މިކަންކަމާއި ހުރެ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ހުންނެވީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގެންފައެވެ. މާޔޫސްކަން ލިބިވަޑައިގެންފައެވެ. ﷲ ތަޢާލާ، އިތުރު މާތް ނަބިއްޔާ ދޫކޮށްލެއްވެވީ ކަމަށްވެސް ހިތްޕުޅަށް އަރާވަޑައިގަންނަވާ ޙާލުކޮޅުގައެވެ.
ވައްޟުޙާ ސޫރަތް ބާވައިލެއްވެވުން ވެގެން ދިއައީ މި ހުރިހައި ކަމެއްގެ ހައްލަށެވެ. ހުރިހައި ސުވާލުތަކެއްގެ ޖަވާބަށެވެ.
"ދުވާލުގެ އަލިކަން ފެތުރި ހަމަޖެހޭ ވަގުތު ގަންދެއްވަވަމެވެ. ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ކަލޭގެފާނު ދޫކޮށެއް ނުލައްވަވައެވެ. އަދި ނުރުހުންވެ ވޮޑިއެއް ނުގަންނަވައެވެ. އަދި ކަލޭގެފާނަށްޓަކައި ދުނިޔެއަށްވުރެ އާޚިރަތް ހެޔޮކަން ބޮޑުކަން ކަށަވަރެވެ. އަދި ނިކަންހުރެ، ކަލޭގެފާނުގެ ވެރި ރަސްކަލާނގެ، ކަލޭގެފާނަށް ދެއްވަވާނެކަން ކަށަވަރެވެ. ދެން ކަލޭގެފާނު ރުހިވަޑައިގަންނަވާނެތެވެ.
ކަލޭގެފާނު ޔަތީމަކު ކަމުގައި ވަނިކޮށް އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގެން ނުވޭ ހެއްޔެވެ؟ ދެން އެކަލާނގެ، ކަލޭގެފާނަށް ހިޔާވަހިކަން ދެއްވެވިއެވެ. އަދި ކަލާގެފާނު ހައިރާންވެވަޑައިގެންވަނިކޮށް، އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނަށް މަގު ދެއްކެވިއެވެ. އަދި ފަޤީރަކު ކަމުގައި ކަލޭގެފާނުވާތި، އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގފާނު މުއްސަނދި ކުރެއްވެވިއެވެ.
ދަންނާށެވެ! ފަހެ، ކަލޭގެފާނު، ޔަތީމް ކުއްޖާ ނިކަމެތިކޮށް ނުލައްވަވާށެވެ! އަދި ދަންނާށެވެ! ފަހެ، ކަމަކަށް އެދި އަންނަ މީހާއަށް، ކަލޭގެފާނު ނުރުހުމުގެ ބަސްފުޅެއް ވިދާޅު ނުވާށެވެ! އަދި ދަންނާށެވެ! ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ދެއްވެވި ނިޢްމަތުގެ ވާހަކައިން، ފަހެ، ކަލޭގެފާނު ވާހަކަ ދައްކަވައި އުޅުއްވަވާށެވެ!"
މީސްތަކުންނޭވެ! މިސޫރަތާއިމެދު ފުންކޮށް ވިސްނާށެވެ! ތަފްސީރުތައްވެސް ކިޔައި މައުލޫމާތު ހޯދާށެވެ! މިސޫރަތް ބާވައިލައްވަވާފައިވާއިރު ސީދާ އިތުރު މާތް ނަބިއްޔާ (ޟޢވ) އަށް މުޚާޠަބްކުރައްވަވާފައިވީނަމަވެސް މި އާޔަތްތައް އެންމެ މީސްތަކުންނަށްވެސް ވަނީ ރައްދުވެގެންނެވެ.
އަހަރެމެން އެންމެ ނިކަމެތި ޙާލުގައިވާއިރުވެސް ﷲ ތަޢާލާ އަހަރެމެން އެންމެން ދެކެވޮޑިގެންވެއެވެ. އަހަރެމެންގެ ޙާލަތު އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ. އެ ހާލަތުން ތަނަވަސް ޙާލަތަށް އަހަރެމެން ބަދަލުކޮށް ދެއްވަވަނީ ހަމަ ﷲ ތަޢާލާއެވެ.
އެ ގޮތަށް އަހަރެމެންގެ ޙާލަތު ބަދަލުކުރެއްވެވުމުން އަހަރެމެންނަށް އަމަލު ކުރެވެނީ ކިހިނަކުން ހެއްޔެވެ؟
ޔަތީމް ކުއްޖާ ނިކަމެތި ނުކުރަމު ހެއްޔެވެ؟ ކަމަކަށް އެދި އަންނަ މީހާއަށް، ނުރުހުމުގެ ބަސްތައް ނުބުނަމުހެއްޔެވެ؟ ﷲ ތަޢާލާ ދެއްވެވި ނިޢްމަތުގެ ވާހަކަ ތެދުބަހުން ބުނެ އުޅެމު ހެއްޔެވެ؟
ގިނަ މީހުންގެ ތެރެއިންވެސް ގިނަ މީހުންނަށް ކަންތައްތައް ކުރެވެނީ މިފަދައަކުން ނޫނެވެ. ﷲ ތަޢާލާ ނިޢްމަތްތައް ދެއްވެވުމުން މި ސޫރަތުގައި ﷲ ތަޢާލާ ގަދައަޅުއްވަވައި އަމުރުފުޅު ކުރައްވަވާ އެއްވެސް ކަމެއް ކުރަން ހަނދާން ވެސް ނުހުރެއެވެ.
