ޝައިޠާނާ ތިބާއަށް ހަމަލާދޭން ބޭނުންވުމުން ފުރަތަމަ ކަމެއްގެ ގޮތުން ކުރާނެ ކަމަކީ ކޮންމެވެސް ގޮތަކުން ތިބާގެ ހިތުގެ ތެރެއަށް ވަންނަން ބޭނުންވުމެވެ. އެއީ ހިތަކީ އިންސާނާގެ ކޮންޓްރޯލް ރޫމް ކަމަށްވާތީއެވެ. ކޮންޓްރޯލް ރޫމްގެ ބާރު ލިބިއްޖެނަމަ އެމީހަކު ލައްވައި ކުރުވަން ބޭނުންވާ ކޮންމެ ކަމެއްވެސް ކުރުވޭނެތީއެވެ.
ރަނގަޅަށް ވިސްނައިލާށެވެ! ބައެއް ހެޔޮ އަމަލުތައް ކުރަން ފެށުމުން އެކަމަށް ކޮންމެވެސް ގޮތަކުން ހުރަސްތައް ނުއެޅޭ ހެއްޔެވެ؟ ސުންނަތަށް އަމަލުކުރަން ފަށައިފިނަމަ އެއީ ކަޓް ކަންކަން ކަމަށް ހިތަށް ނުވަދޭ ހެއްޔެވެ؟ އަންހެނުން ބުރުގާ އަޅައި ނިވާވުމުން އެއީ ދެން މާބޮޑުވަރުކަމަށާއި މީހުންގެ ކިބައިން ހަމަލާތައް އަމާޒުވާނެ ކަމަށް ބުނެ ބިރުވެރިކަން ނުއުފައްދާ ހެއްޔެވެ؟ އެހައި ވަރަށް ނިވާ ނުވި ނަމަވެސް އިސްލާމް ދީނަށް އަމަލުކުރެވިދާނެ ކަމަށް ހިތަށް ނުވައްދުވާ ހެއްޔެވެ؟
ޞަދަޤާތެއް ދޭން އުޅޭނަމަ ތިއައީ ގިނަ އަދަދެއް ކަމަށް ހިތަށް ވަދެ އަދަދު މަދުކުރަން ވިސްނުމަށް ނައުދޭ ހެއްޔެވެ؟ ނަމާދު ވަގުތައް ފިހާރަ ބަންދުކުރަން އުޅޭއިރު ވިކުރާއަށް ގެއްލޭނެ އަދަދު ހިތަށް ނުވައްދުވާ ހެއްޔެވެ؟ ޙަރާމް ތަކެތީގެ ވިޔަފާރި ކުރުމުން ލިބޭ ޢާމްދަނީ އިތުރުވެ އަވަހަށް މުއްސަނދިވާނެ ކަމަށް ހިތަށް ނުވަދޭ ހެއްޔެވެ؟
މީސްތަކުންނޭވެ! މިހުރިހާ ކަންކަމަކީވެސް ހަމަ ޝައިޠާނާގެ ކިބައިން އަންނަ މައްސަލަތަކެވެ. ޝައިޠާނާ އުފައްދުވާ ވަސްވާސްތަކާއި ކުރިމަތިކުރުވާ މުޞީބާތްތަކެވެ.
ރަނގަޅަށް ވިސްނާށެވެ! ﷲ ތަޢާލާގެ އެންގެވުންތަކަށް ވިއްނާށެވެ. ﷲ ތަޢާލާއަށްޓަކައި ނުބައި އަމަލަކުން، ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަމަކުން ދުރުހެލިވެއްޖެނަަ އެމީހަކަށް މާގިނަ ނިޢްމަތްތައް ﷲ ތަޢަލާ މިންވަރު ކުރައްވަވާނެއެވެ.
ކުރާ މަސައްކަތް ހުއްޓާލައި ޖަމާއަތަށް ނަމާދަށް ދިއުމުން އެމީހަކު ކުރާ މަސައްކަތްތަކުގައި ﷲ ތަޢާލާ ބަރަކާތް އިތުރު ކުރައްވަވާނެއެވެ! މިއީ ހަމަ އެންމެން ދަންނަ ކަމެކެވެ. މައްސަލައަކީ އެނގުނު ނަމަވެސް ފަރުވާ ކުޑަކުރެވޭ ކަމެވެ.
އެމީހަކު ކުރާ މަސައްކަތުގައި ﷲ ތަޢާލާ ބަރަކާތް ލަައްވަވައިފިނަމަ މަދުވާނީ ކޮން ކަމެއް ހެއްޔެވެ؟ ނުލިބޭނީ ކޮން މުއްސަނދިކަމެއް ހެއްޔެވެ؟ ނިކަން ބުނެބަލާށެވެ! ކޮންމެ ނަމާދު ވަގުތަކު ފިހާރަ ހުޅުވައިގެން އިންނަމަވެސް ތިބާއަށް ލިބޭނީ ހަމަ ﷲ ތަޢާލާ ދެއްވެވި މިންވަރެއް ނޫން ހެއްޔެވެ؟ އިތުރަށް އެންމެ ލާރިއެއްވެސް ލިބޭނެ ހެއްޔެވެ؟ ވީއިރު ﷲ ތަޢާލާ އަންގަވާފައިވާ ފަދައިން އަމަލުކުރަން ތިއަ ފަސްޖެހެނީ ކީއްވެގެން ހެއްޔެވެ؟
ނިކަން ވިސްނުން ހިންގައިލަބަލާށެވެ! ﷲ ތަޢާލާ އެންގެވި ގޮތް ދޫކޮށް ދަހިވެތިކަމާއިއެކު ވިޔަފާރިކޮށް މުއްސަނދިވާފަހުން ވިޔަފާރިއަށް އަރާ ހަމަ ކުޑަކުޑަ ލޮޅުމެއްގައި ފަޤިރުވެފައި ތިބީ ކިތައް ވިޔަފާރިވެރިން ހެއްޔެވެ؟ ބޮޑު ބައްޔެއް ޖެހި ނުކުޅެދޭ މީހުންނަށްވެފައި ތިބީ ކިތައް މީހުން ހެއްޔެވެ؟ ހޯދި ނަފާއިން ކުރީ ކޮން ފައިދާއެއް ހެއްޔެވެ؟
- ލަވް އިސްލާމްގެ ދަރުސަކުން -