ޢާއިލާ ދެމެހެއްޓުމަށް މުހިންމު ފިލާވަޅެއް: އަނބިންގެ ބަލިފައިތައް ދައްކާ ކައިވެނިި ރޫޅުވަނީ އިބިލީހާ އިބިލީހުގެ އިންސާނީ އެޖެންޓުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
ޢާއިލާ ދެމެހެއްޓުމަށް މުހިންމު ފިލާވަޅެއް: އަނބިންގެ ބަލިފައިތައް ދައްކާ ކައިވެނިި ރޫޅުވަނީ އިބިލީހާ އިބިލީހުގެ އިންސާނީ އެޖެންޓުން!
އަނބިންގެ ބަލިފައިތައް ދައްކައި ކައިވެނި ރޫޅާލުމަށް ހިއްވަރު ދެނީ އިބިލީހެވެ. އިބިލީހުގެ އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވާ ޝައިޠާނުންތަކެވެ. އެ ޝައިޠާނުންތައް އިންސާނުންގެ ސިފައިގައިވެސް ތިބޭނެއެވެ. އިންސާނުންގެ ތެރޭގައިވެސް އުޅޭނެއެވެ. އެކުވެރިންގެ ގޮތުގައިވެސް ފެންނާނެއެވެ.

އެ ޝައީޠާނުންތަކުގެ ބަހަށް އަމަލުކުރީމާ ދެދުނިޔެވެސް ދާނީ ގެއްލިގެންނެވެ. ގެއްލިގެންދާނީ ހަމައެކަނި އަނބިދަރިންނެއް ނޫނެވެ. އާޚިރަތްވެސް މެއެވެ.

ރަނގަޅަށް ވިސްނާށެވެ! އަނބިން ވަރިކުރުމަށްފަހު ދަރިންނާއި އަޅައިލެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ހީކުރަނީ އަޅައިލުމަކީ ހަމައެކަނި ޚަރަދު ދިނުން ކަމަށް ހެއްޔެވެ؟ އެންމެ ރަނގަޅެވެ. އެންމެ ކުޑަމިނުން ޚަރަދުވެސް ދެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ހީކުރަނީ ޚަރަދު ނުކުރީމާ އެއީ ކުދިންގެ މަންމައަށް ދަރާ ދަރަންނެއްގެ ގޮތުގައި ނިމިގެންދާނެ ކަމަށް ހެއްޔެވެ؟

ވަރަށް ރަނގަޅަށް ވިސްނާށެވެ. ދަރަނި ދަރަންޏަކަށް އޮންނާނެއެވެ. ނުދައްކާ ނަމަ ދާނީ ވެސް އިތުރުވަމުންނެވެ. މީގެ އިތުރުން ދަރިންނަށް އަޅައި ނުލީމާ، ތަރުބިއްޔަތު ނުކުރީމާ، ބައްޕަގެ ޒިންމާ އަދާނުކުރީމާ އެދަނީ ފާފަވެރިވަމުންނެވެ. މަތިމައްޗަށް ފާފަވެރިވަމުންނެވެ. ޤިޔާމަތް ދުވަހު އެ ފާފަތަކުން ސަލާމަތްކަން އެދޭނަމަ ޚަރަދު ދިން ނަމަވެސް ޖެހޭނީ ހަމަ އަޅައިވެސް ލާށެވެ! ޒިންމާ އަދާކުރާށެވެ.

ގިނަ އަދަދެއްގެ ކައިވެނިތައް ރޫޅުމުގައި ގާތް އެކުވެރިން ކަމަށް ހެދިގެން އުޅޭ މީހުންގެ ޒިންމާ ވަރަށް ބޮޑެވެ. އެފަދަ މީހުން އަނބިމީހާގެ ކަޓުކަމާ އެހެނިހެން ކަންކަމުގެ ވާހަކަތައް ދައްކާނެއެވެ. މިވެނި އަންހެނަކު މާފުރިހަމަވާނެކަމަށްވެސް ބުނާނެއެވެ.

އަނެއްކާވެސް ބުނަމެވެ. ރަނގަޅަށް ވިސްނާށެވެ! ޤިޔާމަތް ދުވަހު މީސްތަކުން އެންމެ ބޮޑަށް ހިތާމަކުރަންޖެހޭނެ އެއްކަމަކީ ނުުބައި އެކުވެރިންނާއިއެކު އުޅެވުނު ކަމެވެ. އެމީހުންނާއިއެކު އެމީހުން ބުނާ ގޮތަށް އުޅެން ހަދައިގެން ﷲ ތަޢާލާގެ އެންގެވުންތަކާއި ދުރުހެލިވެވުނު ކަމެވެ. ތިމާ އަމިއްލައަށް ކުރަން ބޭނުން ނުވި އެތައް ކަމެއް އެމީހުންނާއި ހެދި ކުރެވުނީތީއެވެ.

މިކަންކަމަށް ސަމާލުވާށެވެ. ދަރިން ދޫކޮށްފައި، އެއްލާލާފައިދާ މައިންވެސް ވިސްނާށެވެ! އެމީހުންގެ މަސްއޫލިއްޔަތުތަކަކުން ވެސް ބަރީއައެއް ނުވެވޭނެއެވެ. ރީތި މީހެއް ނޫނީ މުއްސަންޖެއް ލިބުމުން ވަރިވެގެންދާއިރު ދަރިން އެއްލާލާފައި ދާނަމަ ދަރިންކޮޅަށް ކުރިމަތިވާ ކަންކަމާއިމެދު ސުވާލު ކުރެވޭނެއެވެ. ދަރިން ގޮވައިގެން ދިއަ ނަމަވެސް އެކަމުގެ ސަބަބުން ދަރިންނަށް ލިބޭ ހުރިހާ ގެއްލުންތަކެއްގެ ޒިންމާ އުފުލައި ޖަވާބުދާރީވާން ވެސް ޖެހޭނެއެވެ.

ކައިވެންޏަށްފަހު އެންމެ ގާތް ވާނީ ދެމަފިރިންނެވެ. ބަލިވެ އިންނަ ހިސާބުން އެގުޅުން އިތުރަށް ބަދަހިކުރާށެވެ! ހުރިހާ އުފަލަކީ އަމިއްލަ ޢާއިލާ ކަމަށް ހަދާށެވެ! އެއިރުން އެހެން މީހުންނަށް އެދެމެދަކަށް ނުވަދެވޭނެއެވެ. ނަމަވެސް އެކަން ކުރެވޭނީ ދެމީހުންވެސް އެކަކު އަނެކަކަށް ވަރަށް ބޮޑަށް ލޯބިދީ އިތުބާރު އުފައްދައިގެންނެވެ. ވީމާ ކައިވެންޏާއި ހަމައިން ދެ މީހުންވެސް އެންމެ ބޮޑު އިސްކަމެއް ދޭންވާނީ ތެދުވެރިކަމާއި ވަފާތެރި ކަމަށެވެ. އިޙްތިރާމްކޮށް ޤަދަރުކުރުމަށެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -
މިއަދު އޮންލައިން