގަނެވިގެން ކިތައް މިލިއަން މީހުން އެބައުޅޭ ހެއްޔެވެ؟

މިފަދަ ކޮންމެ ކަމެއްގައިވެސް އެމީހަކަށް ފޯރުކޮށްދެވެން އޮތް މިންވަރަކުން އެހީތެރިވެދިނުމަކީ މުޞީބާތުން އެމީހާ ސަލާމަތްކޮށްދިނުން ފަދަ ކަމެކެވެ. މީހެއްގެ ބަލި ހާލުގައި ކުރަންޖެހޭ އޮޕަރޭޝަނަކަށް ފައިސާ ހަމަނުވެގެން އުޅެފާނެއެވެ. ހޮސްޕިޓަލުގެ ބިލް ނުދެއްކިގެން ނުނުކުމެވިފައި އޮވެދާނެއެވެ. ވާން އޮތް ވަރަކުން އެހީވާށެވެ. ކޮށްދެވެން އޮތްނަމަ އެކަމެއް ފުރިހަމަކޮށްދިނުން ކިތަންމެހައިވެސް މަތިވެރިއެވެ. ނޫންނަމަވެސް ވެވުނު ވަރަކުން އެހީތެރިވާށެވެ.

މިދައްކަނީ އަމިއްލައަށް ދައްކާ ވާހަކަތަކެއް ނޫނެވެ. ޞަޙީޙް ޙަދީޘްފުޅުން އެނގެން ހުރި ކަންކަމުގެ ވާހަކައެވެ. ވީމާ އަހަރެމެން އެންމެންނަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައަކަށް ވާން އެބަޖެހޭ ނޫންހެއްޔެވެ؟ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުން ވާގި އެދިގެންނެވެ. އެއިރުން މިދުނިޔޭގައިވެސް އަދި ޢާޚިރަތް ދުވަހުވެސް ﷲ ތައާލާ އަހަރެމެންނަށް ރަނގަޅު ގޮތްތައް މެދުވެރިކުރައްވަވާނެތެވެ. މުޞީީބާތްތަކުން ސަލާމަތް ކުރައްވަވާނެތެވެ.

- މުފްތީ މެންކުގެ ދަރުސަކުން -
މިއަދު އޮންލައިން