ދިވެހިންނަށް މިދުވަސްތަކު ރޯދަ ހިފުމަށް ފަސޭހަވާނެ ގޮތަށް ﷲ ދެއްވެވި ފުރުޞަތުގެ ބޭނުން ހިފަމާތޯ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ދިވެހިންނަށް މިދުވަސްތަކު ރޯދަ ހިފުމަށް ފަސޭހަވާނެ ގޮތަށް ﷲ ދެއްވެވި ފުރުޞަތުގެ ބޭނުން ހިފަމާތޯ!
މިއަހަރު ދިވެހިންނަށް މާތް ﷲ މިންވަރު ކުރައްވަވާފައި މިވަނީ ވަރަށް ބޮޑު ނިޢްމަތެކެވެ. މިއަދުން ފެށިގެން ޢަރަފާތު ދުވަހާއި ހަމައަށް ރޯދަ ހިފަން ވަރަށް ފަސޭހަވާނެ ގޮތަށް ކަންތައްތައް މެދުވެރިކުރައްވަވާފައި އޮތުމުންނެވެ. މިއަދުން ފެށިގެން ކުރިއަށް ހުރީ ބަންދު ދުވަސްތަކަކަށް ވުމުންނެވެ.

މިދުވަސްތަކުގެ ބޭނުން ހިފަންވީ ކުޅިވަރާއި މަޖާކުރުމަކަށް ނޫނެވެ. އާޚިރަތް ދުވަހު ތިމާއަށް އެންމެ ފައިދާކުރާނެ ގޮތްތަކަށް ކަންކަން ކުރުމަށެވެ.

ގިނަ ބައަކު ޗުއްޓީގައި ވަނީ ރަށްރަށަށް ގޮސްފައެވެ. އަދިވެސް ފުރަނީއެވެ. ރިސޯޓްތަކަށްވެސް ދަނީއެވެ. ރޯދަ ހިފުމާއި އަޅުކަން ކުރުމަކީ ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެން ނަމަވެސް ނުހަނު ފަސޭހައިން ކުރެވެން އޮތް ކަންކެމެވެ.

މިދިއަ އަަހަރުގެ ޢީދު ބަންދުގައި ރިސޯޓަކަށް ޢާއިލާ ގޮވައިގެން ޗުއްޓީ ހޭދަކުރަން ދިއަ މީހަކު ބުނީ އޭނާ ހުރިހާ ނަމާދުތަކެއް ހަމަ ޖަމާއަތުގައި ރިސޯޓުގެ މިސްކިތުގައި ކުރި ކަމަށެވެ. އަދި އަނބިމީހާއި ދެމީހުން ރޯދަ ވެސް ހިފިކަމަށެވެ.

ރާއްޖެތެރޭގެ ރަށަކަށް ދެވިއްޖެނަމަ އަދި މާފުރިހަމައަށް މިކަންކަން ކުރެވޭނެއެވެ. އުފަލުގައި ޗުއްޓީ ހޭދަކުރަމުން ދުވަސްތަކުގެ ސަވާބު ފުރިހަމައަށް ލިބިގަނެވޭނެއެވެ. ވީމާ ޗުއްޓީ އަށް ދިއުމަކީ ހަމައެކަނި ކުޅިވަރުކުޅުމާއި މަޖާކުރުން ކަމަށް ނުހަދާށެވެ! ޗުއްޓީގެ ބޭނުން ވެސް އެންމެ ފައިދާހުރި ގޮތުގައި ހިފާށެވެ!
މިއަދު އޮންލައިން