އިސްލާމް ދީނަށް ކުރެވޭ އެންމެ ބޮޑު ފުރައްސާރައަކީ އިސްލާމުންގެ ނަމުގަ ތިބެ މުންކަރާތްތަކަށް ފާޅުގަ އަރައިގަތުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 24ސ
އިސްލާމް ދީނަށް ކުރެވޭ އެންމެ ބޮޑު ފުރައްސާރައަކީ އިސްލާމުންގެ ނަމުގަ ތިބެ މުންކަރާތްތަކަށް ފާޅުގަ އަރައިގަތުން!
ތިމަންމެންނަކީ އިސްލާމުން ކަމަށް ބުނެ މުސްލިމުންގެ ލޭބަލް ޖަހައިގެން މިއަދު އުޅޭ ބައެއް މީހުންނަކީ އިސްލާމް ދީނަށް އަމަލުކުރުމުގައި ވަރަށް ބޮޑަށް އިހްމާލުވެފަައިވާ ބައެކެވެ. އަދި ބައެއް މީހުންނަކީ ކަނޑައެޅިގެން ﷲ ތަޢާލާ ހަރާމް ކުރައްވަވާފައިވާ ކަންކަމަށް ފައުޅުގައި އަރައިގަންނަމުންދާ މީހުންނެވެ. އަދި ބައެއް މީހުންނަކީ މުންކަރާތްތަކަށް އަރައިގަތުމަށްފަހު އެއީ ކުށެއް ނޫންކަމަށްވެސް ބުނެ ވަކާލާތުވެސް ކުރާ މީހުންނެވެ.

މިފަދަ ބައެއް މީހުން މުސްލިމުން ހެދުން އަޅައި އުޅޭ ގޮތަށް ހެދުން އަޅައިގެން ތިބެ ނައިޓް ކްލަބްތަކަަށް ވެސް ވަދެއެވެ. އެތަންތަނުގެ ޚިދުމަތްވެސް ހޯދައެވެ. ބަނގުރާ ބޭނުންކޮށް ފާހިޝް އަމަލުތައްވެސް ކުރެއެވެ. މިހުރިހާ ކަންކަމެއް ކުރާއިރު މަންޒަރު ބަލަން ތިބޭ މުސްލިމުންގެ އަދާވާތްތެރިން އެމަންޒަރު ބަލަން ތިބެ ގިނަ ފަހަރު ފުރައްސާރަކުރަނީ އެ ނުބައި އަމަލުތައް ކުރާ މީހާއަކަށް ނޫނެވެ. މުސްލިމުންނަށެވެ. އިސްލާމް ދީނަށެވެ.

އިސްލާމް ދީނަށް ކުރެވޭ އެންމެ ބޮޑު ފުރައްސާރައަކީ އިސްލާމުންގެ، މުސްލިމުންގެ ނަމުގައި ތިބެ މުންކަރާތްތަކަށް ފާޅުގަ އަރައިގަތުން ކަމަށް މިބުނަނީ އެހެންވެގެންނެވެ. ތިމާ އެފަދަ ކަންކަން ކުރަނީ އިސްލާމް ދީނަށް ފުރައްސާރަކުރަން ނޫން ކަމަށްވެދާނެއެވެ. ނަމަވެސް ތިމާ ކުރާ ކަންކަމުގެ ސަބަބުން އިސްލާމް ދީނަށް ފުރައްސާރަކުރެވިގެން ދިއައިމަ އެކަން އެވަނީ ކާކުގެ ސަބަބުން ހިނގައިދިއަ ކަމަކަށްހެއްޔެވެ؟ ކާކު ކުރި ކަމަކަށް ހެއްޔެވެ؟