ޔަތީމުންނާއި އަޅައެއް ނުލައެވެ. ޙާލުގައި ޖެހިގެން އަންނަ މީހުންނަށް ބުނަނީ ނުރުހުމުގެ ބަސްތަކެވެ. ﷲ ތަޢާލާ ދެއްވެވި ނިޢްމަތްތައް ފޮރުވައި އަތުގައި ފައިސާ ނެތް ކަމަށް ބުނެ ބޮޑު ދޮގުތައްވެސް ހަދަނީއެވެ. އެފަދަ ބޮޑެތި ދޮގުތައް ހަދާއިރު އެ އަޑުތައް، 7 ވަނަ އުޑުގެމަތިން ﷲ ތަޢާލާ އައްސަވައި ވޮޑިގެންވާކަން ވެސް ހަނދާނަކު ނުހުރެއެވެ.
ކިތަންމެ ކުޑަ ނަމަވެސް ތަނަވަސްކަމެއް ﷲ ތަޢާލާ ދެއްވަވައިފި ނަމަ މި އާޔަތްތަކަށް ބިރުވެތިވުން އިތުރުކުރާށެވެ! މިދެއްކި ވާހަކަތަކަށް ވިސްނައި ސަލާމަތްކަން ލިބިގަންނަން މަސައްކަތް ކުރާށެވެ. ހަމަ އެއާއިއެކު ކިތަންމެ ނިކަމެތި ހާލުގައި އުޅެންޖެހުނު ނަމަވެސް މާޔޫސް ނުވާށެވެ. އަހަރެމެންގެ ޙާލު އެންމެ މޮޅަށް ﷲ ތަޢާލާ ދެކެ ދެނެވޮޑިގެންވާކަން މިއޮތީ ހަމަ މިސޫރަތުގެ އާޔަތްތަކުންވެސް ފެނި، އެނގި ކަށަވަރުވާށެވެ!
ތަނަވަސްކަން ލިބުމުން ދޮގު ހަދައި މަކަރު ހަދަމުން ގެންދާއިރު ފިރިމީހާގެ އަތުގައި ފައިސާ ހުރެމެ ނެތް ކަމަށްބުނެ ޚުދު ތިމާގެ އަމިއްލަ އަނބިމީހާއަށް އެބަ ދޮގުހަދައެވެ! އެ ދޮގުގެ އަޑު 7 ވަަނަ އުޑުގެ މަތިން ﷲ ތަޢާލާ ވަގުތުން އައްސަވައި ވޮޑިގެންވާކަމާއި އަތުގައި ހުރެމެ ނެތްކަމަށް ބުނި ފައިސާ އާއި އިތުރު ތަނަވަސްކަން ﷲ ތަޢާލާ ވަގުތުން ގެންދަވައިފާނެ ކަމަށް ކުޑަ ނަމަވެސް ބިރުގަތުމެއްވެސް ނެތިއެވެ. ސުބްޙާނަﷲ!
ރަނގަޅު ވާހަކައެއް ބުނަންހެއްޔެވެ؟ ތިބާއަކީ އަނބިދަރިންނާއި މައިންބަފައިންނަށްވުރެ، މާނައަކީ ތިބާގެ ހުރިހާ ކަމަަކަށްވުރެ ﷲ ތަޢާލާ ދެކެ ލޯބިވާ މީހަކު ކަމުގައި ވެއްޖެ ނަމަ އެ ހުރިހާ ފަރާތްތަކަށްވުރެ ތިބާ ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވަތެވެ. ތިބާގެ އަމަލުތައް ސީދާ ކުރުމަށްފަހު ﷲ ތަޢާލާ ތިބާއަށް ޢަފޫ ކުރައްވަވާނެ ކަމަށް ޤަބޫލުކޮށްފިނަމަ ތިބާގެ ހުރިހާ ފާފަތަކަށް ޢަފޫ ކުރައްވަވާނެތެވެ. ތިބާއަކީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އަމަލުކުރަމުން ސުވަރުގެ އެދޭ މީހަކު ނަމަ، އިން ޝާ ﷲ ތިބާއަށް މާޔޫސްކަމެއް ނެތެވެ. އިންޝާ ﷲ ތިބާ ސުވަރުގެ ވައްދަވާނެތެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން -