މިއަދު ހަވީރު ގދ. ތިނަދޫއަށް ވަޑަިގެން އިސްލާމީ މަރުކަޒުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވައި ލެއްވުމަށްފަހު ޑރ. ޝަހީމް ވިދާޅުވީ އެ މަޝްރޫއަކީ ރައީސް ޔާމީން ވަރަށް ބޮޑަށް އިސްކަން އަދި ސަމާލުކަން ދެއްވައިގެން ކުރިއަށް ގެންދަވާ މަޝްރޫއެއް ކަމަށެވެ.
"އަޅުގަނޑު މިނިސްޓަރުކަމުން އިސްތިއުފާ ދިނުމަށްފަހު ނުކުތްއިރު ކުރެހުން އޮންނާނީ ފާސްކޮށްފަ. ބަޖެޓް ވެސް ކަނޑައަޅައި މަސައްކަތް ފަށަން އޮންނާނީ ތައްޔާރުވެފައި."
ޑރ. ޝަހީމް ވިދާޅުވީ ތިނަދޫ އިސްލާމީ މަރުކަޒު ވެގެންދާނީ ރަށެއްގައި ހުޅުވޭ މިފަދަ ފުރަތަމަ މަރުކަޒު ކަމަށެވެ. އެ މަރުކަޒުގައި ނަމާދުކުރާނެ މިސްކިތުގެ އިތުރުން ލައިބްރަރީއަކާއި އިސްލާމީ ތައުލީމް އުނގަންނައި ދެވޭނެ ވަސީލަތްތައް ވެސް ޤާއިމުކުރެވޭނެ ކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ ތިނަދޫގައި މަރުކަޒު ޤާއިމު ކުރެވުނު ނަމަވެސް އެ މަރުކަޒުގެ ފައިދާ ދެކުނުގެ 4 އަތޮޅަށް ލިބެން ފަށާތަން ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށެވެ.
ތިނަދޫ އިސްލާމީ މަރުކަޒަކީ އިސްލާމިކް މިނިސްޓަރުކަމުގައި ޑރ. ޝަހީމް ހުންނެވިއިރު ސައުދީ ސަރުކާރާއި ދައުލަތުގެ އެހީގައި ބިނާ ކުރައްވަން މަސައްކަތް ފަށްޓަވާފައިވާ މަރުކަޒެކެވެ.
ރާއްޖޭގެ ވެރިކަމަށް ރައީސް ޔާމީން ވަޑައިގަތީންސުރެ މެދުކެނޑުމެއް ނެތި ތިނަދޫގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަ ކުރައްވައި ޑރ. ޝަހީމް ވަނީ ތިނަދޫ ރައްޔިތުން ޑރ. ޝަހީމަށް ތާއީދުކޮށް ދެއްވުމަށް އެދިވަޑައިގެންފައެވެ.
ޑރ. ޝަހީމް ޕީޕީއެމްގެ ޖަލްސާއެއްގައި އެންމެ ފުރަތަމަ ބައިވެރިވެވަޑައިގަތީވެސް ތިނަދޫގައި ޕީޕީއެމުން ބޭއްވި ބައްދަލުވުމެއްގައިކަން ފާހަގަކުރެވެއެވެ.