އިސްލާމީ އުންމަތަށް ނިކަމެތިކަން މިއަދު ލިބެމުން މިދާ އެންމެ ބޮޑު އެއް ސަބަބަކީ ހަމަ މުސްލިމުންގެ ލޭބަލް ޖަހައިގެން ތިބި ބައެއްގެ އަމަލުތަކެވެ. މުސްލިމް އަޚުންނޭވެ! ﷲ ތަޢާލާއަށް ބިރުވެތިވާށެވެ! ތިބާގެ ސަބަބުން އިސްލާމް ދީނަށް ކިތަންމެ ކުޑަ ނަމަވެސް ފުރައްސާރައެއް ކުރެވުނަ ނުދޭށެވެ! ތިބާގެ ސަބަބުން އިސްލާމް ދީނަށް ލިބިގެންދާ "އިންސަލްޓް" (މަލާމާތާއި ފުރައްސާރަ) ގެ ސަބަބުން ނަރަކައަށް ވަންނަން ޖެހިދާނެ ކަމަށް ބިރުވެތިވާށެވެ.

- ލަވް އިސްލާމްގެ ދަރުސަކުން

ވަރަށް އިބްރަތްތެރި ބަސްކޮޅުތަކެކެވެ. މިއަދު ރާއްޖޭގައި ކަންތައްތައް ވަމުން މިދާ ގޮތާއި ވަރަށް ގުޅުންހުރި ބަސްކޮޅު ތަކެކެވެ. ރާއްޖެ ދުނިޔޭގެ ކުރިމަތީގައި ލޭޭބަލް ކޮށްގެން މިއުޅެނީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައެވެ. ނަމަވެސް ރާއްޖެ ލޭބަލްވަމުން މިދަނީ ﷲ ތަޢާލާ ކަނޑައެޅިގެން ޙަރާމް ކުރެއްވެވި ކަންކަމަށް އަރައިގަތުމުގައި ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދަމުންދާ ޤައުމެއްގެ ގޮތުގައެވެ. ދުނިޔޭގެ ކޮރަޕްޝަން އިންޑެކްސް އިން މިކަން މިހާރުވެސް އެއޮތީ ވަރަށް ސާފުކޮށް ފެނިހާމަވާށެވެ!

ވައްކަމާއި ފަސާދައެވެ. ރިޝްވަތު ހިފުމާއި ރިޝްވަތު ދިނުމެވެ. އަދުލު އިންޞާފު ނުލިބޭކަމަށް ރައްޔިތުންގެ އެންމެ ގިނަ ބައަކު ޤަބޫލުކުރުމެވެ. ﷲ ޙަރާމް ކުރެއްވެވި ކަންކަން އެއީ ހުއްދަ ކަންކަމަށް ހަދައިގެން ވާހަކަ ދެއްކުމުގައެވެ. ރިޝްވަތު ބެހުމަށްފަހު އަދި ވައްކަން ކޮށްފައި ފައުޅުގައި ވައްކަން ކޮށްފީމެވެ ބުނުމުގައެވެ. އެފަދަ އިއްތިރާފްތައް އަމިއްލައަށް ވުމުންވެސް މައްސަލަތައް ނުބެލުމުގައެވެ. އެންމެ ފަހުން ބުދުވެސް މިވަނީ ބަހައްޓާފައެވެ.

މިފަދަ ކަންކަމަށް ވާގިވެރިވުމާއި ތާއީދު ކުރުމަކީ އިސްލާމް ދީނަށް ފުރައްސާރަކުރުން ނޫންކަމަށް ހެދޭނީ ކިހިނަކުން ހެއްޔެވެ؟ އެހެނީ އެކަންކަން ކުރުން ނަހީ ކުރައްވަވާފައިވަނީ ﷲ ތަޢާލާއެވެ. އެކަންކަން ކުރުމާއި އެކަންކަން ކުރުމަށް ތާއީދު ކުރުމުން މިބުނެވެނީ ކީކޭބާވައެވެ؟ މިކުރެވެނީ ކޮން ކަމެއް ބާވައެވެ؟ މިހިރީ މިއަދު އުފެދިފައިވާ ބޮޑެތި ސުވާލުތަކެވެ.

