މިސަރުކާރުން ހުވަދު އަތޮޅަކީ ރާއްޖޭގެ މައި އިޤްޠިޞާދީ ހަބަށް ހަދާ އެކަމުގެ ސިޔާސަތުތައް އިއުލާނު ކުރެވި ތަންފީޒުކުރުމުގެ މަސައްކަތް މިހާރުވެސް ފަށައިގެން ކުރިއަށް ގެންދާ ކަމަށް ރަނިންމޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ގދ ތިނަދޫގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ މާޒީއަށް ބަލައިފިނަމަ ގދ. ތިނަދޫ އަކީ ވިޔަފާރީގެ ގޮތުން ވަރަށް ކުރިއަރާފައި އޮތް ރަށެއް ކަމަށާއި ބޭރުން މުދާ ސީދާ އެތެރެކުރަމުން ދިއަ ރަށެއް ކަމަށެވެ. ރައީސް ޔާމީން މިހާރު ފަށްޓަވާފައިވާ ތަރައްޤީގެ ސިޔާސަތުން ހަމަ އެކުރިއެރުން ތިނަދޫއަށާއި ހުވަދު އަތޮޅަށް ލިބިގެންދާނެ ކަމަށެވެ.
ކާޑެއްދޫ އެއާޕޯޓް އިންޓަރނޭޝަނަލް އެއާޕޯޓަކަށް ހެދުމަށް ކުރެވެމުން އަންނަ މަސައްކަތްތަކާއި ހުވަދުއަތޮޅުގައި ފަތުރުވެރިކަމުގެ ބިޔަ މަޝްރޫއެއް ފަށްޓަވަން ރައީސް ޔާމީން އިއުލާނު ކުރައްވާފައިވާކަން ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ. ޑރ. ޝަހީމް ވިދާޅުވީ ތިނަދޫގައި ޤާއިމުކުރާ އިސްލާމީ މަރުކަޒުގެ އިތުރުން ފުވައްމުލަކާއި އެކިއެކި އަތޮޅުތަކުގައި އިސްލާމީ މަރުކަޒުތައް ޤާއިމުކުރައްވާނެ ކަމަށެވެ. ދުވަހަކުވެސް މިސަރުކާރުން އިސްލާމީ ޝިޢާރެއްގެ ޙުރުމަތް ކަނޑައި ނުލާނެ ކަމަށެވެ. "މިސަރުކާރު ވެރިކަމަށް އައިސް އެއިރު އަޅާނުލައި ހުރި 700 އަށްވުރެ ގިނަމިސްކިތާއި އަޅާލައި އާބާތުރަ ވަނީ ފިލުވާފަ."
ޑރ. ޝަހީމް ވިދާޅުވީ އެހެން ސަރުކާރެއް ވެރިކަމަށް އަތުވެއްޖެނަމަ އިސްލާމީ މަރުކަޒްތައް ނުއަޅާނެ ކަމަށެވެ. އެކަން އެނގެނީ ކުއްލިއްޔާ އަކީ ޓެރަރިސްޓުން އުފައްދާ ތަނެއް ކަމަށްބުނެ ކުއްލިއްޔާ ބަންދުކުރަން އުޅެފައިވާތީ."
ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގައި މިހާރު އަރަބި ބަސް ކިޔަވައިދެނީ ހަމައެކަނި އަރަބިއްޔާ ސްކޫލުގައި ނޫން ކަމަށެވެ. އިތުރު ސްކޫލުތަކުގައި ދަނީ ކިޔަވައިދެމުން ކަމަށާއި މަސައްކަތް ކުރަމުން ދަނީ ހުރިހާ ސްކޫލްތަކެއްގައިވެސް ޢަރަބި ބަސް ކިޔަވައިދިނުމަށް ކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގައި ހަމަހަމަ ކަމާއި އިޖުތިމާއީ އަދާލަތު ޤާއިމުކުރުމަށް އެންމެ ބޮޑު ސަމާލުކަމެއް ދެއްވީ ރައީސް ޔާމީން ކަމަށެވެ. އަދި ވަޒީފާ ދިނުމުގައި ދެ ޖިންސަށް ހަމަކުރައްވައި ދައުލަތުގެ ވުޒާރާތައް ހިންގުމުގެ އިސްވެރިންނަށް ޒުވާނުން ހަމަޖެއްސެވީ ރައީސް ޔާމީން ކަމަށެވެ.
މިފަދަ ކަންކަމަށް ވިސްނައި ތިނަދޫގެ ރައްޔިތުންވެސް ރައީސް ޔާމީނު އާއިއެކުގައި ސާބިތުވެ ތިބުމަށް ޑރ. ޝަހީމް ވަނީ އެދިވަޑައިގެންފައެވެ.