ތިމާ އަށް ކުރެވުނު ނަމަވެސް މައިން ބަފައިން ކުރި ނަމަވެސް ތިމާ އެންމެ ތާއީދުކުރާ މީހާ ނުވަތަ ބައަކު ކުރި ނަމަވެސް ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަމެއް ވާނީ ހަމަ ޙަރާމް ކުރެއްވެވި ކަމަކަށެވެ. ﷲ ތަޢާލާ ޙަރާމް ކުރެއްވެވި އެއްވެސް ކަމެއް ޙަލާލު ކުރުމުގެ ބާރު ހަމަ އެކަކަށްވެސް ލިބިގެނެއް ނުވެއެވެ.

އިސްލާމް ދީނަށް ފުރައްސާރަކުރުމުގައި ހުރި ނުބައިކަން ބަޔާންކުރައްވައި އައްޝައިޚް އިއްޒިއްދީން ޢަދްނާން މިއަދު ވާހަކަފުޅު ދައްކަވާފައި އެވަނީވެސް ހަމަ މިފަދަ ކަންކަމުގައި ހުރި ނުބައިކަން ބޮޑުކަން ހާމަކުރެއްވުމަށް ކަމަށް ޤަބޫލު ކުރެވެއެވެ.

"އެންމެ ބޮޑު އަނިޔާއަކީ އިސްލާމް ދީނަށް ފުރައްސާރަކޮށް މަލާމާތް ކުރާ މީހުންނަށް ވާގިވެރިވުން. އަޅުގަނޑުމެން ދަންނަން މިޖެހެނީ ކަނޑައެޅިގެން މާތްﷲ އާއި އެކަލާންގެ ރަސޫލާ އާއި އެކަލާންގެ އާޔަތްތަކަށް މަލާމާތް ކުރުމަކީ އެމީހަކު ދީނުން ބޭރުވެގެން ދާނެ ކަމެއްކަން. އަދި އެމީހަކީ އަބަދަށްޓަކައި ނަރަކައިގައި އޮންނާނެ މީހެއްކަން ތައުބާ ނުވާ ކަމުގައި ވަނީ ނަމަ. އަދި އެމީހުންނަށް ވާގިވެރިވާ މީހުންނަކީ ވެސް ހުކުމްތަކުގެ ތެރެއަށް ވަދެގެން ދާނެ ބައެއްކަން،"

އިސްލާމް ދީނަށް ކުރެވޭނެ އެންމެ ބޮޑު ފުރައްސާރައަކީ ﷲ ތަޢާލާގެ އާޔަތްތައް "ބޮލާލައި ޖެހުން" ނުވަތަ ޢާޔަތްތަކަށް އެއްވެސް އިޙްތިރާމެއް ނުކޮށް ތިމާ ބޭނުންހައި ގޮތަކަށް ކަންތައްތައް ކުރުން ކަމަށް ދީނީ ޢިލްމުވެރިން ގެންދަވަނީ ބަޔާން ކުރައްވަމުންނެވެ.

ޝައިޚް ޢިއްޒުއްދީންގެ ބަސްފުޅުތަކުން ވެސް އެނގިގެންދަނީ ﷲ ތަޢާލާ ކުރައްވަވާފައިވާ އަމުރުފުޅުތަކަށް އަމަލު ނުކުރުމަކީ އިސްލާމް ދީނަށާއި ﷲ ތަޢާލާ ބާވައިލެއްވެވި އާޔަތްތަކަށް ފުރައްސާރަކުރުން ކަމެވެ. އަދި އެފަދަ ކަންކަން ކުރާ މީހުންނާއި އެފަދަ ކަންކަމަށް ވާގިވެރިވާ މީހުންނަކީ ތައުބާ ނުވިނަމަ ނަރަކައިގައި ދާއިމަށް ތިބެންޖެހިދާނެ ބައެއް ކަމެވެ.
މިއަދު އޮންލައިން